އިންޑިޔާ ސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށް ނެގި ވޯޓުގައި ސަރުކާރަށް ކާމިޔާބު ލިބިއްޖެ

ހުސައިން ރަޝީދު ޖުލައި 23، 13:46 0 ޚިޔާލު

އިންޑިޔާ ސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށް އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި ސަރުކާރަށް އިތުބާރުއޮތް ކަމަށް ވޯޓު ލިބިއްޖެއެވެ. ބޮޑުވަޒީރު މަންމޯހަން ސިންގގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓަކަށް ދާންޖެހުނީ އެމެރިކާ އާއި އިންޑިޔާއިން ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދާން ފެށުމާ ގުޅިގެންނެވެ.

އިތުބާރުއޮތް ކަމަށް ވޯޓު ލިބުމާ ގުޅިގެން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެމަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް މިހާރުވަނީ ނިންމަވާފައެވެ.

ބޮޑުވަޒީރު މަންމޯހަން ސިންގ ވިދާޅުވެފައިވާ ގޮތުގައި މިމަޝްރޫޢު ކުރިއަށް ގެންދިއުމުގެ ސަބަބުން ފައިދާ ލިބިގެންދާނީ އިންޑިޔާ އަށާއި އިންޑިޔާގެ ރައްޔިތުންނަށެވެ.

އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުންވެސް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވޯޓުލާފައިވެއެވެ. އެހެންކަމުން މިނިންމުމަށް އެމެރިކާއިންވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ވޯޓު ލުމުގެ ކުރިން އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ރިޝަވަތު ދިނުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ފެތުރިގެން ދިއުމާ ގުޅިގެން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އުފެދިގެން ދިޔައެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕާޓީތަކުންވަނީ ސަރުކާރުން ޤާނޫނު ހަދާ މަޖިލީހުގެ އަގު ވައްޓާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ބުނެފައެވެ. އަދި މިއީ ވަރަށް ހުތުރު ޢަމަލެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ކޮންގްރެސް ޕާޓީއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ޤާނޫނާ ޚިލާފަށް ކުރުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް، އެފަދަ ކަމެއް ކުރިއަށްދިޔަތޯ ބައްލަވާނެ ކަމަށާއި އެކަން އިތުރަށް ތަޙުޤީޤު ކުރައްވާނެކަމަށް ވިދާޅުވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv