
އެލިއާ 38 ން ދަތުރުކުރި 15 މީހަކު ހާލު ދެރަވެގެން މާލެ ގެނެސްފި
ޒަކަރިއްޔާ ހަސަން
އެލިޔާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެލިޔާ 38 ނަންބަރު ބޯޓުން ދަތުރުކުރި 15 މީހުން މޫސުމް ގޯސްވުމާއި ގުޅިގެން މާލެ ގެނެސްފި އެވެ.
ކޯސްޓު ގާޑުން ބުނީ މިހާދިސާ ރިޕޯޓު ކޯސްޓުގާޑަށް ލިބުމާއި ގުޅިގެން ރާއްޖޭގެ އުތުރުން މާލެއަށް ދަތުރުކުރި ޝިޕް ގާޒީ އެބޯޓު ކައިރިއަށް ގޮސް އެމީހުން ނަގައިގެން އިއްޔެ ހަވީރު މާލެ ގެނެވިފައިވާކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 8 ބިދޭސީން ކަމަށް ކޯސްޓުގާޑުން ބުނެއެވެ. މޭޖަރ އިބްރާހީމް އަފްޒަލް ވިދާޅުވީ އެމީހުން ހާލުގައި ޖެހިފައިތިބިކަމުގެ ރިޕޯޓު ކުރުމުން އެބޯޓު ކައިރިއަށް ގޮސް އެމީހުން ކޯސްޓުގާޑަށް ނެގިއިރު ގިނަ މީހުންތިބީ ވަރަށް ހާލުދެރަކޮށްކަމަށެވެ. ބައެއްމީހުން ހޮޑުލާވެސް ހެދިކަމަށެވެ.
އަފްޒަލް ވިދާޅުވީ މިބޯޓަކީ މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ހއ. އިހަވަންދުއަށް ދަތުރު ކުރަނިކޮށް އެދުވަހު ހެނދުނު 6:30 ހާއިރު އިންޖީނު ހުއްޓުމާއި ގުޅިގެން ކ. ކަގި ބޭރުގައި ނަގިލި އަޅައިގެން އޮތް ބޯޓެއް ކަމަށެވެ. އަދި އެބޯޓު އެތަނުގައި އޮންނަތާ ތިންދުވަސް ވެއްޖެކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.
އެލިޔާ އިން ބުނީ އެއީ މާ ސީރިއަސް މައްސަލައެއް ނޫންކަމަށާއި މިހާރު އެމީހުންގެ ހާލު ރަގަޅުކަމަށެވެ.