ރިޔާސީ އިންތިޚާބުގައި ޕާޓީއަށް ކާމިޔާބު ނުލިބުނަސް ސިޔާސީ ގޮތުން ގައުމަށް ޚިދުމަތް ކޮށްދޭނަން: ޑރ. ވަހީދު

މިއުސަމް އައްބާސް ޖުލައި 23، 17:23 0 ޚިޔާލު

އަންނަ ރިޔާސީ އިންތިހާބުގައި ގައުމީ އިއްތިހާދުގެ ނަމުގައި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވަން އުޅުއްވާ ޕާޓީއަށް ކާމިޔާބު ނުލިބުނަސް ސިޔާސީ ގޮތުން ގައުމަށް ހިދުމަތް ކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޕާޓީއަށް ކާމިޔާބު ނުލިބިއްޖެ ނަމަ އެހެން ސަރުކާރެއްގެ ކެބިނެޓުން ޖާގައެއް ގަބޫލު ކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޑރ.ވަހީދު ވިދާޅުވީ ސަރުކާރާ ހަވާލުވާ ބަޔަކަށް ބަލައި އެބަޔަކު ރައްޔިތުންނާ ދޭތެރޭ ގެންގުޅޭ ސިޔާސަތެއް ބަލައި އެބައެއްގެ ކެބިނެޓުން ޖާގައެއް ގަބޫލު ކުރުން އެއީ އެކަށީގެންވާ ކަމެއް ކަމަށެވެ.

” އަޅުގަނޑު ގަބޫލުކުރާ އުސޫލަކުން ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގައި މަސައްކަތް ކުރާ ސަރުކާރަކާއި ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް“ ޔޫއެންގެ މަތީ މަގާމެއް ދޫކުރައްވައި ރާއްޖެ ވަޑައިގެންނެވި ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރަށް ޑރ.ވަހީދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާއި މެދު ވިސްނަވަމުން ގެންދަވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

” ވަރަށް ސީރިއަސްކޮށް ތިކަމާމެދު ވިސްނަމުން މިދަނީ. ރާއްޖޭގެ ސިޔާސީ މަސްރަހާމެދު ވަރަށް ބޮޑަށް ވިސްނާފައި އަޅުގަނޑު ގޮތެއް ނިންމާނީ“ ވަހީދު ވިދާޅުވި އެވެ.

ގިނަ ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދާއި ގުޅޭނަންތޯ ކުރި ސުވާލަށް އޭނާ ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާނެ ކަމަށެވެ. އެހެން ނަމަވެސް އިއްތިހާދާމެދު ގޮތެއް ނިންމޭނީ ޕާޓީ ރަޖިސްޓްރީކުރެވިގެން ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.

” އިސްލާހަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ބައިވެރިވާން ތައްޔާރަށް އަޅުގަނޑު މިހުރީ. އެހެން ނަމަވެސް ޕާޓީގެ ފަރާތުން އެ އިއްތިހާދާއި ގުޅުމާމެދު އެއްޗެއް ބުނަން އެގޭނީ ޕާޓީ އުފެދި ޕާޓީތެރޭން އެކަމަށް ގޮތެއް ނިންމައިގެން“ ވަހީދު ވިދާޅުވި އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv