އިޓަލީގެ މާފިއާ ގޭންގަކުން ލާޒިއޯ ގަންނަން އުޅެފި

މުބާރިކް ރަފީއު ޖުލައި 23، 18:32 0 ޚިޔާލު

އިޓަލިއަން ލީގުގެ ކްލަބް ލާޒިއޯ ގަތުމަށް އިޓަލީގެ ނުރައްކާތެރި މާފިއާ ގޭންގުން ކުުރި މަސައްކަތް އިޓަލީ ފުލުހުން ހުއްޓުވައި އެތަށް ބަޔަކު ހައްޔަރުކޮށްފިއެވެ.

ނޭޕްލެސް އަށް ނިސްބަތްވާ މާފިއާ ގޭންގަކުން ލާޒިއޯ ގަތުމަށް މަސައްކަތް ކުރަމުން ގެންދިޔައީ ތިންވަނަ ޕާޓީއެއް އެދެފަރާތުގެ މެދަށް ލައިގެން ވަރަށް ސިއްރުންނެވެ.

ނަމަވެސް އިޓަލީގެ ފުލުހުން ވަނީ މިކަމުގައި އުޅުނު ގިނަ ބަޔަކު ހައްޔަރުކުރުމަށް އަމުރުނެރެ ވިޔަފާރި ވަގުތުން ހުއްޓުވާފައެވެ. ހައްޔަރުކުރަން އަމުރު ނެރުނު މީހުންގެ ތެރޭގައި ލާޒިއޯގެ ކުރީގެ ކުޅުންތެރިޔާ އަދި ކުރިން އެޓީމުގެ ރައީސް ކަންވެސް ކޮށްފައިވާ ޖޯޖިއޯ ޗިނަގްލިއާވެސް ހިމެނެއެވެ. 2006 ވަނަ އަހަރު ލާޒއޯގެ ސަޕޯޓަރުންތަކެއް އޭނާ އަށް ބިރުދެއްކުމާއި ގުޅިގެން ޗިނަގްލިއާ މިހާރު ދިރުއުޅެމުން ގެންދަނީ ފިލައިގެން އެމެރިކާގައި ކަމަށްވެއެވެ.

ލާޒިއޯ އަކީ 2000 ވަނަ އަހަރު އިޓަލީ ޗެމްޕިއަނުންނެވެ. މީ އެކްލަބްގެ ތާރީހުގައި އިޓާލިއަން ލީގު ލިބުނު ދެވަނަފަހަރެވެ. ވޭތުވެދިޔަ ސީޒަންގައި އެކްލަބް ލީގު ނިންމީ 12 ވަނައިގައެވެ. މި ސީޒަންގައިވެސް އެކްލަބްގެ ފަރާތުން ބޮޑެތި ޓީމުތަކަށް މާ ބޮޑު ތުރާލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވެއެވެ.--ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv