މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުސްވި ހަފްތާގައި 26 މީހުން ހައްޔަރުކޮށްފި
ޒަކަރިއްޔާ ހަސަން
ވޭތުވެދިޔަ ހަފްތާގައި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި ޑްރަގު އެންފޯސްމަންޓް ޔުނިޓުން 26 މީހުން ހައްޔަރު ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމަށް ހައްޔަރު ކުރެވުނު މިމީހުން ހައްޔަރު ކުރެވިފައިވަނީ މޯލްޑިވްސް ޕޮލިސް ސާވީސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ ޑްރަގު އެންފޯސްމަންޓް ޔުނިޓުން ހިންގި ތަފާތު އޮޕަރޭޝަން ތަކުގައިކަމަށެވެ.
ފުލުހުން ބުނީ ވޭތުވެ ދިޔަ ހަފްތާގައި މަސްތުވާތަކެތީގެ ތަފާތު 50 މައްސަލަ ހުށެހެޅިފައިވާކަމަށާއި އޭގެތެރެއިން 22 މައްސަލައެއްގައި ހިމެނޭ 27 މީހެއްގެ މައްސަލައިގެ ތަހުގީގީ މަރުހަލާ ނިންމައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައިޖެހި އެކަމުން ސަލާމަތްވާން ބޭނުންވާ މީހުންނާއި އަދި ރައީސުލް ޖުމުހުރިއްޔާ ގަރާރުގެ ދަށުން މުޖުތަމައު އިން އެކެހެރިކޮށް ފަރުވާދޭން ޖެހޭފަރާތްތަކަށް ފަރުވާދިނުމަށްޓަކައި ނޭޝަނަލް ނާކޮޓިޝް ކޮންޓްރޯލު ބިއުރޯއާއި ހަވާލުކުރެވެމުން ދާކަމަށާއި އެގޮތުން ހުސްވިހަފްތާގައި އެކަކު ހަވާލުކުރެވިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.