ޓީމް އާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް އެސޯސިއޭޝަނަކުން އެއްބަސްވެއްޖެ

މުހައްމަދު އަފްރާޙް ޖުލައި 23، 18:20 0 ޚިޔާލު

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ޖަމއިްޔާ ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް( ޓީމް) އާއިއެކު ގުޅިގެން މަސައްކަތް ކުރުމަށް ތިން އެސޯސިއޭޝަނަކުން އެއްބަސްވެފައިވާ ކަމަށް ޓުއަރިޒަމް އެމްޕްލޯއީ އެސޯސިއޭޝަނުން ބުނެފި އެވެ.

ޓީމްގެ ވަގުތީ ރައީސް އަހުމަދު އީސާ މިއަދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ތަމްސީލްކުރާ ޖަމްއިއްޔާއާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށާއި އެގޮތުން މިހާރު އެޖަމިއްޔާއިން ނިންމާ ނިންމުންތައް ނިންމާއި އެފަރާތްތަކާއި ގުޅިގެން ކަމަށެވެ.

” އަޅުގަނޑުމެން އެސޯސިއޭޝަން ރަސްމީކޮށް އިފްތާހުކުރި ރޭގައި އެފަރާތްތަކާއި އެކު ވާނީ އެއްބަސްވުމަށް އައިސްފައި. މިހާރު ހުރިހާ ނިންމުންތަކެއް ނިންމާނީ އެފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު.“ އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ އެތިން އެސޯސިއޭޝަނަކީ ލިވަބޯޑު އެސޯސިއޭޝަނާއި އެއާޕޯޓު ރެޕުންގެ އެސޯސިއޭޝަންގެ އިތުރުން އެއާޕޯޓް ރެކްރިއޭޝަން ކްލަބް ކަމަށެވެ.

ޓުއަރިޒަމް އެމްޕްލޯއީ އެސޯސިއޭޝަނުން ބުނީ އެސޯސިއޭޝަނުން މިހާރު މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރުމަށާއި އެކަމުގެ މަގުސަދަކީ މެންބަރުނަށް އޮޅުން އަރާފައިވާ ކަންތައްތަކެއް އޮޅުން ފިލުވައިދިނުމަށް ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv