
ބާސްކެޓްގެ ދެވަނަ ޑިވިޝަން މާދަމާރޭ ފަށަނީ
28 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ކުޅުން މާދަމާރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ހަ ޓީމުން ވާދަކުރާ މުބާރާތް ހުޅުވުމުގެ ގޮތުން މާދަމާރޭ ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ޔޫ އެން ފްރެންޑްސް އެވެ. ދެވަނަ މެޗުގައި ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ޓީ ސީ ސްޕޯޓްސް އެވެ. މުބާރާތުގައި ދެން ބައިވެރިވެފައިވާ ދެ ޓީމު ކަމަށްވާ ރެޑްލައިން ކްލަބާއި ޕޮލިސް ކްލަބްގެ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރެއެވެ.
މުބާރާތުގެ މިދިޔައަހަރުގެ ޗެމްޕިއަން ކުޑަހެންވޭރު މިފަހަރު ބައިވެރިނުވީ އެޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިފައިވާތީއެވެ. ފުރަތަމަ ޑިވިޝަންގައި އެޓީމަށް ލިބުނީ ދަގްރޫޕްގެ ޖާގައެވެ. 24 ވަނަ ދުވަހުގެރޭ ފަށާ މުބާރާތް ކުޅޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ 1 ފަހަރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމު ސެމީއަށް ހޮވާ ގޮތަށެވެ. ސެމީގައި އެންމެ މޮޅު ދެ ޓީމު ކުޅުމަށް ފަހު މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭއިރު ތިންވަނަ އާއި ހަތަރުވަނަ ކުޅެގެން މޮޅުވާ ޓީމެއް ކުޅޭނީ ފަހު ސެމީގައި ފުރަތަމަ މެޗުން ބަލިވި ޓީމާއެވެ. މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ.
މުބާރާތް ނިމޭނީ އޮގަސްޓް 6 ގައެވެ. ފައިނަލުގައި ކުޅޭ ދެ ޓީމަށް ޤައުމީ ބާސްކެޓް ލީގުގައި ފުރަތަމަ ޑިވިޝަންގެ 4 ޓީމާ ވާދަކުރަން ފުރުސަތު ލިބޭނެ އެވެ.
މިފަހަރުގެ މުބާރާތް ސްޕޮންސަރކޮށްފައިވަނީ ސައިންއޯ ފްރޭމްގެ ފަރާތުންނެވެ.