
ނާސިން ޑިގްރީއަށް ވަނުމުގެ ޝަރުތު! ދުނިޔޭގެ އެއްވެސްތާކުން ނުހައްދަވާކޯހެއް
މުޙައްމަދު ވަޙީދު ނަދްވީ
ކޮލެޖްގެ ތަޢުލީމާ ބެހޭ ގޮތުން މީގެ ކުރިން ވެސް އަޅުގަނޑު ލިޔުނީމެވެ. އެކަޑަމިކް މިންގަޑާ ފެންވަރު ހިފެހެއްޓުމާ ބެހޭ ގޮތުންނެވެ. އެލިޔުން ފޯކަސް ކޮށްފައިވަނީ ޚާއްޞަކޮށް ދިވެހި ޑިގްރީ ކޯސް ހިންގުމުގައި ހުރި އުނިކަންތައްތަކެއް ފާހަގަކޮށްފައެވެ. ރާއްޖޭގެ ތަޢުލީމާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަ އަދިވެސް އެބަހުއްޓެވެ.
ތަޢުލީމަކީ ކޮންމެ ޤައުމެއްގައިވެސް - އެބައެއްގެ ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ އެއްޗެކެވެ. ގުޅުވަން ޖެހޭ އެއްޗެކެވެ. ޤައުމުގެ ތަރައްޤީގެ އެކިރޮނގަށް ބޭނުންވާނެ ދަރިން އުފައްދަނީ އެޤައުމެއްގެ ތަޢުލީމެވެ. އެހެންވެ ޤައުމެއްގެ ތަޢުލީމުގެ ނިޒާމަކީ އެބައެއްގެ ޤައުމާ ގުޅޭ ގޮތުން އެކުލަވާލާ އެއްޗެކެވެ. ބޭރުގެ އިންޕޯޓެއް ނޫނެވެ. ޤައުމެއްގެ އެންމެ އިސްކަމަކީ ތަޢުލީމާ ސިއްޙަތު ނޫން ބާވައެވެ. އަޅުގަނޑުމެން މިއުޅެނީ އަމިއްލަ ފައިމައްޗަށް ނުތެދުވިގެންނެވެ. މުޅި ޤައުމުގައި ބިދޭސީ ނަރުހުންނާއި ޑޮކްޓަރުންނެވެ. ހައިސްކޫލަށް ދިވެހި ޓީޗަރުން ހަމައެއް ނުވެއެވެ.އެޑިއުކޭޝަން މިނިސްޓްރީގެ ތަޢުލީމުގެ މިޕްލޭނުގައި މިކަން ހިމަނާފައި ހިންގިނަމަ ވެރިކަމަށް 25 އަހަރު ފުރި 30 އަހަރު ފުރޭއިރު ގައިމު ޓީޗަރުން ހަމަވީހެވެ. މީން އެގެނީ ތަޢުލީމުގެ ޤައުމީ ޕްލޭންގައި އިސްކަންދޭންވީ ކަންކަން ފާހަގަވެފަ ނެތްކަމެވެ. ކޮންމެ އަހަރެއްގެ ކިޔެވުމުން ފެށޭއިރު ޓީޗަރުން ނުލިބޭ ވާހަކަޔާ ޓީޗަރުން އަގުބޮޑުވާހަކަ ޓީވީއަށް އަރާ އެޑިއުކޭޝަން މިނިސްޓްރީ އަބަދުވެސް ދައްކައެވެ.
