ބަނޑިދޫ ބަނދަރު މަރާމާތުކުރަން 8.5 މިލިއަން ރުފިޔާއަށް ޔޫމެޓް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

ޖުލައި 23، 17:03 0 ޚިޔާލު

ޒަކަރިއްޔާ ހަސަން

ދ.ބަނޑިދޫ ބަނދަރު މަރާމާތު ކުރުމުގެ މަސްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 8.5 މިލިއަން ރުފިޔާ އަށް ޔޫމެޓު ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ.

ބަނޑިދޫ ބަނދަރު މަރާމާތު ކުރުމުގެ ފޭސް އެކެއްގެ މަސައްކަތް ރަސްމީގޮތުން ޔޫމެޓު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރެއްވީ މިކަމަށްޓަކައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މިކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު އިބްރާހީމް އެވެ. އަދި ޔޫމެޓު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް މުއީދު އަބުދުﷲ އެވެ.

މިމަޝްރޫއަށް ހަރަދު ކުރާނީ ދިވެހި ސަރުކާރުގެ ބަޖެޓުންކަމަށާއި މިމަޝްރޫއުގެ ޖުމުލަ އަގަކީ ) އަށް މިލިއަން ހަތަރުސަތޭކަ ސާޅީސް ހަތްހާސް ދުއިސައްތަ ފަނަރަ ރުފިޔާ ފަސްދޮޅަސް ފަސްލާރި( ކަމަށް ކޮންސްޓްރަކުޝަން މިނިސްޓްރީން ބުނެއެވެ.

ކޮންސްޓްރަކުޝަން މިނިސްޓްރީ އިން ބުނީ މިމަޝްރޫއުގެ ދަށުން ހަދާ ބަނދަރުގެ ސައިޒަކީ 500 ފޫޓު ދިގު, 250 ފޫޓު ފުޅާ ބަނދަރެއްކަމަށެވެ. މިބަނދަރުގެ އެއްގަމުތޮށީގެ ދިގުމިނަކީ 283 މީޓަރުކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މިމަސައްކަތް ހަވާލުކުރެވިފައިވަނީ މުޅި ބަނދަރުގެ އެއްގަމުތޮށި ކޮންކުރީޓު ބްލޮކުއިން ޖެހުމަށާއި ބަނދަރު ތެރެއާއި ނެރު މެދު ދިޔައިގައި 3 މީޓަރު ހުންނަވަރަށް ފުން ކުރުމަށް ކަމަށްވެސް ކޮންސްޓްރަކުޝަން މިނިސްޓްރީ އިން ބުނެއެވެ. އަދި މިމަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 180 ދުވަސްކަމަށްވެސް އެމިނިސްޓްރީ އިން ބުނެއެވެ. މިމަސްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނިފައިވަނީ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތްކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv