ކެއްސުން ބަލި: މުޅިން ރަނގަޅު ކުރެވޭ ބައްޔެއް
ޒަމާނުއްސުރެ އަޅުގަނޑުމެން އެންމެންވެސް އެބައެއް ދެކެ ވަރަށް ބިރުގަންނަ އަދި އެބަޔަކާ ދުރުގައި ތިބެން ބޭނުންވާ އެއްބަޔަކީ ދިވެހިން ކެއްސުންބައްޔޭ މިކިޔާ ބަލިޖެހިފައިތިބޭމީހުންނެވެ. އިނގިރޭސި ބަހުން މިބައްޔަށް ކިޔަނީ ޕަލްމޮނަރީ ޓިއުބަކްލޯސިސް އެވެ. ދިވެހިންގެ ތެރޭގައި ޢާންމު އަނެއްނަމުން ނަމަ ޓީބީ އެވެ. މިނަން އަޑުއިވުމުން ކޮންމެ މީހަކުވެސް ސިހޭ އަދި އިންތިހާއަށް ބިރުގަންނަ ނަމެއްގެ ގޮތުގައި މިނަން މަޝްހޫރުވެ ޢާންމުވެފައި އޮންނަ ޖެހުނު ސަބަބަކީ ކުރީ ޒަމާނުގައި މިބައްޔަށް ދޭނެ ފަރުވާއެއް ހޯދިފައިނުވުމުގެ ސަބަބުންނެވެ. ވަރަށްކުރިއްސުރެ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޓީބީ އަށް ފަރުވާ ދޭން ފަށާފައިވީނަމަވެސް އަޅޫގަނޑޫމެންގެ ދިވެހިރާއްޖެ އަށް މިބަލީގެ ފަރުވާ ތަޢާރަފު ވެފައިވަނީ އެހެން ޤަވްމުތަކަށް ވުރެ ފަހުންނެވެ.
ޓީބީ ބަލި ޖެހެނީ “ބެސިލަސް މައިކޯބެކްޓީރިއަމް ޓިއުބަކްލޯސިސް” އޭ ކިޔާ ބެކްޓީރިޔާއެއް ހަށިގަނޑުގެ ތެރެއަށް ވަދެގެންނެވެ. މިބައްޔަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ސަބަބަކީ މިބަލި ފެތުރެނީ ބަލި ޖެހިފަ ތިބޭ މީހުން ކެއްސާ، ވާހަކަ ދައްކާ، ލަވަކިޔާ އަދި ހީ ހަދާ އިރު ބަލީގެ ޖަރާސީމު ވައިގެ ތެރެއަށް ގޮސް އެހެންމީހުން ނޭވާ ލާއިރު މިޖަރާސީމު އެމީހުންގެ އެތެރެހަށްޓަށް ވަދެގެންނެވެ. މިގޮތަށް ބަލި ފެތުރެނީ “ސްޕޫޓަމް ޕޮޒިޓިވް” ޓީބީ ޖެހިފައިވާ މީހުންގެ ފަރާތުންނެވެ. “ސްޕޫޓަމް ޕޮޒިޓިވް” ވުމުގެ މާނައަކީ ބަލިމީހާކެއްސުމުން އަންނަ ދަވަ ޓެސްޓު ކުރާއިރު ޓީބީ ޖައްސާ ބެކްޓީރިއާ އެދަވައިގައި ހުރުމެވެ. ކުރިން ދެންނެވި ގޮތަށް ބަލިފަތުރާ ޖަރާސީމު އެތެރެހަށްޓަށްދާ ކޮންމެ މީހަކަށް މިބަލި ނުޖެހޭކަން މިދަނޑިވަޅުގައި ވަރަށް ފާހަނގަ ކޮށްލަން ބޭނުމެވެ. މަދުފަހަރެއްގައި ނޫނީ މިގޮތަށް ޓީބީ ޖެހެނީ ދިފާޢީ ނިޒާމު ނިކަމެތިވެފައިވާ މީހުންނަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު އަބަދުވެސް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށް މުހުންމު ކަމެކެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ކާނާ ޤަވާޢިދުން ގަޑިން ގަޑިއަށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޓީބީ ޖެހުމުން ފުރަތަމަ ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ހިމެނެނީ އާދަޔާ ޚިލާފަށް ކެއްސުން، ވަރުބަލިވެ ގައިން ވަރުދޫވުން އަދި އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން ފަދަ ކަންކަމެވެ. ބަލި ޖެހި ފަރުވާ ނުދެވި ގިނަދުވަސްވާ ވަރަކަށް އިތުރު އުނދަގޫތައްވާގޮތް މެދުވެރިވެއެވެ. އެގޮތުން ގިނަގިނައިން ހުން އައިސް ކެއްސާއިރު ގިނަ ޢަދަދަކަށް ހުދުކުލައިގެ އޮލަ ދަވަ އައުން ފަދަ ކަންކަން މެދުވެރިވެއެވެ. ބައްޔަށް ފަރުވާ ނުދެވިހޭދަވާ ކޮންމެ ދުވަހަކީ ނުރައްކާތެރި ދުވަހެއް ކަމުން ވީހާވެސް އަވަހަކަށް ޓީބީ އަށް ފަރުވާ ކުރަން ފެށުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. ކެއްސާއިރު ލޭ ލެވުމަކީ ޓީބީ ބަލީގެ އަސަރު ވަރަށް ބޮޑަށް ފުއްޕާމެއަށް ކުރުމުން ދިމާވާ ކަމެކެވެ. ވީމާ ކުރިން ދެންނެވިފަދަ ޢަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ ޑޮކްޓަރަށް ދައްކަވައިގެން ޓީބީ އަށް ފަރުވާ ކުރަން ފެށުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
ޓީބީ ބަލި ދެނެގަތުމަށްޓަކައި އެންމެ ރަނގަޅު ޓެސްޓަކީ ސްޕޫޓަމް މައިކްރޯސްކޯޕީ އެވެ. ފުއްޕާމޭގެ އެކްސްރޭ އަކުން ޓީބީ ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޭ.އެ.ފް.ބީ ސްމިއަރ އޭ ކިޔާ މައިކްރޯސްކޯޕީ އިން ޓީބީ އަށް ޕޮޒިޓިވް ވެއްޖެނަމަ ބައްޔަށް ފަރުވާ ދިނުމަށްޓަކައި ޚާއްޞަކުރެވިފައިވާ ބޭސްތައް ކަނޑައެޅޭ ވަކި ހަމައެއްގެ މަތިން ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭނުން ކުރަން ފަށަން ޖެހެއެވެ. މިބޭސްތަކަކީ ނުހަނު އަގު ބޮޑު ބޭސްތަކެއް ކަމުގައި ވީނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްނެންގެވުމާއި އެކު ގިން ޤަވްމު ތަކެކޭ އެއްފަދައިން އަޅޫގަނޑުމެންގެ ރާއްޖެއިންވެސް މިބޭސްތައް ހިލޭ ލިބޭކަމީ ބަލިޖެހިފައިވާ މީހުންނަށް ހުރި އުފާވެރި ޚަބަރަކަށް ނޫނީ ނުވާނެކަން ޔަޤީނެވެ.
ޓީބީ އަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤަވްމުތައްވެސް ސިއްސުވާލާފައިވާ ބައްޔެކެވެ. އެގޮތުން 2002 ވަނަ އަހަރު އެމެރިކާގައި 16000 މީހުންނަށް ޓީބީ ޖެހިފައިވާ ކަމަށް ރިޕޯރޓްތައް ބުނެއެވެ. ކަން މިހެން އޮތުމާއި އެކު މިބަލި ވީހާވެސް އަވަހަކަށް ދެނެގަތުމަށްޓަކައި އިތުރު ޓެސްޓްތައް ހޯދާބެލުމުގެ ނަތީޖާއަކަށް ވީ ކުރިން 8 ހަފްތާގެ މުއްދަތު ނަގާ ޓެސްޓެއް މިހާރު 1 ނުވަތަ 2 ހަފްތާ ތެރޭގައި ހެދޭނެ ގޮތް ހޯދުމެވެ. ސްޕޫޓަމް ޑީ.އެން.އޭ ޓެސްޓެއް ހަދައިގެން ނަތީޖާ އަވަހަށް ލިބުނކަމުގައި ވިޔަސް އަދި މިޓެސްޓަކީ އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެޕްރޫވަލް ލލބުމުގެ މަގުމަތީގައިވާ ޓެސްޓެކެވެ.