ކޮލެޖުން ހިންގާ ކޯސްތަކުގެ ތެރެއިން އެއްކޯހަކީ ނާސިން ޑިޕްލޮމާއެވެ. މިއީ ކޮންމެ އަހަރަކު އޮންނަ ދޮޅުއަހަރުގެ ކޯހެކެވެ. މިކޯހަށް ވަދެވެނީ ދެކަމަކުން އެއްކަމަކުންނެވެ. ފުރަތަމަ ކަމަކީ ބަޔޮލޮޖީ, ފިޒިކްސް/ ކެމިސްޓްރީ ގެ އިތުރުން ހިސާބުން ޖީ.ސީ. އޯލެވެލުން ފާސްވުމެވެ. ނަމަވެސް ފާސްވާންޖެހެނީ ކޮންމެ މާއްދާއަކުން ކިހާވަރަކުން ކަމެއް އެގޭކަށް ނޯވެއެވެ. ކޯސްތަކުގެ މަޢުލޫމާތަށް ދޫކުރާ ގަނޑުން އެނގޭކަށް ނޯވެއެވެ! ކިހާ ހެއްވާދޯއެވެ. ދެން ފާސްވާން ޖެހެނީ އިނގިރޭސި ޓެސްޓަކުންނެވެ. ދެވަނަކަމަކީ: ކޮލެޖް ފައުންޑޭޝަން ސްޓަޑީޒް (ލެވެލް އެކެއް) ކިއާ އަހަރު ދުވަހުގެ ކިޔެވުމެއް ކިޔަވައި އެއިން ފާސްވުމެވެ. ފައުންޑޭޝަން ހަދަންޖެހެނީ ފުރަތަމަކަމުން ކަމެއް އުނިގެން ކަމެއް މައުލޫމާތު ގަޑުން އޮޅުމެއް ނުފިލައެވެ! މިކަންކަމާ ހެދި ރާއްޖެތެރޭގެ ދަރިންގެ މައިންބަފައިންނަށް އެތައް އުދަގުލެއް ކުރިމަތިވެއެވެ.
ކޮލެޖުން ހިންގާ ނާސިންގެ އަނެއްކޯހަކީ ޑިގްރީ ކޯހެކެވެ. މީ ދެއަހަރުން އެއްއަހަރު އޮންނަ ކޯހެކެވެ. މިކޯހުގެ ޝަރުޠުގެ ވާހަކަ ކަނުލާއަހާށެވެ. މިކޯހަށް ވަދެވެނީ އެއްކަލަ ނާސިންގ ޑިޕްލޮމާ ހަދާފަ އަނެއްކާ ހޮސްޕިޓަލެއްގައި 3 އަހަރު އުޅެފަ ހުރި މީހަކަށެވެ! ޖީ.ސީ. އޯލެވެލާ އަދި އޭލެވެލާ ދެލެވެލުން ވެސް ސައިންސް ގެ މާއްދާތަކުން ”އޭ“ ފާސް އޮތަސް ނުވަދެވެއެވެ. އޭނަ ޖެހެނީ އެއްކަލަ ”ޑިޕްލޮމާ ފުޅު“ ހަދާށެވެ. އަދި މިވަރަކުންވެސް ވަދެވޭކަށްނެތެވެ. ޑިޕްލޮމާއަށް ފަހު ތިން އަހަރު ހޮސްޕިޓަލެއްގައި ނަރުހަކަށް އުޅެފަވާންޖެހެއެވެ. އެކަމަކު އަޅުގަނޑުމެން މިދައްކަނީ ނަރުހުން ނެތް ވާހަކައެވެ. ނުލިބޭ ވާހަކައެވެ. މީ ދުނިޔޭގެ ކޮން ޤައުމެއްގައި އޮންނަ ޝަރުޠެއްބާއެވެ؟ އޮތިއްޔާ އޮންނާނީ ”ފޮންނެއްކާ“ ކަން ގައިމެވެ.
ސާނަވީ (އެކިޤައުމުތަކުގައި އެކިނަން ކިޔަސް ޕްރީ ޔުނިވަރސިޓީ ކިޔެވުން) އޮވެގެން އެމީހަކު ބޭނުން ކޯހަކަށް ނުވަދެވޭ ތަނެއް ދުނިޔެއަކު ނެތެވެ. ޔުނިވަސިޓީއެއް ކޮލެޖެއްނެތެވެ. ދުނިޔޭގެ ތަޢުލީމީ ނިޒާމުގަ އުދަގުލަށް ވުރެ ބޮޑަށް މިޒަމާނުގަ ހުރީ ފަސޭހަގޮތްތަކެވެ. މިގޮތްތައް ބޮޑަށް ހުރީވެސް ތިނަންކުރާ ހުޅަނގުގައެވެ. ޔޫރަޕާ އެމެރިކާގައެވެ. މިސާލަކަށް: ބީ.އެސްސީ ޑިގްރީ އެއް އޮތަސް އިންޑިޔާ ޕާކިސްތާނުގައި އެލް.އެލް.ބީ ޑިގްރީހެދެއެވެ. ކޮންމެހެން ބީ.އެސްސީ އެކަންޏެއްނޫނެވެ. ލާޒިމުވަނީ ފަސްޓް ޑިގްރީއެވެ. އިސްލާމީ ސްޓަޑީޒުން ބީ. އޭ އޮތަސް ހެދެއެވެ. އިގިރޭސި ވިލާތާ ޔޫރަޕްގައި ފަސްޓް ޑިގްރީ އޮވެގެން މާސްޓާރސް ނެތި ޕީއެޗްޑީވެސް ހެދެއެވެ. ހެދޭގޮތް ތަކެއް ހުރެއެވެ. އެއް އަހަރުގެ މާސްޓަރސް ހުރީ ޔޫރަޕްގައެވެ. މިހިސާބާ އަރަބި ތަންތާކު ނެތެވެ. އެކަމަކު މީވެސް އެތަންތާނގައި އެކަނި- ހުޅަގުގައި ނެތި- އޮތް ކަމެއްނަމަ ރާއްޖޭގައި ”ޑިގްރީ ކިރަން“ ތިބޭ މީހުންނިކަން ވަރެއްހުރީހެވެ. ތަޢުލީމުގެ ފުރުޞަތު- އަދި އަމުދުން ރާއްޖޭގައި - ވީ ފަސޭހަކުރާށެވެ. ކުދިންނަށް މަގު ފުޅާ ކުރާށެވެ. ދަތިކޮށް ހުރަސް އަޅާކަށް ނޫނެވެ. މިގޮތުން ފަސޭހަކުރަން ކުރެވޭނެ ބައިވަރު ކަންތައް އެބަހުއްޓެވެ.
