ދިރާގު މޯބައިލު ފޯނުގެ ހިދުމަތް މުޅިރާއްޖެއިން ތިންގަޑިއިރަށް މެދުކެނޑިއްޖެ

މުހައްމަދު އަފްރާޙް ޖުލައި 23، 18:22 0 ޚިޔާލު

ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑު(ދިރާގު)ގެ މޮބައިލް ނެޓްވޯކަށް ދިމާވި ފަންނީ މައްސަލައެއްގެ ސަބަބުން މޮބައިލް ފޯނުގެ ހިދުމަތް ތިންގަޑިއިރަށް ރޭ މެދުކެނޑިއްޖެ އެވެ.

ދިރާގުގެ މާކެޓިން މެނޭޖަރ ބްރޯޑް ބޭންޑް އެންޑް ފިކްސް އަހުމަދު މައުމޫނު ވިދާޅުވީ އެކުންފުނީގެ މޮބައިލް ނެޓްވޯކަށް އާއްމުކޮށް ދިމާނުވާ ޓެކްނިކަލް މައްސަލައެއްގެ ރޭ ދިމާވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކުން މޮބައިލް ފޯނުގެ ހިދުމަތް ކެނޑިގެން ދިޔަ ކަމަށެވެ.

” މި މައްސަލައަކީ މޫސުން ގޯސްވުމުގެ ސަބަބުން ވީކަމެއް ނޫން. މިއީ އާއްމުކޮށް ދިމާނުވާ ވައްތަރުގެ ޓެކްނިކަލް ފޭލިޔާއެއް.“ މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ވިދާޅުވީ ރޭ 10.10 ގައި މާލޭގެ ބޮޑު ބަޔަކުން މޮބައިލް ނެޓްވޯކު ފެއިލް ވެފައިވާ ކަމަށާއި އަދި 11.00 ގައި ރާއްޖޭގެ ބޮޑު ބަޔަކުން މޮބައިލް ފޯނުގެ ހިދުމަތް ކެނޑިގެން ގޮސްފައިވާ ކަމަށެވެ. އަދި މިކަމާއިގުޅިގެން ދިރާގުގެ ޓެކްނިކަލް ޓީމުން މަސައްކަތްކޮށްގެން އެއްކޮށް އެމައްސަލަ ހައްލު ކުރެވުނީ 1.00 ހާއިރު ކަމަށެވެ.

” ހިދުމަތް ކަނޑައިގެން ދިޔަ ކަމުގައި ވިއަސް ފޯނުތަކަށް އެސްއެމްއެސް ބަރާބަރަށް ފޮނުވުނު. އެ މައްސަލަ ހަމައެކަނި ދިމާވީ ވޮއިސް ކޯލަށް.“ މައުމޫނު ވިދާޅުވިއެވެ.

ރޭ މޮބައިލް ނެޓްވޯކު ” ފެއިލް“ ވިއިރު ފޯނުން ވާހަކަ ދައްކަމުން ދިޔަ އައިސަތު ނޫރާ ބުނީ ފޯނުގައި ހުއްޓާ ކުއްލިއަކަށް އަޑުކެނޑިގެން ދިޔައީ ކަމަށެވެ.

” އަހަރެން ހީކުރީ ފޯނުގެ މައްސަލައެއްކަމަށް. ނަމަވެސް ފަހުން އެގުނު ފޯނުގެ މަސައްލައެއް ނޫންކަން. އަހަރެންނަށް ރ އަލިފުއްޓަށް ގުޅޭ ވަރުވީ 12.30 އެހާކަން ހާއިރު.“ ނޫރާ ބުންޏެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv