ކުށެއްނެތި ބަންދުކޮށްފައި ހުރި މީހަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދެ މިލިއަން ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ހޯދުމަށް ދައުވާކޮށްފި
އެއްވެސް ކުށެއްނެތް މީހަކު ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދެ މިލިއަން ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ހޯދުމަށް ފުލުހުންގެ މައްޗަށް ދައުވާއެއް ކޮށްފި އެވެ.
މއ.ބޮޑުމަގުގެ ރިޟްވާން ޝަރީފު ފުލުހުންނާއި ދެކޮޅަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އެއްވެސް ކުށެއްނެތި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ސުވާލެއް ކޮށްލުމުގެ ނަމުގައި ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓުމާއި, އަދި ވަކިން ހާއްސަކޮށް އޭނާ ދޫކޮށްލުމަށް ގާޒީ ކުރިއަމުރާއި ހިލާފުވެފައިވާތީ އޭނާއަށް ނަފްސާނީ ގޮތުންނާއި އެހެން ގޮތްގޮތުން ލިބިފައިވާ ގެއްލުމުގެ ރަމްޒީ ބަދަލެއްގެ ގޮތުގައި 2 މިލިއަން ރުފިޔާ ހޯދައިދިނުމަށެވެ. އަދި އޭނާގެ އެއްވެސް ކުށެއްނެތި ހައްޔަރުކުރުމުން ގެއްލިފައިވާ އަބުރުގެ ބަދަލެއްގެ ގޮތުން 5000ރ ހޯދައިދިނުމުގެ އިތުރަށް އޭރު އޭނަ ކިޔަވަމުންދިޔަ އެއްމަސްދުވަހުގެ ކޯހަށްދެއްކި 1200ރ އާއި އޭނަގެ ޕޮލިސްރިޕޯޓްގައި އޭނާ ހައްޔަރުކުރެވިފައިވާކަމަށް ނުޖެހޭ ގޮތަށް ކޯޓް އަމުރެއް ނެރެދިނުމަށެވެ. އޭނާގެ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި) ދައުވާ ހުށަހެޅުއްވުމުން ގާޒީ މުހައްމަދު ނައީމް ވަނީ އަބުރުގެ ދައުވާ ކުރެވޭނީ ވަކިން ކަމަށާއި އެކަމަށް ވަކި ދައުވާއެއް ހުށަހެޅުއްވުމަށް އަންގަވާފަ އެވެ. އަދި ޕޮލިސް ރިޕޯޓް ބަދަލުކުރުމަށް ކޯޓް އަމުރެއް ނެރެދިނުމަށްވެސް ވަކިން ދައުވާއެއް ހުށަހެޅުއްވުމަށް ގާޒީ ވަނީ އަންގަވާފަ އެވެ. މިދައުވާގެ ޖަވާބެއް އެޓާނީގެ ވަކީލުންނަށް ވަނީ ނޭރުވިފަ އެވެ. އަދި އެޓާނީގެ ވަކީލުންނަށް އެކަށިގެންވާ މުއްދަތެއް ދެވިފައިވާ ކަމަށްވެސް ގާޒީ ވަނީ ފާހަގަ ކުރައްވާފަ އެވެ.
” އެކަށީގެންވާ ދުވަހެއް ޖަވާބުދާރީ ވުމަށް ވަނީ ދެވިފައި. އެހެން ނަމަވެސް ކޯޓްގެ އުސޫލުތައް ހުންނަ ގޮތުން ދައުވާ ހުށަހެޅުމުން އެފަރާތުން އެދިއްޖެ ނަމަ ފުރުސަތެއްދެން“ ނައީމް ވިދާލުވި އެވެ.
އެޓާނީގެ ފަރާތުން ޖަވާބެއް ހުށަހަޅާފައި ނުވި ނަމަވެސް އެދައުވާ ހުށަހެޅުމުން އެސިސްޓެންޓް ސްޓޭޓް އެޓާނީ ހަސަން ޝިޔާމް ވަނީ އަގަބަހުން އެއަށް ރައްދެއް ދެއްވާފަ އެވެ. އެގޮތުން ދައުވާގައި 21 ދުވަހު ހައްޔަރުގައި ބަހައްޓާފައިވާ ކަމަށް ބުނާއިރު ހަމަ އެދައުވާގައި ހައްޔަރުކޮށްފައި ބެހެއްޓީ ވިހި ދުވަހުގައި ކަމަށް ފާހަގަ ކުރެއްވި އެވެ.
” އާންމު އުސޫލަށް ބަލާއިރު ފުލުހުން މީހުން ހިފަހައްޓަނީ ޝައްކުކުރެވިގެން. ހިފަހައްޓަނީ ތަހުގީގުކޮށް ހެކިހޯދުމުގެ ގޮތުން“ ޝިޔާމް ވިދާޅުވި އެވެ. މިކަމުގެ ޖަވާބެއްގެ ގޮތުން އިންތި ވިދާޅުވީ އޭނާ ހިފަހައްޓާފައި ވަނީ މާކުރިން ހިނގާފައިވާ ކަމަކަށް ޝައްކުކޮށް މާފަހުގެ ދުވަހެއްގައި ކަމަށެވެ. އަދި އޭނާ ދޫކޮށްލުމަށް ގާޒީ އެންގުމުންވެސް ގަސްތުގައި އޭނާ ހިފަހައްޓާފައިވާ ކަން އިންތި ފާހަގަ ކުރެއްވި އެވެ.
” ފުލުހުން ދަނީ އެމީހުންނަށް ލިބިފައިވާ ހިފާހައްޔަރުކުރުމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުން. މިގޮތަށް ހުށަހަޅާ މައްސަލަތަކުގެ ބަދަލެއް ނަގައި ނުދޭ ނަމަ ފުލުހުން ހިފާހައްޔަރުކުރުމުގެ ސިސްޓަމް އެބިއުސް ކުރާނެ. ކުރީ ފަހަރެއްގައިވެސް އަޅުގަނޑުހގެ ކުލައިންޓަކު ގާޒީ ދޫކޮށްލަވަން އަމުރު ނެރުނީމަވެސް ތިންދުވަސް ވަންދެން ހިފެހެއްޓީ“ އިންތި ވިދާޅުވި އެވެ. ރިޟްވާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނަނީ މާރޗް 16 ވަނަ ދުވަހުގައި ހިނގި މާރާމާރީއަކަށް ޝައްކުކޮށް އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު އެވެ. އޭނާ ދޫކޮށްލުމަށް އޭޕްރީލް 28ގައި ނިންމަވާފައި ވަނިކޮށް އޭނާ ދޫކޮށްފައި ވަނީ 29 ވަނަ ދުވަހުގެ ހަވީރު އެވެ.