މެދުއިރުމައްޗަށް ޞުލްޙަ ގެންނެވުމަށް މަސައްކަތް ކުރައްވާނެކަމަށް އޮބަމާ ވިދާޅުވެއްޖެ
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑެމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ބަރަކް އޮބަމާ މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މެދުއިރުމަތީގެ ޞުލްޙައަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލާ ދާއިމީ ޞުލްޙައެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެއްޖެއެވެ.
ޢިރާޤުގައި މަސައްކަތް ކުރަމުން އަންނަ އެމެރިކާގެ ސިފައިންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮބަމާ ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުން ހުރީ އަވަސް މުއްދަތެއްގައި ސިފައިން ޢިރާޤުން ބޭލޭނެގޮތެއް ހަމަޖެއްސުމަށް ކަމަށެވެ.
ޢުރުދުންގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން އޮބަމާ ވިދާޅުވި ގޮތުގައި އިސްރާއީލާއި ފަލަސްޠީނުގެ މެދުގައި އުފެދިފައިވާ ތަފާތުތައް ނައްތާލާ ދާއިމީ ޞުލްޙައަކަށް ދިއުމުގެ ޤާބިލްކަން ދެފަރާތަށް އަމިއްލައަށް ލިބިފައިނުވާކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އެހެންކަމުން އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، މެދުއިރުމައްޗަށް ދާއިމީ ޞުލްޙަ ގެންނެވުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވާނެ ކަމަށާއި އެކަމަށް ކުރެވޭ އުއްމީދު ވަރަށްބޮޑު ކަމުގައި ވިދާޅުވިއެވެ.
އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު އޮބަމާ ވިދާޅުވެފައިވާ ގޮތުގައި އެޤައުމުގައި އެމެރިކާ ސިފައިން ދިގު މުއްދަތަކަށް މަސައްކަތް ކުރަންޖެހިދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ޢިރާޤާ ބެހޭގޮތުން އޮބަމާ ގެންގުޅުއްވާ ސިޔާސަތަށް ބައެއް ފަރާތްތަކުން ފާޑުކިޔުންތައް ކުރިމަތިވަމުންދިޔަ ނަމަވެސް، އޭނާ ވިދާޅުވާ ގޮތުގައި އެހަނގުރާމަ ކުރިއަށްދާނަމަ، އެކަމުގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާނެ ކަމަށާއި އެގޮތަށް ގެއްލުންތައް ލިބުމަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ.