ބޮސްނިޔާ ހަނގުރާމައިގެ މޭސްތިރި ރަޑޮވާން ކަރަޑްޒިކް ހައްޔަރުކޮށްފި

ހުސައިން ރަޝީދު ޖުލައި 22، 22:13 0 ޚިޔާލު

ބޮސްނިއާ މުސްލިމުންނަށް އިހާނެތިކޮށް ކަންތައްކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވި ސާބިއާގެ ވެރިންގެ ތެރޭގައި ހިމެނޭ ރަޑޮވާން ކަރަޑްޒިކް ސާބިއާގައި ހައްޔަރުކޮށްފިއެވެ. 1996 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ ސިއްރިޔާތުގައި ފިލައިގެންނެވެ.

ބޮސްނިއާ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ކޯޓުން އޭނާ ހައްޔަރުކުރުމަށް އަމުރު ނެރުނުފަހުން އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވެއެވެ.

ބެލްގްރޭޑުގައި މިދިޔަ މަހު އާ ސަރުކާރެއް ޤާއިމުކުރެވުމާ ގުޅިގެން ކަރަޑްޒިކް ހައްޔަރުކުރުމަށް ކުރެވެމުންދިޔަ މަސައްކަތަށް ވަރަށްބޮޑު ބާރެއް ލިބިގެންދިޔައެވެ. އަދި އޭނާ ހޯދުމަށް ކުރެވެމުންދިޔަ މަސައްކަތް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވިފައިވެއެވެ.

މިގޮތުން ކުރިއަށްގެންދެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ރަޑޮވާން ކަރަޑްޒިކް ހައްޔަރުކުރެވުނުއިރު، އަދިވެސް ރަޓްކޯ މޮލާޑިޗް އުޅެމުން އަންނަނީ ފިލައިގެންނެވެ.

ސާބިއާގެ އާސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދުމަށެވެ. އެގޮތުން އެކަން ކާމިޔާބު ކުރުމަށްޓަކައި މިއީ ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައި އޮފިޝަލުން ހާމަކޮށްފައިވެއެވެ.

އ.ދ.ގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރަޑޮވާން ކަރަޑްޒިކްގެ އަމުރަށް އޭނާގެ ސިފައިންވަނީ 1995 ވަނައަހަރު ހިންގި ޖަރީމާތަކުގައި 7500 ށްވުރެ ގިނަ މުސްލިމުން މަރާލާފައެވެ. އަދި އ.ދ.ގެ ޞުލްޙަ ދަމަހައްޓާ ސިފައިން އެކަން ހުއްޓުވުމަށް ކުރި މަސައްކަތުގައި އ.ދ.ގެ ސިފައިންނަށްވެސް ހަމަލާދީފައިވާތީ، އެކަމާބެހެ ގޮތުންވެސް ދަޢުވާ އުފުލާފައިވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv