ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާތީ ރައީސްގެ ތަރުޖަމާނާމެދު ފިޔަވަޅު އެޅުއްވުމަށް ސިވިލް ސާވިސް ކޮމިޝަނުން ރައީސް އޮފީހަށް އަންގައިފި

އަންވަރު އިބްރާހިމް ޖުލައި 23، 17:43 12 ޚިޔާލު

ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާން މުހަންމަދު ހުސައިން ޝަރީފު (މުންދު) ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާތީ ފިޔަވަޅު އެޅުމަށް ސިވިލްސާވިސް ކޮމިޝަނުން ރައީސް އޮފީހަށް އަންގައިފި އެވެ.

ސިވިލްސާވިސް ކޮމިޝަނުގެ މެމްބަރު މުހަންމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ރައީސްގެ ސްޕޯކްސް ޕަރސަންއާ މެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހަށް އަންގާފައިވާ ކަމަށެވެ.

” ސްޕޯކްސް ޕަރސަން އާ މެދު ފިޔަވަޅު އެޅުމަށް މިހާރުވާނީ އަންގާފައި. މީޑިއާގެ ވަސީލަތްތަކުންވެސް އަދި އެނޫން ގޮތްގޮތުންވެސް ޑީއާރްޕީގެ ޒައީމްގެ ވަފުދެއްގައި ސްޕޯކްސް ޕާސަން އިންޑިއާއަށް ވަނީ ވަޑައިގެންފައި. ކޮމިޝަނުން އެކަމާމެދު ފިޔަވަޅު އެޅުމަށް މިހާރު މިވަނީ އަންގާފައި.“ ފަހުމީ ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޒަޢީމް އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމްގެ ޚާއްސަ މަންދޫބެއްގެ ގޮތުން އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިޝް މައުމޫން ރަސްމީ ދަތުރުފުޅެއްގައި މިމަހުގެ 17 ވަނަ ދުވަހު އިންޑިޔާއަށް ވަޑައިގެންނެވިއިރު, ރިޔާސީ ތަރުޖަމާނު މުޙައްމަދު ހުސެއިން ޝަރީފްވެސް ބައިވެރިވެ ވަޑައިގެންފައި ވާކަން ޑީއާރްޕީގެ ސައިޓުވެސް ބުނެއެވެ.

ޑީއާރްޕީގެ ސައިޓްގައި ބުނެފައިވަނީ މުންދުވެސް އެދަރުގައި ބައިވެރިވެވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު މިމަހުގެ 20 ވަނަ ދުވަހުގެ ރޭ މޭލެވަޑައިގެންފައި ވާކަމަށެވެ. އަދި އެކަމާ ގުޅޭފޮޓޯތައްވެސް ޑީއާރްޕީ ސައިޓްގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން ސިވިލްސާވިސް ކޮމިޝަނުން މިއަދު ވަނީ ސިވިލްސާވިސް މުވައްޒަފުން ދިވެހި ސިވިލްސާވިސްގެ ގަވައިދާ ޚިލާފަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ އެކަން ކުށްވެރިކޮށް ނޫސްބަޔާނެއްވެސް ނެރެފައެވެ.

އެބަޔާނުގައި ބުނެފައިވަނީ 2008 ޖުލައި 16 ވަނަ ދުވަހު އިންޑިއާގެ ކޮންގްރެސް ޕާޓީގެ ދައުވަތަކަށް އިންޑިއާގެ ދިއްލިއަށް ޑީއާރްޕީން ފޮނުވި ޚާއްސަ ވަފުދެއްގައި ސިވިލްސާވިސް މުވައްޒަފަކު ބައިވެރިވެވަޑައިގެންކަމަށް އެކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމަކީ ސިވިލް ސާވިސް މުވައްޒަފަކު ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ކަމަށްވެފައި, އެއަމަލަކީ ދިވެހި ސިވިލްސާވިސްގެ ގާނޫނާއި ގަވައިދާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ފާހަގަކޮށްފައި ވެއެވެ.

ސިވިލްސާވިސް އިން ނެރުނު ބަޔާނުގައި ހުރިހާ ފަރާތްތަކުންވެސް ދިވެހި ސިވިލްސާވިސް ގާނޫނަށް ހުރިމަތްތެރިކޮށް ހިތައިގެން ކަންތައްތައް ރާވާހިންގުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އަދި އެގޮތަށް އެފަދަ ކަންކަން ނުހިންގުމަކީ އެފަދަ ކަންކަމުގައި ޝާމިލްވާ ސިވިލްސާވިސް މުވައްޒަފުންނަށް ދެރަގޮތްތައް ކުރިމަތިވެދާނެ ކަމެއްކަމަށް އެބަޔާނުގައި ހަނދާން ކޮށްދީފައިވެސް ވެއެވެ. މުންދުއަކީ އެޕާޓީގެ ޒުވާނުންގެ ކައުންސިލްގެ މާލޭ މެމްބަރެވެ.

