އާޖެންޓީނާގެ ގައުމީ އެއާލައިން އެ ގައުމުގެ ސަރުކާރުން އަލުން ގަނެފި
އާޖެންޓީނާގެ ޤައުމީ އެއާލައިން ކަމުގައިވާ އޭރޯލައިނިއާސް އާޖެންޓިނަސް ޕްރައިވެޓައިޒްކުރިތާ ގާތްގަނޑަކަށް 20 އަހަރު ފަހުން އާޖެންޓީނާގެ ސަރުކާރުން އެ އެއާލައިން އަލުން ގަނެފިއެވެ.
1990ގައި މި އެއާލައިން ގަތް ސްޕެއިންގެ މާރސަންސް ކިޔާ ކުންފުނިން މި އެއާލައިން އާޖެންޓީނާ ސަރުކާރަށް ވިއްކާލި އަގު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން މި އެއާލައިން ގަތްއިރު، މި އެއާލައިންގެ ދަރަނި 900 މިލިއަން ޑޮލަރަށް އަރައެވެ. އަދި މިހާރުވެސް ދުވާލަކަށް ގާތްގަނޑަކަށް ދުވާލަކަށް 1 މިލިއަން ޑޮލަރު މި އެއާލައިނަށް ގެއްލެމުން ދެއެވެ.
އޭރޯލައިނިއާސް އަލުން ގަތުމާއި އެކު ސަރުކާރުން ކުރަން ޖެހޭ ޚަރަދުތައް އަދި މުޅިން ސާފު ނުވެ ވަނީ އޯޑިޓް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާތީއެވެ. ގިނަ މާހިރުން ބުނާގޮތުގައި މީގެ 18 އަހަރު ކުރިން އޭރޯލައިނިއާސް ވިއްކާލިއިރުވެސް މި އެއާލައިންގެ ޙާލަތު އެހާ ރަނގަޅެއް ނޫނެވެ.
މިހާރު މި އެއާލައިންގެ ގިނަދުވަސްވެފައިވާ 67 މަތިންދާބޯޓުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބޯޓު ވަނީ ގްރައުންޑް ކުރެވިފައެވެ. އަދި ބޭނުންވާވަރަށްވުރެ ގިނަ މުވައްޒަފުން މި އެއާލައިންގައި ވަޒީފާ އަދާކުރަމުންދާއިރު ފްލައިޓް ލަސްވުމާއި ކެންސަލް ވުމުގެ ސަބަބުން ގިނަބަޔަކު ދަނީ އެހެން އެއާލައިންތަކުން ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވުމުންވެސް އިތުރު މައްސަލަތަކާއި ދިމާވާނެއެވެ.