
ސަރުކާރުގެ ޚަރަދު ކުޑަ ކުރަން ނިންމި ނަމަވެސް އަމަލީ ގޮތުން ފަށާފައިވާ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ: މައުރޫފް ޖަމީލް
ސަރުކާރުގެ ޚަރަދު 20 ޕަސެންޓް ކުޑަކުރަން ނިންމިނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު އަމަލީ ގޮތުން ފަށާފައި މަސައްކަތްތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ޖަމީލު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލީހުގައި މެމެބްރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓް ދަށްކުރަން ޖެހުނަސް މިހާރު ހިނގަމުން އަންނަ ޕްރޮޖެކްޓްތަކަށް އޭގެ އަސަރު ނުކުރާނެ ކަމަށެވެ.
” އަޅުގަނޑުމެންގެ ބަޖެޓް ވަކިބައެއް ޑިކްރީސްކުރާކަށް މިހާރު ހިނގަމުން އަންނަ ޕްރޮޖެކްޓްތަކަކަށް އަސަރެއް ނުކުރާނެ. މިޕްރޮޖެކްޓްތަކަކީ މިހާރު އޮންގޮއިން ކޮންޓްރެކްޓްގައި ސޮއިކޮށްފައި ހުރި ޕްރޮޖެކްޓްތަކެއް.“ މައުރޫފު ވިދާޅުވި އެވެ.
މިއަދުގެ މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ ލ.އަތޮޅުގައި މީހުން ދިރިއުޅޭ 12 ރަށުގެ ތެރެއިން 9 ރަށުގެ ބަނދަރު ސަރުކާރުން ހަދާދީފައި ވާކަމަށާއި ބާކީ ހުރި ރަށްތަކުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށެވެ.
” ބަނދަރު ނުހެދިވާ ތިން ރަށުގެ ތެރެއިން ކުނަހަންދޫ ބަނދަރު ފެބުރުއަރީ 2007 ގައި ކުރިއަށް ދަނިކޮށް ޖުލައި 2007 ގައި އިކްއިޕްމަންޓްތަކަށް ލިބުނު ގެއްލުމަކާ ގުޅިގެންމިހާރުވަނީ މެދުކެނޑިފައި. މާމެންދޫ ބަނދަރު ހެދުމުގެ މަސައްކަތް 30 މޭ 2008 ގައި ފެށިގެން ކުރިއަށް ދޭ. ލ.މުންޑޫއާއި މކުރިމަގުގެ ބަނދަރުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފެށޭވަރުވާނެ ކަމަށް ލަފާކުރެވޭ. ގާދޫގެ ބަނދަރުގެ މަސައްކަތްވެސް މިހާރުގެ މިންގަޑާއެއްގޮތަށް އަންނައަހަރު ނިންމުމަށް އުންމީދުކުރަން.“ ލ.އަތޮޅުގެ ބަނދަރުތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސްމަހު ބަޖެޓް 20 އިންސައްތައަށް ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެގޮތުން ތަފާތު ފިޔަވަޅުތައް އެކިމިނިސްޓްރީ ތަކުން ގެންދަނީ އަޅަމުން ނެވެ.