ގާނޫނު އަސާސީ ތަސްދީގު ކުރުމުގެ ކުރިން ކޮންމެހެން ގެންނަންޖެހޭކަމަށް ބުނާ ފުލުހުންގެ ބިލު ފާސްކޮށްފި

އަހުމަދު މުހުސިން ޖުލައި 23، 17:40 0 ޚިޔާލު

އިސްލާހްކުރި ޤާނޫން އަސާސީ ތަސްދީޤް ކުރުމުގެ ކުރިން ކޮންމެހެންވެސް ގެންނަންޖެހޭ ޤާނޫނެއް ކަމަށް ސަރުކާރުން ބުނާ ފުލުހުންގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބިލު ފާސްކުރައްވާފައިވަނީ ބިލަށް މެންބަރުން ހުށަހެޅުއްވި 43 އިސްލާހުގެ ތެރެއިން ފާސްވި 3 އިސްލާހަކާއެކު, އެވަގުތު ވަޑައިގެން ތިއްބެވި 42 މެންބަރުންގެ އިއްތިފާގުންނެވެ.

ފާސްވި އިސްލާހު ތަކުގެ ތެރެއިން މެންބަރުން ފާހަގަކުރެއްވި އެންމެ މުހިއްމު އިސްލާހަކީ 10 ވަނަ މައްދާ އުނިކުރުމަށް ފާސްވި ފާސްވުމެވެ. އެއީ ވަކިތަނެއްގައި މަޑު ނުކޮށް ދިއުމަށާއި އެނބުރި ނައުމަށް އެންގުމުގެ ބާރެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ މިމާއްދާ ފާސްވުމުން އެކިތަންތަނަށް އެއްވާ މީހުން ފޮނުވާލުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މަޖިލީހަށް ހުށަހެޅިތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 78 މާއްދާގެ މައްޗަށް އެކުލެވޭ މިބިލުގެ ފަހު މަރުހަލާގައި މެންބަރުން ވަނީ ބައެއް އެދުންތައް ހުށަހަޅުއްވާފައެވެ.

އެގޮތުން ގިނަ މެންބަރުން މައިގަނޑުގޮތެއްގައި ވިދާޅުވީ ބިލުގައި އަދިވެސް ކަންބޮޑުވާންޖެހޭ ބައެއް މާއްދާތައް އެބަހުރި ކަމަށާއި ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން އެންމެ ރަނގަޅީ މިބިލު ފަހުން އިސްލާހު ކުރަން ނަމަވެސް ފާސްކުރެއްވުން ކަމަށެވެ.

ބިލު ދިރާސާކުރެއްވި ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން ޏ. އަތޮޅު މެންބަރ މުހައްމަދު އިބްރާހީމް ދީދީ)މޮޑީ( ވިދާޅުވީ ބިލު އިސްލާހުކޮށްފައިވަނީ ވަރަށްގިނަ މައުލޫމާތުތައް އެއްކޮށް އޭގެ މައްޗަށާއި މެންބަރުން ހުށަހެޅުއްވި ޚިޔާލުތަކަށް ވަރަށް ބޮޑަށް ބައްލަވައިގެން ކަމަށެވެ.

ލ.އަތޮޅު މެންބަރ މޫސާމަނިކު ވިދާޅުވީ މިގާނޫނު ފާސްވުމުން ވެރިން އަންގައިގެން ކަންކުރެވުނީއޭ ބުނުމުގެ ޖާގައެއް ފުލުހުންނަކަށް ދެން ނޯންނާނެ ކަމަށާއި ފުލުހުންނަށް މިބާރު މިދެނީ ޤައުމުގައި އޮތް ފަސާދައާއި މަސްތުވާތަކެތީގެ މައްސަލަތައްފަދަ ބޮޑެތި ކަންތައްތަކުން ސަލާމަތްކޮށް ރައްޔިތުން އަމަންއަމާންކަމާއެކު އުޅެވޭނެ ތަނަކަށް ހަދައިދިނުމަށް ކަމަށެވެ.

މާލެ އަތޮޅު މެންބަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ފުލުހުންނަށް މިޤާނޫނުން ވަރަށް ބޮޑު ބާރުތަކެއް ލިބިދޭ ކަމަށާއި ނަމަވެސް ބާރުތައް ބޭނުން ކުރަން ޖެހޭނީ އޭގެ އެންމެ ކުޑަ މިންވަރަށް ކަމަށެވެ.

