ޝައިޚް ފަރީދު ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅެފައި ނުވާކަމަށް ކޯޓުން ނިންމައިފި

ޖުލައި 23، 17:30 0 ޚިޔާލު

މުޙައްމަދު ފަރީދު

ދައުލަތާއި އިދިކޮޅު އަމަލެއް ހިންގަން އުޅުމުގެ ކުށުގައި ދައުލަތުން ދައުވާކުރާ ދ.ކުޑަހުވަދޫ މެޑޯޒް އިބުރާހިމް ފަރީދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޖިނާއީ ކޯޓުން ޙުކުމު ކޮށްފިއެވެ.

ޙުކުމު އިއްވަވަމުން ޤާޟީ ޢަލީ ރަޝީދު ވިދާޅުވީ ދައުލަތުން ޝައިޚް ފަރީދުގެ މައްޗަށް ދައުވާ ކުރަނީ އެމައްސަލައިގައި ހައްޔަރު ކުރެވުނު އެހެން މީހުން ތަހުގީގަށް ދީފައިވާ އިއުތިރާފު ބަޔާނުގެ މައްޗަށް ކަމަށާއި ތަހުގީގުގަޔާއި ޝަރީއަތުގެ މަޖުލިހުގައިވެސް ފަރީދު ދައުވާއަށް އިންކާރުކޮށްފައި ވާކަމަށާއި އަދި ތަހުގީގަށް އެމީހުން ދީފައިވާ ބަޔާންތަކަކީ ސައްހަ ބަޔާންތަކެއްކަމަށް ޝަރީއަތަށް ސާބިތުނުވާތީ މިމައްސަލައިގައި ދައުލަތުން ދައުވާކުރާ އެއްވެސް ފަރާތެއްގެ މައްޗަށް ކުށްސާބިތު ނުވާކަމަށެވެ.

މިމައްސަލައިގައި ދައުލަތުން ދައުވާކުރާ ފަރާތްތަކަކީ އިބުރާހިމް ފަރީދު ދ.ކުޑަހުވަދޫ މެޑޯޒު އާއި, މުޙައްމަދު އަދީމު މ.ފުޖީ އާއި, މުޙައްމަދު ޝާޒް ގ.މެޑޯޒް އާއި ހދ.ކުޅުދުއްފުށީ ވައްތީނިގޭ އަބުދުއްރަޝީދު އާދަމާއި ގއ.ވިލިނގިލީ ގުލްބަކާގޭ މުޙައްމަދު ފައުޒީއާއި ހ.ނަޝާ މުޙައްމަދު އާމިރުއެވެ.

މިދައުވާގައި ހިމެނޭ އަބުދުއްރަޝީދާއި މުޙައްމަދު އަދީމާއި މުޙައްމަދު އާމިރު ގެ ބައި ޖިނާއީ ކޯޓްގެ އެހެން ގަޟިއްޔާއެކުން ނިންމާނެ ކަމަށްވެސް ޤާޒީ ވިދާޅުވިއެވެ.

ދައުލަތުން ކުރާ މި ދައުވާގައި އެމީހުން ޕާކިސްތާނުގެ ޕިޝާވަރަށްގޮސް ހަނގުރާމައިގެ ތަމުރީނު ހޯދައި އިތުރަށް ތައްޔާރުވުމަށް ރާއްޖޭގެ ފަޅުރަށެއްގައިވެސް ތަމުރީނު ހަދަން ރާވާފައިވާ ކަމަށެވެ. އަދި ބުންވަރު ހޯދުމަށް ފަތަންދިޔުމާއި ހަމަލާދޭއިރު ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާއާއި ރައްޔިތުންގެ މަޖުލިހުގެ ރައީސް ސަލާމަތްވެގެން ނުވާނެކަމަށާއި މިނިސްޓަރަކު ކިޑްނެޕް ކުރަންޖެހޭކަމަށްވެސް ރާވާފައިވެއެވެ.

މިއަދު ދެންއޮތީ ދައުލަތުން ޓެރަރިޒަމުގެ ދައުވާ ކުރާފަރާތްތަކުގެ ޝަރީއަތެވެ. އެފަރާތްތަކަކީ މުޙައްމަދު އަދީމު މ.ފުޖީ އާއި,މުޙައްމަދު ޝާޒް ގ.މެޑޯޒް އާއި ހދ.ކުޅުދުއްފުށީ ވައްތީނިގޭ އަބުދުއްރަޝީދާއި އިބުރާޙިމް އާދިލް ހ. ބުރައިޓްވިލާއާއި ގއ. ވިލިނގިލީ ގުލްބަކާގޭ މުޙައްމަދު ފައުޒީ އެވެ.

ދައުލަތުން ކުރާ މިދައުވާގެ ވެސް އަޑުއެހުންތައް ނިމިފައިވުމާއެކު ޤާޟީ މި ދައުވާގެ ވެސް ހުކުމު އިއްވެވިއެވެ.

މިމައްސަލައިގައި ޤާޟީ އިއްވެވި ޙުކުމުގައިވަނީ ދައުލަތުން މި މީހުންގެ މައްޗަށް ޓެރަރިޒަމު ދައުވާކުރަނީ އެމީހުން ތަހުގީގުގައި ދީފައިވާ އިއުތިރާފު ބަޔާނުގެ މައްޗަށް ކަމަށްވެފައި ތަހުގީގު ކުރި ފަރާތްތައް ކޯޓަށް ހާޒިރުކުރެވި އެފަރާތުގެ ބަޔާން ނެގިއިރު މެދުކެނޑުމެއްނެތި 24ގަޑިއިރާއި 36 ގަޑިއިރު ވަންދެން ތަހުގީގު ހިންގާފައިވާ ކަމަށް އޭގެ ތެރެއިން އެކަކު ބުނެފައިވާ ކަމަށެވެ. އަދި އެކަމާގުޅިގެން ތަހުގީގު ކުރުމާއިބެހޭ ގަވާއިދު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގައި އެދިފައިވާކަމަށެވެ.

އެކަމާބެހޭގޮތުން މޯލްޑިވްސް ޕޮލިސްސާވިސްއިން ފޮނުއްވި ސިޓީއެއްގައި އެ ޤަވާއިދަކީ އާންމު ނުކުރެވޭ ގަވާއިދެއް ކަމަށާއި އެހެންނަމަވެސް އެގަވާއިދުގެ ދަށުން ނިދިން މަހުރޫމުކޮށްފައި ބައިތިއްބައިގެން ރޭގަނޑުގެ 11:00 ފެށިގެން ހެނދުނު 6:00 ހަމަޔަށް ތަހުގީގު ބަޔާން ނެގުމަކީ މަނާކަމެއް ކަމަށެވެ.

އެހެންކަމުން މިމީހުން ތަހުގީގުގައި ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭތީ އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމައިފިކަމަށް ޤާޒީ ވިދާޅުވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv