
ހާނިމް ސިޓީއަށް ކުޅިވަރު ކައުންސިލުން ނޫނެކޭ ބުނެފި
އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބުގެ ކަންތައްތައް ހިނގާދިޔައީ އިންސާފުން ނޫން ކަމަށްބުނެ ޕްރެޒިޑެންޓް ކަމަށް ކުރިމަތިލެއްވި މުހައްމަދު ހާނިމް ކުޅިވަރުގެ ޤައުމީ މަޖުލީހަށް ހުށަހެޅި ކަންތައް ބަލައިދެވެން ނެތް ކަމަށް ހާނިމަށް އަންގައިފި އެވެ.
ޖުލައިމަހުގެ 2 ވަނަ ދުވަހު ހާނިމް ފޮނުވާފައިވާ ސިޓީގައި 8 ކަމެއް ފާހަގަކޮށްފައިވާނެ ކަމަށް ހާނިމް ވިދާޅުވިއެވެ. ” އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑުގެ ސިޓީގައި ފާހަގަކޮށްފައިވާނީ ވޯޓުލެވޭ ކްލަބްތަކަށް ނޭނގި އެމީހުންގެ އަހަރީ ޗަންދާ އެސޯސިއޭޝަނުން ދައްކާ އޭގެ ސްލިޕް އެސޯސިއޭޝަނުން ކްލަބްތަކާ ހަވާލުކޮށްފައިވުން. މިކަން ސާބިތުކުރުމަށްޓަކާ އަޅުގަނޑު އޮންނާނެ ކްލަބްތަކުގެ ސިޓީވެސް އޭގަ ހިމަނާފަ. އޭގެ ތެރޭގައި ކްލަބް ތިލަދުއްމައްޗާއި ބީޖީ ހިމެނޭ. އަދި އިންތިހާބުގެ ކަންތައް ދިޔައީ އިންސާފުން ނޫން ކަމަށް ބުނެ ނާޑުން ލިޔެފައިވާ ސިޓީއެއްވެސް އޮންނާނެ. އެހެން ނަމަވެސް މި ކަންތައްތަކަށް ކައުންސިލުން ފޮނުވި ސިޓީގައި މިކަމަށް ޖަވާބު ދީފައެއްވެސް ނެތް. އެހެންވެ ވަރަށް ދޯހަޅި ގޮތަކަށް ޖަވާބު ދީފައިވަނީ“ ހާނިމް ވިދާޅުވިއެވެ.
ހާނިމް ވިދާޅުވީ ކްލަބްތަކުން އިންތިހާބު އިންސާފުވެރި ނޫން ކަމަށް ބުނަންޏާ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށާއި އެންމެ ކުޑަމިނުން އެ ކްލަބްތަކާ ސުވާލުކޮށްފައިވެސް ނެތް ކަމަށެވެ. ”މިކަމުން އަޅުގަނޑަށް ދޭހަވެގެން މި ދިޔައީ ސްޕޯޓްސް ކައުންސިލްގެ ނާގާބިލުކަން. އަނެއްކާ 2 ވަނަ ދުވަހު ފޮނުވި ސިޓީގެ ޖަވާބު މި ލިބުނީ 21 ވަނަ ދުވަހު. މިއީވެސް މާ ދިގު މުއްދަތެއް“ އެތްެލެޓިކްސްގެ ޕްރެޒިޑެންޓްގެ މަޤާމަށް ކުރިމަތިލުމަށްޓަކާ ސްޕޯޓްސް ކައުންސިލުން އިސްތިއުފާ ދެއްވި ހާނިމް ވިދާޅުވިއެވެ.
ހާނިމް ވިދާޅުވީ މި މައްސަލަ އަދިވެސް ދޫ ނުކުރާނެ ކަމަށާއި އެ މައްސަލައިގައި ޖަވާބު ނުލިބި ހުރި ސުވާލުތަކަށް ޖަވާބު ހޯދުމަށް މިއަދު އަނެއްކާވެސް ކައުންސިލަށް ސިޓީ ފޮނުވާނެ ކަމަށެވެ. ”މިކަންތަކުގައި އެހާ ފަސޭހައިން ދުލެއް ނުކުރާނަން.“ ހާނިމް ވިދާޅުވިއެވެ.
ޕްރެޒިޑެންޓް ހޮވަން ބޭއްވި އިންތިހާބުގައި މައިޒާން އަލިމަނިކާއި ވާދަކޮށް ހާނިމް ބަލިވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.