ތ.އަތޮޅު މެންބަރ ހަސަން އަފީފް ވިދާޅުވީ ޤާނޫނުގެ ފައިދާ ކުރާނީ ފުލުހުންގެ އަމަލްތައް ހުންނަ ގޮތަކުން ކަމަށެވެ.

މާލޭ މެންބަރ އިބްރާހީމް އިސްމާއީލް ވިދާޅުވީ ޤާނޫން އަސާސީ އަންނާނީ މިބިލް ލިބިގެން ކަމަށްވާތީ ބައެއް އިސްލާހުތައް ގެންނަން ޖެހުނަސް ބިލު ފާސްކުރުމަށް ވޯޓު ދެއްވާނެ ކަމަށެވެ.

އިބުރާ ވިދާޅުވީ މިޤާނޫނާއެކު ފުލުހުންގެ ބައެއްކަހަލަ ޕްރެކްޓިސްތައް ދޫކޮށްލަން ޖެހޭނެ ކަމަށާއި ކުރިން ހިނގާފައިވާ ކަންކަން މާޒީއަށް ދޫކޮށްލާ ފުލުހުންވެސް ވިސްނަންވާނީ ކުރިއަށް ކަމަށެވެ.

ބިލަށް ވޯޓު ދެއްވިނަމަވެސް ތ އަތޮޅު މެންބަރ މުހައްމަދު ޝަރީފާއި ރ އަތޮޅު މެންބަރ އަލީވަހީދު ދެކޮޅު ހައްދަވާ ފާޑު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިބިލަށް ހުށަހެޅި ގިނަ އިސްލާހުތައް ބަލައިނުގަނެ ފޭލްކޮށްލީ ޑިމޮކްރަސީއަށް ހުރަސްއެޅުމަށާއި ޑިމޮކްރަސީ ނުގެނައުމަށް އަދި ޚުދުމުޚްތާރު ގޮތް ހިންގުމަށް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ބިލުގައި ބިރު އެބަހުރި ކަމަށައި ޝައްކުވެސް އެބަހުރި ކަމަށެވެ. އަދި ބިލަށް ގެނައި އިސްލާހެއްގެ ސަބަބުން ފުލުހުންގެ ބާރުވެސް ކަނޑުވާލާފައިވާކަމަށެވެ.

ހޯމް މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ފުލުހުންގެ އިންތައް ބިލުގެ ސަބަބުން ރައްޔިތުން ކަނޑައަޅައިދީފި ކަމަށާއި ފުލުހުން މިޤާނޫނާ އެއްގޮތަށް ޢަމަލު ކުރައްވާނެ ކަމަށެވެ.

”ވަކި ފުލުހަކު އަމަލުކުރާ ގޮތަކުން އެންމެންގެ މައްޗަށް އެބައި ރައްދުވެގެން ނުވާނެ. އެފަދަ ފުލުހަކާމެދު ފިޔަވަޅުވެސް އަޅަން ޖެހޭނެ“ ކަމާލުއްދީން ވިދަޅުވިއެވެ.

ބިލަށް ޖަވަބުދާރީވެވަޑައިގަންނަވާ ލީގަލް ރިފޯމް މިނިސްޓަރ މުހައްމަދު ނަޝީދު ވިދާޅުވީ މިބިލު ފާސްވުމުން ޤާނޫން އަސާސީ ތަސްދީޤް ކުރުމުގެ ކުރިން ކުރަންޖެހޭ ވަރަށްބޮޑުބައެއް ފުރިހަމަވީ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިބިލާ ގުޅޭ ވަރަށް މުހިއްމު ދެބިލެއް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެއީ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނާބެހޭ ޤާނޫނާއި ޕޮލިސް ޕަވަރ އެންޑް ރެސްޕޮންސިބިލިޓީސްއާ ބެހޭ ބިލު ކަމަށެވެ. އަދި މިޤާނޫނުގެ ދަށުން ހެދޭ 17 ޤަވައިދެއް ފުލުހުން މިހާރު އެކުލަވާލަމުން ގެންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv