
ކުޅުންތެރިން ނުއުފެއްދުމުގެ ޒިންމާ އޭރު ތިބި ވެރިން އުފުލަން ޖެހޭ : އާޒިމް
ޤައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް މިހާރު 30 އަހަރުވެ އެމީހުންގެ ކެރިއަރ ނިމުމަކަށް އަންނައިރު އެތަންތަން ފޫބައްދާނެ އާ ކުޅުންތެރިން ފެންނަން ނެތް ކަމަށް ޤައުމީ ކޯޗު ޖޯސަފް ޔަންކޭޒު ބުނެފައިވާތީ އެކަމަކީ އެސޯސިއޭޝަން ހިންގުމުގައި އޭރު ތިއްބެވި ވެރިން ޒިންމާވާން ޖެހޭ ކަމެއް ކަމަށް އެފް އޭ އެމުގެ އާ ޕްރެޒިޑެންޓް ވިދާޅުވެއްޖެ އެވެ.
އިއްޔެ އެފް އޭ އެމުގައި ބޭއްވި ނޫސްކޮންފަރެންސްގައި އަލީ އާޒިމް ވިދާޅުވީ މިހާރު ތިބި ކުޅުންތެރިންގެ ބަދަލުގައި އާ ކުޅުންތެރިން ފެންނަން ނެތްކަމަށް ކޯޗު ފާހަގަކޮށްފައިވާ ކަމަށެވެ. ”ކޯޗު ބުނެފަ ވަނީ މިހާރު ތިބި ކުޅުންތެރިންގެ ރިޕްލޭސްމަންޓެއް ނެތޭ. އެހެންވެ އޭރު އެސޯސިއޭޝަން ހިންގަވަން ތިއްބެވި ބޭފުޅުން އެކަަމުގައި ޒިންމާވާން ޖެހޭ“ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރަހްމަތްތެރިކަމުގެ މެޗުތައް ކުޅެން ވަރަށް ގިނައިން ފުރުސަތު ލިބެމުންދާ ކަމަށާއި އެހެންކަމުން ޤައުމީ ކޯޗެއް ހޯދުމުގެ މަސައްކަތް ވަރަށް އަވަސް ކުރަން ޖެހޭ ކަމަށެވެ.
އެފް އޭ އެމުގެ މަސައްކަތްތައް ފަށަން ޖެހޭނީ ސުމަކުން ކަމަށް ބައެއް ފަރާތްތަކުން ބުނާތީ އާޒިމްގެ ނަޒަރުގައި އެފް އޭ އެމު އޮތީ ކޮން ހާލަތެއްގައިތޯ ޖަޒީރާއިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެފް އޭ އެމުގެ އޮފީސް ސްޓްރަކްޗަރއެއް ނެތް ކަމަށެވެ. ”ލިޔެވިފަ ހުރި ޤަވާއިދުތަކެއް އުސޫލުތަކެއް ފެންނާކަށް ނެތް. ފަހަރުގައި ހިންގަވަން ތިއްބެވި ބޭފުޅުންގެ ސިކުނޑީގައި އެކަން އޮވެދާނެ. ދެން މުވައްޒަފުންވެސް އަމަލު ކުރާނެ މިންގަނޑެއް ނެތް. މި ކަންތައްތަކަކީ ވީ އެންމެ އަވަހަކަށް ހައްލު ކުރަން ޖެހޭ މައްސަލަތައް. އެގޮތުން ބަލާއިރު އިދާރީ ހިންގުން އެފް އޭ އެމުގައި ވަރަށް ދޯދިޔާކޮށް އޮތީ“ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ހުރިހާކަމަކަށްވެސް ޤަވާއިދު ހަދާނެ ކަމަށާއި ހުރިހާ ކޮމެޓީތަކެއްވެސް ވަރަށް އަވަހަށް ނިންމާ އިއުލާން ކުރާނެ ކަމަށެވެ.
ޤައުމީ ކޯޗު ޖޯސަފް ޔަންކޭ ސާފްޗެމްޕިއަންޝިޕްގެ ތެރޭގައި ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގްބަލެއް ނެތް ކަމަށާއި ޤައުމީ ޓީމުގެ ދިފާއުގައި ތިބި ހުރިހާ ކުޅުންތެރިންވެސް އެތިބީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ކައިރިވެފައި ކަމަށާއި އެތަންތަން ފޫބައްދާނެ އާ ކުޅުންތެރިންތަކެއް ފެންނަމުން ނުދާ ކަމަށެވެ.