ޝަރުޠު ހަމަވެގެން ވެސް މެރިޓްގެ ހަމައިން ޖާގަނުލިބި ޓީޗިން ކޯސްތަކުން ކަޓާކުދިން ބައިވަރެވެ. ކިތަންމެ މައިންބަފައިންނެއް އަޅުގަނޑާ ދެރަވެފާ ވާހަކަދައްކައެވެ. ”ކޯހަށް ނުހޮވުނު“ - މިހެން އެންގުން ފިޔަވައި ވީގޮތެއް ނާންގައެވެ. ވީނުވީ އޮޅުން ނުފިލައިގެން މައިންބަފައިން ހާސްވެގެން އެކަކު ކައިރީ އަހާފަ އަނެކަކު ކައިރީ އަހާފަ ދުވެއެވެ. ޖައްސަ ޖައްސައިގެން ކޮންމެ އަހަރަކު އެޕްލައި ކުރިޔަސް މިކަޓާ ކުދިންނަށް ފުރުޞަތެއް ނުދެއެވެ! ކިހާ ރަގަޅު:
ރާއްޖޭގަ ރާއްޖޭގެ ޓީޗަރުންނެތޭ.... ރާއްޖޭގެ ނަރުހުންނެތޭ.. ކިޔައިގެން މިދައްކަނީ ކޮންވާހަކައެއް ތޯއެވެ؟ ކަމުގެ ހަޤީގަތް އޮތްގޮތަކީ މިއެވެ. އެއްވެސް ކަމެއްގައި އާދައިގެ ރައްޔިތުންގެ އިހުސާސްތައް ވިސްނާ ބަޔަކު މިޤައުމުގެ އެއްވެސް ދާއިރާއަކު ނެތެވެ. މިޤައުމުގައި އުޅެނީ ” ބޮޑުން“ ގެ އިހުސަސްތަކަކީ ކޮބައިތޯ ބަލާ ބަޔެކެވެ.
-
ބުދަ، ޖުލައި 23 2008، 08:52
ޑިޕްލޮމާހަދައިގެން ރާއްޖެތެރޭގައިތިބި ކުދިންޑިގްރީހެދޭނެގޮތެއްނެތް.
-
ބުދަ، ޖުލައި 23 2008، 07:58
ސަރުތުހަމަނުވާ ބަޔަކު ކޯހަކަށް ވައްދައިގެން އަދި ކިޔަވައިދިނސް، އަދި ފާސްވިޔަސް އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ފެންނާނެނަމަ، ޓީޗިން ހަދައިގެން ރާއްޖެތެރެއަށްދާ ކުދިންގެ ފެންވަރު ވަރަށް ދައްކަން ފާހަގަވާން އެބައޮތެވެ. އެހެންނަމަވެސް، އޭލެވެލް ފާހުން ޑިގްރީއަށް އެޕްލައި ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑަކަށްވެސް ނުވިސްނުނެވެ. ދުނިޔޭގެ އެހެން ތަންތާނގައިވެސް ޑިގްރީ އަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ފާސް ނުވަތަ ޑިޕްލޮމާ ކަމުގައި އޮންނާތީ ލައްކަ ގިނައިން ފެނެއެވެ.