މުންދުއާ މެދު ފިޔަވަޅެއް އަޅުއްވާފައި ވޭތޯ ބެލުމަށް ރައީސް އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ހަސަން ދީދީ އާ ގުޅުއްވުމުން ވިދާޅުވީ އެފަދަ މައުލޫމާތެއް އަދި ލިބިވަޑައިގެންފައި ނުވާކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ހުވާތެދެއްމިބުނީ އަހަރެމެންގެ ޒަޢީމަށް އެޅުއްވުނު އެއްމެ ޅައެއްޗަކީ މި ސިވިލް ސާރވިސްގެ ގާނޫނު ތަސްދީގުކުރެއްވުން. އާނ ދެން ދޮގެއްތަ؟ ފުރަތަމަ އެމަނިކުފާނުގެ އުމުރުގެ މީހުން މުސްކުޅިކޮށް އެމީހުންގެ ތާއިދު ގެއްލުވާލީ. އެވަރުން ނުވެގެން ކޮންގްރެސްގަ ބައިވެރިކުރުމުން އެކަންވެސް ބޭޒާރުކޮށްލީ. މިހާރުދެން ރައީސްގެ ތަރުޖަމާނާމެދު ތިހެދިގޮތެއްދޯ. ލަދުންބޯހަލާކު. ދެން މިދިވެހިން ކިޔަން ފަށަފާނެ ތިމާ އަމިއްލައަތުން ތިމާގެ ކައްވަޅޫ ކޮނުނީއޭ. = އ ލ ޤ =

    ބުދަ، ޖުލައި 23 2008، 18:21
  2. ހާދަ ހީނުވޭ މުންދުއާއި ދޭތެރޭ ފިޔަވަޅުއަޅާނެހެން ސްޕޯކްސް ޕަރސަންއަށްވީމަ. އާދައިގެ މުވައްޒިފެއްނަމަ ޔަގީން އޭނާގެ ވަޒީފާ މިހާރު އޮންނާނީގެއްލިފަ.މިކަމާއިދޭތެރޭ ފިޔަވަޅެއްނާޅައިފިނަމަ ސިވިލްސާވިސްއާއި މެދު ދިވެހި ރައްޔިތުންގެ މެދުގައި ސުވާލުއުފެދޭނެކަން ހަމަ ޔަގީން. ސަރުކާރު މުވައްޒަފެއް

    ބުރާސްފަތި، ޖުލައި 24 2008، 08:43
  3. ޑީއާރުޕީ މެމްބަރެއްނު...... ހަމަ އެއްކަމެއްވެސްނުވާނެ... ހުރިހާ ޑީއާރުޕީ މެމްބަރުން އުޅޭނީ "އެބޯވް ދަ ލޯ" ގަ..... މީ ދޮގެއްނޫންކަން މިފަހަރު ޔަގީންވާނެ

    ބުދަ، ޖުލައި 23 2008، 22:38
  4. ސިވިލްސަރވިސްގެ ޤާނޫނާ ޚިލާފުވީމަ ދެން ހަދަން އޮންނަގޮތަކީ ކޮބައިތޯއެވެ، ނަސޭހަތްދިނުން ތޯއެވެ، ޤާނޫނާ ޚިލާފުވީމަ ދޭން އޮންނަ އަދަބެއް ތިބުނާ މީހަކަށްވެސް ދެވެންޖެހޭނެއެވެ، ސިވިލްސަރވިސްގެ ޤާނޫނުންވެސް އަދަބުލިބޭނީ ނިކަމެތިމީހާއަށްތޯއެވެ. -އަލިފުޅު-

    ބުދަ، ޖުލައި 23 2008، 19:48
  5. ސިވިލް ސާރވިސް ކޮމިޝަނުން އެނިންމެވީ ވަރަށް މުހިންމު ކަމެއް. މިފަދަ މީހުން އަމިއްލަ އެދުމާއިގެން ފޯވެގެން އުޅޭނަމަ ދިވެހިންރައްޔިތުންގެ ބަޖެޓުން މި މީހުންގެ މުސާރައަށް މިކުރާ ޚަރަދުގެ ބޭނުން ޤައުމަށް ފުރިހަމައަށް ނުކުރާނެއެވެ. ފުޓުބޯޅަ ޓީމަކަށް ވިޔަސް، ރިޔާސީ ގަނޑުވަރަކަށް ވިސް، ސަރުކާރުގެ ވެރިޔަކަށް ވިޔަސް މުސާރަ ޚަރަދުކުރަނީ ރައްޔިތުން، ވީމާ މިފަދަ މަޤާމުތަކުގައި ތިބޭ މީހުން ސަރުކާރުގެ މުސާރައިގާ އަމިއްލަ ފައިދާ ނެގުމުގެ ސިޔާސަތު ހުއްޓުވުމަށް ކޮމިޝަނުން ތިޔަ ކުރައްވާ މަސައްކަތަށް ހަމަ ސާބަސް. ހުރިހާ ކަމަކާއި ވެސް ކެރިގެން ކުރިމަތި ލައްވާށެވެ. އަޅުގަނޑުމެން މިތިބީ ކޮމިޝަނާއި އެކުގައެވެ.

