ރަޝިޔާ އާއެކު ޚާއްޞަ ގުޅުމެއް ޤާއިމުކުރައްވާނެކަމަށް ޗަވޭޒް ވިދާޅުވެއްޖެ
އެމެރިކާގެ ނުރައްކަލުން ވެނެޒުއޭލާ ދިފާޢުކުރުމުގެ ގޮތުން ރަޝިޔާއާއެކު ޚާއްޞަ ގުޅުމެއް ޤާއިމުކުރައްވާނެ ކަމަށާއި ރައީސް ޑިމިޓްރީ މެޑްވެޑޭވް އާއެކު މިކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި ވެނެޒުއޭލާގެ ރައީސް ހޫގޯ ޗަވޭޒް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސިޔާސަތުތަކަށް އަބަދުވެސް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ރައީސް ޗަވޭޒް ވިދާޅުވި ގޮތުގައި ރަޝިޔާ އާއެކު އިއްޔެ ހަކަތަ އާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މިއެއްބަސްވުމުގެ ދަށުން ރަޝިޔާގެ ކުންފުނިތަކަށް ވެނެޒުއޭލާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. ރައީސް ޗަވޭޒް ވިދާޅުވި ގޮތުގައި އޭނާ މިހާރު ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުވަޒީރު ލަޑީމިއަރ ޕޫޓިން އާއި ރައީސް ޑިމިޓްރީ މެޑްވެޑޭވް އާއި ބައްދަލުކުރައްވާ ކުރިމަގުގައި ގުޅުން އިތުރަށް ބަދަހި ކުރައްވަން ބޭނުންފުޅުވާ ދާއިރާތައް ފާހަގަ ކުރައްވާނެކަމަށެވެ.
ރަޝިޔާ އާއި ވެނެޒުއޭލާގެ މެދުގައި އަސްކަރީގޮތުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ. އެހެންނަމަވެސް، މިއީ ކޮންކަހަލަ ގޮތަކުން ގުޅުން ބަދަހި ކުރުންކަމެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއްނުވެއެވެ.
އެހެންނަމަވެސް، ބައެއް ރިޕޯޓުތައް ބުނާގޮތުގައި ރަޝިޔާގެ ބައެއް އަސްކަރީ ސާމާނުތައް ވެނެޒުއޭލާއިން ގަންނަގޮތަށް ހަމަޖެހިފައިވެއެވެ. އަދި އަސްކަރީ ތަމްރީނުތައް ދެޤައުމު ގުޅިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވެއެވެ.
ރައީސް ޗަވޭޒް ވިދާޅުވެފައިވާ ގޮތުގައި ރަޝިޔާ އާއެކު ގުޅުން ބަދަހިކުރައްވަން އޭނާ މަސައްކަތް ކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ އެމެރިކާއިން އެޤައުމަށް ކުރިމަތި ކުރަމުން އަންނަ ފިއްތުންތަކަށް ޖަވާބު ހޯދުމުގެ ގޮތުންނެވެ.
ވެނެޒުއޭލާގައި މަސައްކަތް ކުރަމުންދިޔަ ވަރަށްގިނަ އެމެރިކާގެ ވިޔަފާރިވެރިން މިހާރުވަނީ ވެނެޒުއޭލާގެ ހަރުކަށި ޤަވާޢިދުތަކާ ގުޅިގެން އެޤައުމު ދޫކޮށްފައެވެ.