ޓީބީގެ ވާހަކަ މުޖުތަމަޢުގައި އެކި ގޮތްގޮތަށް ދެކެވޭ އިރު ޙަޤީޤަތާއި ޚިލާފް ގިނަ ވާހަކަތަކެއް މީހުންގެ ތެރޭގައި ދެކެވޭ ކަމީ ހިތާމަހުރި ކަމެކެވެ. އެގޮތުން ޓީބީ އަކީ ފަރުވާ އެއް ނެތް ބައްޔެއްކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އޭގައި އެއްވެސް ކަހަލަ ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. މިއީ ހަމަ އަރިދަފުސ ރޯނގާއެކޭ އެއްގޮތަށް ފަސޭހަ ކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ތަފާތަކީ ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަންނަ ޖެހުމާއި އެހެން ބަލިތަކަށް ފަރުވާ ކުރާ ވަރަށް ވުރެ ގިނަ ދުވަހު ފަރުވާ ކުރަން ޖެހުމެވެ. އަދި އޭގެ އިތުރަށް ގިނަ ޢަދަދެއްގެ ބޭސް އެއްފަހަރާ ކާންޖެހުމެވެ. ޓީބީ އަށް ފަރުވާ ހޯދާ މީހުންނާއި އެހެން މީހުންނާއި ދޭތެރޭ އެއްވެސް ކަހަލަ ތަފާތު ކުރުމެއް އޮވެގެން ނުވާނެއެވެ. ޓީބީ އަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭހަކީ އޮންނަ ޑޯޒް ހަމަނުކޮށް ހުއްޓާލައިފިނަމަ އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު އެއްޗެކެވެ. ނަމަވެސް ޓްރީޓްމެންޓް ރެޖިމަން އޮން ގޮތަށް އެ މުއްދަތަށް ބޭސް ކާމީހުންނަށް އެއްވެސް ކަހަލަ ބިރެއް ނެތެވެ. އަދިވެސް އެއްފަހަރު އަޅުގަނޑު ފާހަނގަ ކޮށްލަން ބޭނުންވަނީ ޓީބީ އަކީ އިޖްތިމާޢީގޮތުން މީހާ އެކަހެރިކުރަން ޖެހޭ ބައްޔެއް ނޫންކަމާއި މިބައްޔަށް ޤަވާޢިދުން ފަރުވާ ދެވިއްޖެ ނަމަ ފަސޭހަކުރެވިދާނެ ބައްޔެއްކަމެވެ. ދިވެހިރާއްޖޭގައިވެސް ޤަވްމީފެންވަރުގައި މިބައްޔަށް ފަރުވާދޭ ޕްރޮގްރާމެއް ކަމަށްވާ “ޑޮޓްސް” ގެ ޚިދުމަތް ދަނީ ދެމުންނެވެ. “ޑޮޓްސް” “DOTS” އަކީ ޓީބީ އަށް ބޭސް ބޭނުންކުރާ މީހުންނަށް ބޭސް ދިނުމުގައި އެކަމަށް ތަމްރީނު ވެފައިވާ ބައެއްގެ ސީދާ ބެލުމުގެ ދަށުން ބޭސް ކާންދޭ ޕްރޮގްރާމެކެވެ. މާލޭގައި މިޚިދުމަތްލިބޭނީ އައި.ޖީ.އެމް ހޮސްޕިޓަލުގެ ރެސްޕިރޭޓަރީ މެޑިސިން ކްލިނިކުންނެވެ. މިއީ ހިލޭދެވޭ ޚިދުމަތެއްކަން މިދަނޑިވަޅޫގައި ފާހަނގަ ކޮށްލަމެވެ.