ވޮލީއާއި ފުޓްބޯޅައިގެ ޖެނެރަލް ސެކްރެޓަރީންނަށް ކުރިން ދެމުން އައި 12,000 ރުފިޔާ މިހާރުދޭގޮތަށް ހަމަޖެހިފައިނުވާކަމަށް މިނިސްޓްރީން ބުނެފި
ފުޓްބޯޅަ އާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީންނަށް މިދިޔައަހަރުން ފެށިގެން ދެމުން އައި 12,000 ރުފިޔާގެ މުސާރަ މިހާރު ދޭ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް މިނިސްޓްރީން އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ބުނެފި އެވެ.
މިނިސްޓްރީގެ ޑިރެކްޓަރ އަދި ސްޕޯޓްސް ބައިގެ އެންމެ އިސްވެރިއަކަށް ހުންނެވި އިބްރާހީމް ނަޒީމް ވިދާޅުވީ ފުޓްބޯޅަ އާއި ވޮލީއަށް ހަމަޖެއްސި ޖެނެރަލް ސެކްރެޓަރީންނަށް އެ ފައިސާ ދެމުން އައީ އޭރު އެތަންތަނުގައި އޮތް ހިންގާ ކޮމެޓީން އެގޮތަށް ނިންމުމުން ޗެއާމަންގެ ރިކްއެސްޓަކަށް ކަމަށެވެ.
”ވޮލީން މަނިކު އެދުނީ ޝާފީ ޖެނެރަލް ސެކްރެޓަރީއަކަށް ހަމަޖައްސާދޭން. ފުޓްބޯޅައިން މުހައްމަދު ކަލީމު އެދުނީ އައްޑޯ ޖެނެރަލް ސެކްރެޓަރީއަކަށް ހަމަޖައްސަން. އެ ފަރާތްތަކުން ރިކްއެސްޓް ކުރީ މިވަރުގެ މުސާރައެއް އެމީހުންނަށް ނުލިބި ފުލް ޓައިމް މީހުންގެ ގޮތުގައި މަސައްކަތެއް ނުކުރެވޭނެއޭ. އެހެންވެ މިނިސްޓަރާ ދެމެދު އޮތް އަންޑަސްޓޭޑިންއެއްގެ ދަށުން ހަމަޖެއްސީ އިންތިހާބާ ހަމައަށް އެވަރުގެ މުސާރައެއް ދީފައި ބަހައްޓާ ގޮތަށް. އެކަމަކު އިންތިހާބުވެގެން ބަޔަކު އައީމަ އެކަންތައް އުވިގެން އެދިޔައީ. އެހެންވެ ވޮލީ އާއި ފުޓްބޯޅައިގެ ޖެނެރަލް ސެކްރެޓަރީންނަށްވެސް ދެން އޮންނާނީ ހަމަ ކުރީގެ އުސޫލު“ ނަޒީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަމައެކަނި ދެ ކުޅިވަރަށް އެގޮތަށް ހަމަޖެއްސީ ފުޓްބޯޅަ އާއި ވޮލީ އަކީ އެންމެ ގިނަ މީހުން ކުޅޭ ކުޅިވަރަށްވެފައި އެންމެ ވަރުގަދަ ދެ އެސޯސިއޭޝަނަކީވެސް އެއީ ކަމަށްވާތީ ކަމަށެވެ.
ނަޒީމް ވިދާޅުވީ ކޮންމެ އެސޯސިއޭޝަނަކަށްވެސް އެމީހުންނަށް ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެން ނަމަވެސް އެކަން ހަމަޖައްސަން ޖެހޭނީ އެސޯސިއޭޝަންގެ ބަޖެޓުން ކަމަށެވެ. ”މިނިސްޓްރީން މިހާރުވެސް ދެމުން އަންނަ 3000 ރުފިޔާ އާއި ފޯން އެލަވަންސަށް ދެމުން އަންނަ 1000 ރުފިޔާ ޖެނެރަލް ސެކްރެޓަރީއަށް ލިބޭނެ. އޭގެ އިތުރުން ދޭން ޖެހޭ ފައިސާއަކީ އެސޯސިއޭޝަންގެ ބަޖެޓުން ހޯދަންޖެހޭ ފައިސާ. އެގޮތަށް އެކަން ކުރަން ބޭނުން ނަމަ މިނިސްޓްރީން އެކަމަށް ހުރަހެއް ނާޅާނެ. އެކަމަކު ވޮލީ އާއި ފުޓްބޯޅައިގައިވެސް މި ވަގުތަށް އޮތީ ހަމަ މިގޮތް“ ނަޒީމް ވިދާޅުވިއެވެ.
އައްޑޯ މިދިޔައަހަރު އަހަރުފަހުކޮޅު މަޤާމުން ވަކިކުރީ ފީފާއިން މަޤާމުތަކުގައި ތިބި އެންމެން ވަކި ކުރަން އެންގުމުންނެވެ. އޭގެ ފަހުން އިންޓަރިމް ކޮމެޓީއާއި ހަވާލިވެ ސެކްރެޓަރީގެ މަސްއޫލިއްޔަތު ނަގަމުން ދިޔައީ ޝާހު އިސްމާއީލެވެ. ނަޒީމް ވިދާޅުވީ އައްޑޯއަށް ދިން އުސޫލުން ޝާހުއަށްވެސް ފައިސާ ދީފައިވާ ކަމަށެވެ.
ވޮލީ އެސޯސިއޭޝަނުން މިދިޔަ އާދިއްތަ ދުވަހު އިއުލާންކޮށްފައިވަނީ ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއެއް ހޯދުމަށެވެ. އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ރިޔާޒު ވިދާޅުވީ ވޮލީއަސް ބޭނުންވަނީ ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއެއް ކަމަށާއި އެނޫން ގޮތަކަށް ހަރަކާތްތައް ހިންގަންވެސް ދަތިވާނެ ކަމަށެވެ. ”ގާތްގަޑަކަށް އަހަރެއްހާ ދުވަހު ފުލްޓައިމް މީހަކު ލައިގެން މި މަސައްކަތް ކުރީ. ދެން ޕާޓް ޓައިމް މީހަކަށް ދާން ވެއްޖިއްޔާ އެއް ފިޔަވަޅު ފަހަތަށް އެ ޖެހެވުނީ. އެހެންވެ ސްޕޯޓްސް ކައުންސިލާ ނެގޯސިއޭޓް ކުރާނަން ރަނގަޅު އުސޫލަކުން މިކަން ހަމަޖެހޭތޯ“ ނަމަވެސް ރިޔާޒު ވިދާޅުވީ އެސޯސިއޭޝަންގެ ބަޖެޓުން 9 ވަރަކަށް ހާސް ރުފިޔާ ނެގުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަށެވެ.
ފުޓްބޯޅަ އެސޯސިއޭޝަންގެ ޕްރެޒިޑެންޓް އަލީ އާޒިމް ވިދާޅުވީ ޖެނެރަލް ސެކްރެޓަރީގެ މުސާރައާއި ބެހޭ ގޮތުން މިނިސްޓްރީން އެއްވެސް އެއްޗެއް އަންގާފައި ނެތް ކަމަށާއި ނަމަވެސް އެކަން ހަމަޖެހިފައިވާ އުސޫލު ބަލާނެ ކަމަށެވެ. ފުޓްބޯޅައިގެ ޖެނެރަލް ސެކްރެޓަރީއަކަށް ޝާހު އިސްމާއީލް ވަނީ ހަމަޖައްސާފައެވެ.
ވޮލީގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ.