ފުޓްބޯޅަ އިންތިހާބުން އެނގުނީ ކޮންކަމެއް؟
ކުޅިވަރު އެސޯސިއޭޝަންތައް އިންތިހާބު ކުރުމުގެ މަރުހަލާ ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކުގައެވެ. މިއީ އެކަންތައް ކުރިއަށް ގެންދިޔަ ފަރާތުން ދެކޭ ގޮތެވެ. މީގެ 25 ވަރަކަށް އަހަރު ކުރިން އުފެދުނު ކުޅިވަރު އެސޯސިއޭޝަންތައް ޒަމާނުއްސުރެ ހިނގަމުން އައި ”ސަރުކާރުގެ ވެރިން މަޤާމުތަކަށް އިސްކުރަމުން އައި އުސޫލު“ ދޫކޮށް ބޭނުން ބަޔަކަށް އެސޯސިއޭޝަންތައް ހިންގުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އާދިއްތަ ދުވަހު ބޭއްވި ފުޓްބޯޅަ އިންތިހާބާއެކު ސަރުކާރުން ހިންގާ 12 އެސޯސިއޭޝަންގެ ތެރެއިން 11 އެސޯސިއޭޝަންގެ އިންތިހާބު ބާއްވާ ނިމުނީ އެވެ. މިވަގުތަށް އިންތިހާބު ބާއްވަން ޖެހޭ އަދަދަކީވެސް އެއީ އެވެ.
އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ދިޔައީ ކުރިންވެސް ހީކުރެވުނު ގޮތަށް ފުޓްބޯޅަ އާއި ވޮލީގައެވެ. ފުޓްބޯޅައިގެ އިންތިހާބުގައި ހައިރާން ކުރުވަނިވި ކަންތައްތަކެއް ފެނިގެން ދިޔައިރު ވޮލީގެ އިންތިހާބުގައި ލިބުނު ހައިރާންކަންވެސް ކުޑައެއް ނޫނެވެ. އިބްރަތް ހާސިލު ކުރަން ބޭނުންވާ ބަޔަކަށް މި ދެ އިންތިހާބުން ވަނީ ކަންތައްތަކެއް ދަސްވެގެން ގޮސްފައެވެ. ހާއްސަކޮށް ފުޓްބޯޅަ އިންތިހާބުގައެވެ.
ފުޓްބޯޅަ އިންތިހާބުގެ ހުރިހާ މަޤާމެއްވެސް ދިޔައީ ވާދަވެރި ގޮތަކަށެވެ. ޕްރެޒިޑެންޓް ކަން އަލީ އާޒިމް 7 ވޯޓުން ކާމިޔާބު ކުރުމުން އިންތިހާބާ ތަންކޮޅެއް ދުރުގައި އުޅުނު ފަރާތްތަކުން ސުވާލުކުރިއެވެ. މިކަމުގައި އެންމެ ކައިރީގައި ނޫޅޭ ގިނަ ބަޔަލު ޤަބޫލު ކުރާ ގޮތުގައި އެފް އޭ އެމުގެ ޕްރެޒިޑެންޓް ކަމަށް އެންމެ ގާބިލު މީހަކީ މުހައްމަދު ކަލީމެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެ ފުރަތަމަ ރިހިމެޑަލް ހޯދިއިރު ކެޕްޓަންކަން ކޮށް އަދި އޭގެ ފަހުން ނިއުގެ ކޯޗުކަންވެސް ކޮށްފައިވާ ކަލީމަކީ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ފުޓްބޯޅައިގެ ނަމޫނާ ސަހްސިއްޔަތެކެވެ. އެހެންކަމުން ކަލީމަށް އެ މަޤާމު ލިބޭނެ ކަމަށް ގިނަ ބަޔަކު ކުރިން ހީކުރިއެވެ.
އާޒިމްގެ ކާމިޔާބީ ފެންނަން އޮތީ ތަފާތު ގޮތަކަށެވެ. ނިއުގެ ޓީމަށް ދުވަސްތަކެއް ވަންދެން ކުޅުނަސް އާޒިމަކީ ރާއްޖޭގެ ނިސްބަތުން ހުނިޖަހާލާފައި ނެގޭނެ ކުޅުންތެރިއެއް ނޫނެވެ. ކޯޗިން ދާއިރާގެ ސީ ލައިސަންސް އޮތް ނަމަވެސް އަމަލީ ގޮތުން އެކަމުގައި އެހާ ބޮޑަކަށް ހަރަކާތްތެރިއެއް ނުވެއެވެ. އެހެން ނަމަވެސް ފުޓްބޯޅައިގައި އާޒިމާއެކު ކައިރިން މަސައްކަތްކުރި ފަރާތްތަކުން ބުނާ ގޮތުގައި އޭނާ އަކީ ހިންގުންތެރިއެކެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު އާޒިމް އޭނާގެ ބައްޕަގެ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓް ހިންގުމަށް ފައި ނެގީ ކޮންމެ މަހަކު ބައްޕަގެ އަތުން ކްލަބަށްދާ ބޮޑު ހަރަދަށް ލުޔެއް ހޯދާދިނުމުގެ ބޭނުމުގައެވެ. ފާއިތުވެދިޔަ 10 ވަރަކަށް އަހަރު އެކަން އާޒިމް ފުރިހަމަކޮށްފިއޭ ބުނުމުން އެކަމާ ދެބަސްވާނެ މީހަކު ހުންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިތުރުން އޭ އެފް ސީގެ މުބާރާތުގައިވެސް ބޮޑު ކާމިޔާބެއް ހޯދާ އަދި ރާއްޖެއިން އެންމެ ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ހިނގާ ޓީމު ކަމަށް ގިނަ ބަޔަކު ނިއު ޤަބޫލު ކުރަނީ އާޒިމްގެ ގުރުބާނީތަކެއް އެކަމުގައި އެކުލެވިގެންނެވެ. އެހެންކަމުން އެފް އޭ އެމުގެ ޕްރެޒިޑެންޓް ފަދަ އިދާރީ މަޤާމަކަށް އާޒިމް ހޮވުމުން ހައިރާންވާނެ ޖާގައެއް ނެތެވެ.
އެފް އޭ އެމުގެ އިންތިހާބުގައި ލެވުނީ ސިއްރު ވޯޓެއް ނަމަވެސް ވޯޓްތައް ބެހިގެން ދިޔަގޮތް މިކަމުގައި އުޅުނު ފަރާތްތަކަށް އެނގެއެވެ. އެއީ ކުރިން ގިނަ ފަރާތްތަކަކުން އެކަމަށް އެއްބަސްވެސްވެފައިވާތީ ކަމަށްވެއެވެ. ވޯޓްލުމުގެ ވަގުތު ކުޑަތަންވަމުން އައިއިރުވެސް އާޒިމް އުޅުނީ 6 ވޯޓް 5 ވޯޓުން ކުރީގައި ކަމަށް ބުނެވެއެވެ. 7 ވޯޓް 4 ވޯޓަށް ނަތީޖާ ބަދަލުވީ އެންމެ ފަހު ވަގުތުގައި ކަމަށްވެސް ބުނެވެއެވެ.
އާޒިމާއެކު އޭނާގެ ބައިވެރިއެއްގެ ގޮތުގައި ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް ކުރިމަތިލި ހިޔަލީ މުހައްމަދު ރަޝީދު އިންތިހާބު ކާމިޔާބުކުރީ 6 ވޯޓް ހޯދައިގެންނެވެ. އިންތިހާބުގެ މަޤާމަކަށް އެންމެ ފުރަތަމަ ކުރިމަތިލީކަން އިއުލާންކުރީ މައުރޫފް އަހްމަދު)މާއްޓޭ( އެވެ. ފުރަތަމަ ޕްރެޒިޑެންޓް ކަމަށް ކުރިމަތިލީ ނަމަވެސް މުހައްމަދު ކަލީމް އެ މަޤާމަށް ކުރިމަތިލުމުން އޭނާ އާއި ބައިއަތު ހިފާ ވައިސް އަކަށް ބަދަލުވިއެވެ. އެހެންކަމުން އޭރުވެސް ޔަޤީން ކުރެވުނީ މުހައްމަދު ޕްރެޒިޑެންޓަކަށް ހޮވިއްޖެނަމަ ވައިސްގެ މަޤާމަށް ހޮވޭނީ މާއްޓޭ ކަމަށެވެ. އަދި އާޒިމް ހޮވިއްޖެނަމަ އޭގެ އިދިކޮޅު ފެންނާނެ ކަމަށެވެ. ހައިރާންކަން ފެނުނީ މުހައްމަދު ކަލީމަށް 4 ވޯޓު ލިބުނުއިރު މާއްޓޭއަށް 2 ވޯޓު ލިބުމުންނެވެ. އެހެންކަމުން ކަލީމަށް ސަޕޯޓްކުރި ފަރާތްތަކުގެ ވޯޓްވެސް މާއްޓޭއަށް ނުލިބޭކަން އެހާ ހިސާބުން ޔަޤީންވިއެވެ.
އެފް އޭ އެމުގެ އެންމެ އިސް ދެ މަޤާމަށް ހޮވުނު އާޒިމާއި ހިޔަލީ އަކީ ސިޔާސީ ކުލަ ޖެހިފައިވާ ދެ ބޭފުޅުން ކަމަށް ބައެއް ފަރާތްތަކުން އިންތިހާބުގެ ތެރޭގައިވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އެކަން އެގޮތަށް ދިމާވީ ސަބަބުތަކެއްވެސް ހުރެގެންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި އާޒިމްގެ ފަހަތުގައި ހުންނެވީ އެޓޯލްސް މިނިސްޓަރ އަދި ޑީއާރުޕީގެ ނާއިބު ޒައީމު އަހްމަދު ތަސްމީން އަލީ އެވެ. ހިޔަލީ އަކީ ޕާޓީއެއްގެ ގޮތުގައި ޕީ އޭ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެހެންކަމުން ހިޔަލީ މަސައްކަތް ކުރައްވަނީ އަބްދުﷲ ޔާމީނާއި ޖާބިރު އަދި ޖައުސާ ޖައުފަރު ފަދަ ސިޔާސީ ބޭފުޅުންނާއެކުގައެވެ.
އެފް އޭ އެމުގެ އެގްޒެކްޓިވް ކޮމެޓީގެ 5 ޖާގައިގެ ވާދަވެރިކަންވެސް ވަރަށް ބޮޑު ވެގެން ދިޔައެވެ. 10 ވޯޓު ލިބިގެން އެންމެ ފުރަތަމަ އެކްސްކޯގެ ޖާގަ ކަށަވަރުވި ފަރާތްތަކުގެ ތެރޭގައި ބީޖީގެ މާދިހު އިސްމާއީލާއި އީގަލްސްގެ މުހައްމަދު ތައުފީގު ހިމެނެއެވެ. ދެން އެވަރަށް ވޯޓު ލިބުނީ ވިޔަންސާގެ މުހައްމަދު ވިޝާމަށެވެ. ވިކްޓަރީއަށް ކުޅެ އަދި އެޓީމު ހިންގުމުގައިވެސް އިސް ދައުރެއް އަދާކުރަމުންދާ ޕެރިސް އަހްމަދު ނަސީމަށް އެކްސްކޯއިން ޖާގަ ލިބުނީ 7 ވޯޓާއެކުގައެވެ. ފުޓްބޯޅައިގައި މިހާރުވެސް އަމަލީގޮތުން ބޮޑު ހިއްސާއެއް އަދާކުރަމުންދާ މާޒިއާގެ އަބްދުލް ވައްހާބާއި ވެލެންސިއާގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުހައްމަދު(ދޮނާ)އަށް އިންތިހާބުގައި ދަތި އުނދަގޫތަކެއް ދިމާވިއެވެ. ދޮނާއަށް ޖާގަ ލިބުނީ ތިން ފަހަރަށް ވޯޓު ލައިގެންނެވެ. އެއީ ދެފަހަރު މަތިން އެއްވަރުވުމުންނެވެ. ވައްހާބަށް އެކްސްކޯއިން ޖާގައެއް ނުލިބުނުއިރު ކުރީގެ ޤައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިބްރާހީމް )ކައްޕި(އަށްވެސް އެކްސްކޯއިން ޖާގައެއް ނުލިބުނެވެ. އެހެންކަމުން މިއީ ބައެއް ފަރާތްތަކަށް ލިބުނު ހައިރާން ކަމެކެވެ. މާދިހާއި ތައުފީޤު ފުޓްބޯޅައިގައި މިހާރު އެންމެ އިސް ސަފުގައި ހަރަކާތްތެރިވާތަން ނުފެންނައިރުވެސް މި ދެފަރާތަށް އެންމެ ގިނަ ވޯޓާއެކު ޖާގަ ކަށަވަރު ކުރެވުނީވެސް ސަބަބުތަކެއް ހުރެގެންނެވެ. މި ދެ ކްލަބުންވެސް ސަޕޯޓް ކުރީ އާޒިމަށް ކަމަށް ބުނެވެއެވެ. އަދި ވައްހާބަށް އެކްސްކޯގެ ޖާގަ ގެއްލިގެން ދިޔުމުގައިވެސް ސަބަބުތަކެއް ހުރިކަމަށް ޤަބޫލު ކުރަން ޖެހެއެވެ.
