
އުތުރު ކޮރެޔާއާއިއެކު މަޝްވަރާ ކުރެއްވުމަށް ރައިސް ސިންގަޕޫރަށް ވަޑައިގެންފި
އުތުރުކޮރެޔާއިން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫޢުގެ މަސައްކަތް ހުއްޓާލިކަމުގެ މަޢުލޫމާތު ހިމެނޭ ރިޕޯޓު ތައްޔާރުކޮށް ހުށަހަޅާފައިވާއިރު، އެކަމުގެ ސައްހަކަން ބެލުމަށް އެމެރިކާ އާއި ކަމާބެހޭ އެހެން ޤައުމުތަކުން މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ ޚާރިޖީ ވަޒީރު ކޮންޑޮލީޒާ ރައިސް ސިންގަޕޫރަށް ވަޑައިގެންފިއެވެ.
އެކަމަނާގެ މިދަތުރުފުޅުގައި އުތުރުކޮރެޔާގެ މަސައްކަތާ ބެހޭގޮތުންނާއި ކުރިމަގުގައި އެމެރިކާގެ ސިޔާސަތު އޮންނާނެ ގޮތާމެދު މަޝްވަރާ ކުރައްވާނެކަމަށް ޚަބަރު ލިބިފައިވެއެވެ. މީގެއިތުރުން އާސިއާންގެ އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ.
މިގޮތުން ސިންގަޕޫރުގައި ދެކޮރެޔާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޗައިނާ އާއި ޖަޕާން އަދި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވެއެވެ.
އެމެރިކާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އޮފިޝަލް ކްރިސްޓޮފާ ހިލް ވިދާޅުވި ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އުތުރުކޮރެޔާގެ ރިޕޯޓުގެ ސައްހަކަން ބެލުމަށްފަހު އެޤައުމަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ސިންގަޕޫރުގައި ކުރިއަށްދާ ބައްދަލުވުމުގެ ކުރިން ފަސް ސަފްޙާގެ ރިޕޯޓު އެހެން ޤައުމުތަކަށްވެސް ފޮނުވާފައިވާ ކަމަށާއި ދެދުވަހުގެ މަޝްވަރާތަކަށްފަހު އެދެވޭ އެއްބަސްވުމަކަށް އާދެވޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ވޮޝިންޓަނުން ހާމަކުރާ ގޮތުގައި އިރާނާއި ޢިރާޤު އަދި ސޫރިޔާގެ ލިސްޓުން މިހާރު އުތުރުކޮރެޔާ އުނިކުރެވިދާނެކަމަށް އަންނަނީ ބެލެވެމުންނެވެ.
ކްރިސްޓޮފަރ ހިލް ވިދާޅުވި ގޮތުގައި އުތުރުކޮރެޔާގެ އިސް އޮފިޝަލުންނާއެކު ރައިސް ސިންގަޕޫރުގައި ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާ ބައްދަލުވުމުގެ ސަބަބުން ދެޤައުމުގެ ގުޅުމަށް އެދެވޭ ބަދަލެއް އަންނާނެކަމަށް އަދި ދަންނަވަން ދަތިކަމަށެވެ. އެހެންނަމަވެސް، ޤައުމުގެ ސިޔާސަތަށް ބަދަލެއް ނާންނަނަމަ، އަބަދުވެސް އެމެރިކާގެ ސިޔާސަތަކީ އަބަދުވެސް ހުރިހާ ޤައުމަކާއެކު ގުޅުން އަބަދުވެސް ބަދަހިކުރުމަށް ކަމަށެވެ.