ވިލާގެ ލޯންޗެއް ހުޅުލޭ އުތުރު ފަރާތު ނެރުމައްޗަށް އަޑިއަށް ހިނގައްޖެ
ވިލާ ޝިޕިންގެ ލޯންޗެއް ހުޅުލޭގެ އުތުރު ފަރާތު ނެރުމައްޗަށް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ބުނީ ރޭ މެންދަމު 1.50 ހާއިރު އެސަރަހައްދަށް އަޑިއަށް ގޮސްފައިވަނީ ވިލާ ޝިޕިންގ ގެ ”ވިލާ ރޯޅި 51“ ނަންބަރު ލޯންޗު ކަމަށެވެ.
އެފަރާތުން ބުނީ މިހާދިސާ ހިނގާފައިވަނީ މާލެއިން ފުރައިގެން ހުޅުލެއަށް ފަތުރުވެރިން ބަލާ ދަތުރުކުރި ވިލާ ޝިޕިންގ ގެ ”ވިލާ ރޯޅި 51“ ނަންބަރު ލޯންޗް ހުޅުލޭގެ އުތުރު ފަރާތު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ލޯންޗްގެ ފަހަތް ނެރުމުގެ ވާތް ފަރާތު ފައިކަށީގައި ޖެހި ފަހަތް ކޮޅު ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. އަދި އެސަރަހައްދުގައި ވައިގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ލޯންޗްގެ ފަޅައިގެންގޮސްފައިވާ ހިސާބުން އިންޖީނާއި އެއްކޮށް ވަކިވެފައިވާ ކަމަށެވެ.
އެލޯންޗުން ދަތުރުކުރި 4 މީހުންގެ ތެރެއިން އަނިޔާވެފައިވާ ހދ.ކުޅުދުއްފުށީ އެރޯވިލާގެ އުމަރު ޔަހުޔާ ވަނީ ރޭ 3 ޖެހިއިރު ”ވިލާ ރޯޅީ 41“ ނަންބަރު ލޯންޗްގައި މާލެ ގެނެވި ފަރުވާ ހޯދުމަށްޓަކައި އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. މި ހާދިސާގައި މީނާގެ ވާތްފަރާތު ފައިގެ ކަށިމައްޗާއި ކޮނޑުހުޅުން އަނިޔާވެފައިވާކަމަށް ޑޮކުޓަރުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފްން މައުލޫމާތު ދެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވޭތުވެދިޔަ 24 އިރު ތެރޭގައިވެސް ކަނޑުމަތީގެ 3 ހާދިސާއެއްގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުމް ގޯސް ދުވަސް ވަރަކަށް ވުމާއި ގުޅިގެން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މޫސުމާއި ބެހޭ މައުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.