ރައީސަށް ހަމަލާދިން މުރުޝިދުގެ މައްސަލަ މިމަހުގެ 28ގައި ނިންމަވާނެކަމަށް ގާޒީ ވިދާޅުވެއްޖެ

ޖުލައި 23، 15:17 0 ޚިޔާލު

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް ވަޅިން ހަމަލާ ދިން މުޙައްމަދު މުރްޝިދު, 20, ގެ މައްސަލަ މި މަހުގެ 28 ވަނަ ދުވަހު ނިންމަވާނެ ކަމަށް ޖިނާޢީ ކޯޓުގެ ޤާޒީ ޢަބްދުލް ބާރީ އިއްޔެ އިޢުލާން ކޮށްފި އެވެ.

ޤާޒީ މިކަން އިޢުލާންކުރީ އިއްޔެގެ ޝަރީއަތް ނިންމަވައިލައްވަމުން ނެވެ.

ގާޒީ އއިްޔެ ވިދާޅުވީ ރައީސް އަވަހާރަ ކޮށްލުމަށް މުރުޝިދު ހަމަލާދީފައިވާ ކަމަށާއި އެކަމަށް ތަޙްގީގުގައިވެސް އޭނާ އިޢުތިރާފް ވެފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލައިގައި އޭނާއަށް ހައްގު އަދަބު ދިނުމަށްޓަކައި ޝަރީޢަތަށް ޙާޒިރު ކުރުމުން އޭނާ އަނގައިން ނުބުނެ މޮޔައެއް ކަމަށް ނުވަތަ ބޯހަމަނުޖެހޭ މީހެއް ކަމަށް ހެދިގެން ހުންނަ ކަމަށާއި ތަހުގީގު ވީޑިއޯތަކަށް ބަލާއިރު އޭނާ ވާހަކަ ދައްކައިފައި ވަނީ ހަމަހޭގައި ހުރެގެންކަން އެނގޭ ކަމަށް ޤާޒީ ވިދާޅު ވިއެވެ.

ރައީސަށް ވަޅިން ހަމަލާދީ އަވަހާރަ ކޮށްލަން މަސައްކަތްކުރި މުރްޝިދާ ބެހޭގޮތުން ޤާޒީ ވިދާޅުވީ, ވަޅިއަކުން ރައީސަށް ހަމަލަދިން މައްސަލައިގެ ތަހުގީގު ވީޑިއޯތަކަށް ބަލާއިރު އޭނާއަކީ ބޯހަމަ ނުޖެހޭ މީހެއްކަން ސާބިތު ނުވާ ކަމަށެވެ.

މުރުޝިދު ހަމަލާ ދިނުމުގެ ކުރިން ވަޅިހުރީ ޖީބަށް ލާފައިކަމަށް ފުލުހުން ހާމަކުރާއިރު ހަމަލާދިން ވަޅި ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށާއި ވަޅީގެ ދިގުމިނަކީ 9 އިންޗި ކަމަށްވެސް ފުލުހުން ވަނީ ހާމަ ކޮށްފަ އެވެ.

މުރުޝިދުގެ ޝަރީޢަތުގައި އިއްޔެ ދައުލަތުން ޚުލާސާ ބަޔާން ހުށަހެޅުއްވުމުގެ އިތުރަށް ވިދާޅުވީ ރައީސަށް ދިން ޙަމަލާގައި ލިބިވަޑައިގެންނެވި ގެއްލުންތަކުގެ ބަދަލު ހޯއްދަވަން ރައީސް ބޭނުންފުޅު ނުވާ ކަމުގެ އިޝާރާތް ކުރައްވައިފައިވާ ކަމަށެވެ. ނަމަވެސް އެ ގެއްލުންތަކުގެ ތަފުސީލު ކޯޓަށް ހުށަހަޅުއްވާނެ ކަމަށްވެސް ވަކީލު ވިދާޅު ވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv