ޕާކިސްތާނުގައި ވާނުވާނޭގި ގެއްލޭ މީހުންގެ މައްސަލަ ބޮޑުވަނީ

ހުސައިން ރަޝީދު ޖުލައި 23، 17:58 0 ޚިޔާލު

ޕާކިސްތާނުގައި ވާނުވާނޭގި ގެއްލޭ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ ކަމަށާއި އެފަދަ ފަރާތްތައް ގެއްލެން މެދުވެރިވާ ސަބަބުތައް ހޯދާ އެކަން ހާމަކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ގޮވާލައިފިއެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ޕާކިސްތާނުގެ ސަރުކާރަށް ގޮވާލާފައިވަނީ މިގޮތަށް ގެއްލެމުންދާ މީހުންގެ ހާދިސާތައް ތަހުޤީޤުކޮށް އެކަމާ ބެހޭ ތަފްޞީލު މަޢުލޫމާތުތައް ހާމަކޮށްދިނުމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނުގައި ގެއްލޭ ގިނަ މީހުންނަކީ ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކުރެވޭ މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅު ހަދާފަރާތްތައް ކަމަށްވެސް އެފަރާތުން ހާމަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ވަރަށްގިނަ ޖަމާޢަތްތަކުންވެސް މިގޮތުން ހައްޔަރު ކުރެވިފައިވާ ފަރާތްތައް މިނިވަންކޮށް ދިނުމަށްއެދި ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް، އެޖަމާޢަތްތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ނާކާމިޔާބުވެފައިވެއެވެ.

ޕާކިސްތާނުގެ އާންމު އިންތިޚާބު ބޭއްވުމުގެ ކުރިން އެޤައުމުގައި މިގޮތަށް ވަރަށްގިނަ ބަޔަކުވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް، ފަހުން ބައެއް މީހުން މިނިވަންކޮށްފައިވެއެވެ. މިގޮތުން މިނިވަން ކުރެވުނުއިރުވެސް އަދި ވަރަށް ގިނަ ބަޔަކުވަނީ ހައްޔަރުކޮށްފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ފަރާތުން ގޮވާލާފައިވާ ގޮތުގައި ސިއްރު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމުގެ ބަދަލުގައި އެމީހުންނަކީ ކުށްވެރިން ކަމުގައިވާނަމަ، އެމީހުން މަދަނީ ޖަލުތަކަށް ބަދަލުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

ޕާކިސްތާނުގެ ރައީސް ޕަރުވޭޒް މުޝައްރަފު ވިދާޅުވެފައިވާ ގޮތުގައި އެގޮތަށް ގެއްލޭ މީހުންނަކީ ސިފައިން ހައްޔަރުކުރާ މީހުންނެއް ނޫނެވެ. އަދި އެމީހުންނަކީ މުޖާހިދުންނާ ގުޅިގެން ފިލައިގެން މަސައްކަތް ކުރަމުންދާ މީހުންކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv