ޝަރީއަތުގެ ވާހަކަ ނޫސްތަކުން ރިޕޯޓްކުރާއިރު ޝަރީއަތުގެ ތަސައްވަރު ނުގެއްލޭގޮތަށް ލިޔުމަށް ގާޒީ އަންގަވައިފި
މުޙައްމަދު ފަރީދު
ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކކުރިކަމަށްބުނެ ޖަސްޓިހާއި ދެކޮޅަށް ހއ.ހޯރަފުށީ އަސްރަފީގޭ ޒުނޭރާ މުޙައްމަދު ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވައިފިއެވެ.
މިއަދު މެންދުރުފަހު މަދަނީ ކޯޓުގައި ކުރިޔަށްދިޔަ އަޑުއެހުމުގައި ޒުނޭރާގެ ފަރާތުން ބަޔާން އިއްވެވިއެވެ.
އަދި ޝަރީއަތް ފައްޓަވަމުން ޤާޒީ އަޙުމަދު ޝަކީލް ވިދާޅުވީ މި މައްސަލައިގެ ވާހަކަތައް މީޑިއާއިން ކަވަރުކޮށްފައިވާ ކަމަށާއި އަދި މީޑިއާއިން ޝަރީއަތުގެ ވާހަކަތައް ލިޔާއިރު ޝަރީއަތަށް ހުރަސްއެޅޭފަދަ ގޮތަކަށް ވާހަކަށް ނުލިޔުމަށް އެދިވަޑައިގެނަވާ ކަމަށެވެ. އަދި ޒުނައިރާވެސް މީޑިއާއަށް މައުލޫމާތު ދެއްވިއިރު ޤާޒީ އެއްފަރާތަށް ފުރުސަތު ދެއްވާކަމަށް ވިދާޅުވެފައިވާ ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ޤާޒީ ޒުނައިރާގެ ކިބައިންވެސް އެދިވަޑައިގަތެވެ.
މިމައްސަލައިގައި ޚުލާސާ ބަޔާން އިއްވަވަމުން ޒުނައިރާ ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާއިދާއި ޚިލާފަށް ކަމަށާއި އޭނާއަށް އިންޒާރުތަކެއް ދިންކަމަށް ބުނެފައިވާއިރު އޭނާ އޭގައި ސޮއިނުކުރާ ކަމަށާއި އަދި އެ އިންޒާރުތައް އޭނާއަށް ކިޔައިދިން ކަމަށްބުނެ އޭގައި އެކަކު ސޮއިކޮށްފައިވާ ކަމަށާއި މުވައްޒިފުންނާއި ބެހޭ ޤަވާއިދުގެ ދަށުން ދެމީހަކު އޭގައި ސޮއިކުރަންޖެހޭ ކަމަށެވެ.
އަދި އޭނާއަށް އިންޒާރުދިނީ އޭނާ މިނިސްޓްރީއަށް ފޮނުވި ލިޔުމެއްގައި ހުރި ވާހަކަތަކެއްގެ މައްޗަށްކަމަށްވެފައި އެލިޔުމުގައި ހުރި ވާހަކަތަކަކީ ހަގީގަތެއްތޯ ނުބަލައި އޭނާއަށް އިންޒާރު ދެވިގެންވެސް ނުވާނެ ކަމަށެވެ.
ޒުނައިރާގެ ބަޔާނަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލާ ރައިފާ އަބުދުލްވައްހާބު ވިދާޅުވީ އެބަޔާނަކީ ވަރަށް ދިގު ބަޔާނަކަށްވާތީ އެއަށް ޖަވާބުދޭން ވަގުތު ބޭނުންވާ ކަމަށެވެ.
ނޫސްވެރިންނާ ބެހޭގޮތުން ރައިފާ ވިދާޅުވީ ނޫސްވެރިން ޚަބަރު ލިޔާއިރު ގަސްދުގައި ނުވަތަ ފަހުމު ނުވާތީ ވަކިފަރާތަކަށް ޖެހި ޚަބަރު ގެނެސްދޭކަމަށާއި އެގޮތަށް އަމަލު ނުކުރެއްވުމަށް ވަރަށްބޮޑަށް އެދޭކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖުލިސް ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ޒުނައިރާގެ ބަޔާނަށް ޖަވާބުދޭންވާނެ ކަމަށްބުނެފައެވެ.