އިންތިހާބަށް ފައިސާގެ ނުފޫޒު ވަން ވާހަކަ ދެކެވެމުން ދިޔައިރު އޭ އެފް ސީގެ ޖެނެރަލް ސެކްރެޓަރީ ޕޯލްމަނީ ވިދާޅުވެފައިވަނީ އެކަމުގެ ހެއްކެތް ނެތް ކަމަށާއި ކޮންމެ އިންތިހާބެއްގައިވެސް ކޮންމެވެސް ކަންތައްތަކެއް ހިނގާނެ ކަމަށެވެ.
ފުޓްބޯޅައިގެ އާ ހިންގާ ކޮމެޓީ އާއި ހަވާލުވެފައިވާ މަސައްކަތްތައް ގިނައެވެ. ކްލަބްތަކުންނާއި މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި އެފް އޭ އެމުގައި މިހާތަނަށް އިދާރީ ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތެވެ. އެއްވެސް ޕްލޭނެއް ނެތެވެ. ޓާގެޓެއް ނެތެވެ. އެހެންކަމުން މިހުރިހާ ކަމެއް އަލުން ސުމަކުން ފަށައިގެން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބޭނުންވާ ޓާގެޓަށް ވާސިލުވުމަކީ މިހާރު އޮތް ހިންގާ ކޮމެޓީގެ ޒިންމާ އެކެވެ.
-
ބުދަ، ޖުލައި 23 2008، 02:30
މީގަ މައްސަލައަކީ އާޒިމް ހޮވުމެއްވެސް ނޫން، އަދި ކަލީމް ކެޓުމެއްވެސް ނޫން. މީގެ މައްސަލައަކީ މި ހުރިހާ ކަމެއް ހިގައިގެން މިދިޔައީ ރާއްޖޭގެ ގާނޫނުތަކާ އަދި ފީފާގެ ޤަވާއިދުތަކާވެސް ހިލާފަށް އުފައްދާފައިވާ ކޮމިޓީއެއްގެ ބެލުމުގެދަށުންކަން. އަދި، ކޮންމެ ބަޔަކު ރަގަޅޭ ބުންޔަސް އެފް.އޭ.އެމްގެ އެތައް މެންބަރުންގެ ހައްގުތައް ގެއްލުވައިލައިގެން. މިކަން ރާއްޖޭގެ ނޫސްތަކުން ފާހަގަނުކުރާކަމީ ހައިރާންވާކަމެއް. އަދި ހެއްވާ ކަމަކީ، އިންޓަރިމް ކޮމިޓީގެ އެއްވެސް މީހަކަށް އިންތިހާބަށް ކުރިމަރިނުލެވޭނޭ ބުނެފައިވާއިރު، ހަގީގަތުގައި އެންމެ ނުފޫޒުގަދަ މަގާމު މިދިނީ އިންޓަރިމް ކޮމިޓީގެ މެންބަރު ޝާހަށް. މިއީ އޭ.އޭފް.ސީންވެސް ސަޕޯޓުކުރާކަމެކޯ އާޒިމް ބުނުއްވާ. ކިހާ ހެއްވާ. ހުރިހާ ކަމެއް މިދިޔާއީ ލިޔެ، ރޭވި، ބޭނުންގޮތަށް. ދެންވާގޮތް ވެސް ބަލަންތިބެމާ ހިނގާ. އަލީ