    ބުރާސްފަތި، ޖުލައި 24 2008، 08:33
  6. މުންދުއަކަސް ބޭނުންގޮތަކަށް އުޅެވިގެންނުވާނެ، މިއީ، މަނާކުރާކަމެއް، އޭނާޖެހޭނީ ސީދާ ވަޒީފާ އިން ވަކިކުރަން، އެހެންނޫނީ، އަހަރެމެންނާމެދުގައިވެސް މިގޮތަށްހަރަކާތްތެރިވުމުން އެއވެސް ފިޔަވަޅެއްއެޅިގެންނުވާނެއެވެ. ފަހުމީމެންވެސް މަނާކުރާކަންތައްތައް ކުރާމީހުންނާމެދުގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެއެވެ. = ސިވިލްސާވިސްގެމުވައްޒަފެއް =

    ބުދަ، ޖުލައި 23 2008، 18:44
  7. އަނބޮއްފުޅާ ދަނބޮއްފުޅުގެ ވާހަކައަށް މިހާރު ތި ސިވިލްސަރވިސް ކޮމިޝަންވެއްޖެނު. ތިޔޮތީ ދަތްލުއްސާލާފަ. ދެން މޮންދޫދު ދާނީ ކޯޓަށް އެހިސާބުން ސިވިލް ސަރވިސްގެ ބާރު ކެނޑުނީ

    ބުދަ، ޖުލައި 23 2008، 20:39
  8. ސިވިލް ސަރވިސް އިން ތިކުރައްވާ ކަމަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެއް.. ޤާނޫނު މާނަ ކުރަން ނޭގޭކަމަށް ކޯޓުގެ ޙުކުމުން އެގެން އޮތުމުން ތިވެސް އެކަހަލަ މަފްހޫމަކަށް ވެދާނެ... މީގެ ހެއްވާކަމަކީ ކޯޓުތަކުންވެސް ވަޒީފާއާއި ބެހޭ ގޮތުން ބައެއް ފަރާތް ތަކުން ހުށަހެޅި މައްސަލަތައް ބޮލާލާ ޖަހާލާ، މެމްބަރުންގެ މައްސަލަ ބަލައިގަތްކަން. ވަކީލެއް

    ބުރާސްފަތި، ޖުލައި 24 2008، 00:03
  9. ސިވިލްސަރވިސް ޤާނޫނުވެސް ތަންފީޒު ކުރެވޭނީ ނިކަމެތިންނަށް. ވަޒީފާގެ ގޮތުންދަށް، މާލީގޮތުން ތަނަވަސްކަމެއްނެތް މީހުންނަށް. ދަވެހިރާއްޖޭގައި ޤާނޫނެއް އޮތުމުގެ ބޭނުމެއްނެތް. އެގާނޫނެއް އެންމެފުރަތަމަ، މުގުރާލާނީވެސް ވެރިން. މިއީ ދައްކައިދޭ ނަމޫނާއަކީ. ހިތާމަހުރި! ދިވެހިދަރިއެއް.

    ބުރާސްފަތި، ޖުލައި 24 2008، 07:28
  10. ސިވިލްސާވިސްއަކީ ފެއިލްވެފައިވާ އެއްޗެއް ހުސެއިން ޝަރީފްގެ ވަޒީފާގެ ވާޖިބު އެބޭފުޅާއަށް އަދާނުކުރެވެންޏާ ކީއްކުރާމީހެއް

    ބުރާސްފަތި، ޖުލައި 24 2008، 07:33
  11. ފިޔަވަޅޭއް ނާޅާނެ. ހަމަ އެމައުމޫނު ވިދާޅުވީ ޕާޓީއެއްގައި އުޅެގެން ވަޒީފާ އަކަށް ބަދަލެއް ނާންނާނޭ. އެކަމު ވަނީ އެހެނެއް ނޫން. ޒިމްބާބްވޭ އަށް މިތަން ވާކަށް އަހަރެން ބޭނުމެއްނޫން. ދެން މައުމޫން އިސްތިއުފާ ދީފަ ދިއުން އެއީ އެންމެ ރަނގަޅު ގޮތް. މައުމޫން.. ޕްލީޒް އިސްތިއުފާދީ. އަލީ މުހަންމަދު

    ބުދަ، ޖުލައި 23 2008، 18:44
  12. ސިވިލްސާވިސް ކޮަމިޝަނަށް އަދިތިޔަކަމެއް ނުކުރެވޭނެ އެވެ. ރައީސްމައުމޫނަށް ފެންނަގޮތަށް އަދިހިންގާނީ ތަފީފުވެސް އެތެރެއިން ތިޔަހުންނަވަނީ މައުމޫނާއެކުގައެވެ.-ދަރޭ-

    ބުދަ، ޖުލައި 23 2008، 18:40
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv