ކްލަބުގެ މަގާމުން އިސްތިއުފާދޭން ޖެހޭނެ ކަމަށް ޝާހިރު ވިދާޅުވެފައިވަނިކޮށް: އެފްއޭ އެމުގެ ވެރިން ކްލަބުގެ މަގާމުން އިސްތިއުފާދޭން ނުޖެހޭނެކަމަށް އާޒިމް ވިދާޅުވެއްޖެ

މުހައްމަދު ޝަނޫން ޖުލައި 22، 21:01 1 ޚިޔާލު

އެފް އޭ އެމުގެ މަޤާމުތަކަށް ހޮވޭ ފަރާތްތަކުން ހޮވުމާއެކު ކްލަބްގައި އެމީހަކު އަދާކުރަމުންދިޔަ މަޤާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް އިންޓަރިމް ކޮމެޓީގެ ޗެއާމަން އަހްމަދު ޝާހިރު ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އަސާސީ ޤަވާއިދުގައި ނެތް ކަމަށް އެފް އޭ އެމުގެ އާ ޕްރެޒިޑެންޓް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އަސާސީ ޤަވާއިދުގައި އެކަން ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނެތަސް ނިއުގެ ޗެއާމަންކަމުން އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ. ”އެގޮތަށް އެކަން ކުރަން އަޅުގަނޑުވާނީ ނިންމާފައި. އެއީ ކްލަބްތައް އަޅުގަނޑު ނިއުގެ ޗެއާމަންކަމުގައި ހުންނާތީ ނުރުހުންވެގެނެއް ނޫން. އެކަމަކު އެމީހުންގެ ހިތްހަމަ ޖެހުމަށްޓަކައި. ޤަވާއިދުން ނިއުގެ ޗެއާމަން ބަދަލު ކުރުމުގެ މަސައްކަތް ކުރެވެމުން އެބަދޭ. ފައިނޭންސަލް ކަންތައްތައް ގޮސްފައިވާ ގޮތްވެސް ކްލަބް ދެން ހިންގަން ތިބި މީހުންނަށް ވަރަށް ބޮޑަށް ސާފުކޮށްދޭން ޖެހޭ. އެކަމަކު ވަރަށް އަވަހަށް އަޅުގަނޑު އިސްތިއުފާދޭނަން.“ އާޒިމް ވިދާޅުވިއެވެ.

އާޒިމް ޕްރެޒިޑެންޓް ކަމަށް ކުރިމަތިލައްވާކަން އިއުލާން ކުރުމުގެ ބައްދަލުވުމުގައިވެސް ވިދާޅުވީ އިސްތިއުފާދޭން ޖެހޭނެ ޕޮއިންޓެއް އަސާސީ ޤަވާއިދުން ނުފެންނަ ކަމަށާއި އެހެންކަމުން ފީފާއާއި އޭ އެފް ސީން ވަޑައިގަންނަވާ ބޭފުޅުންނާ އެކަމާ ބެހޭ ގޮތުން ސުވާލު ކުރައްވާނެ ކަމަށެވެ. މިއަދުގެ ނޫސް ކޮންފަރެންސްގައި އެބޭފުޅުންނާ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކިންތޯ ޖަޒީރާއިން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އެބޭފުޅުންނަށްވެސް އެކަން މާނަކުރެވޭނީ އެގޮތަށް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އާޒިމާއެކު ހިންގާ ކޮމެޓީގައި ހިމެނޭ އެހެން މެމްބަރުން އިސްތިއުފާ ދެއްވާނެތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވީ ހިންގާ ކޮމެޓީގައި ހިމެނުނު ހުރިހާ މީހުންނަކީވެސް އޭނާއާއިއެކު މަސައްކަތްކުރި މީހުން ކަމަށާއި އެހެން ނަމަވެސް އިސްތިއުފާގެ ކަންތަކުގައި ގޮތެއް ނިންމާނީ އެމީހުން އަމިއްލައަށް ކަމަށެވެ.

ޝާހިރު ދި ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މީގެ ދެހަފްތާ ކުރިން ވިދާޅުވެފައިވަނީ މަޤާމުތަކަށް އައުމާއެކު ކްލަބްގެ މަޤާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. ”އެމީހުން ކްލަބެއްގެ ޓިކެޓްގައި އަޔަސް އެ މަޤާމުގައި ހުންނައިރު ކްލަބްގެ އެއްވެސް ނުފޫޒެއް އެމީހުންނަކަށް ނުފޯރާނެ. އަދި 4 އަހަރުގެ މުއްދަތުގައި އެ ކްލަބް އުވި ނުވަތަ ރެލިގޭޓްވެގެން ދިޔަ ނަމަވެސް އޭނާގެ މަޤާމަކަށް ބަދަލެއް ނާންނާނެ“ ޝާހިރު ވިދާޅުވެފައިވެއެވެ. ނަމަވެސް އާޒިމް ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ޝާހިރާ ރޭ ވާހަކަ ދެއްކި ކަމަށާއި އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް ޝާހިރުވެސް ވިދާޅުވިއެވެ.

އެފް އޭ އެމުގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް ވިދާޅުވީ އިސްތިއުފާ ދެއްވަން ޖެހޭ ވާހަކަ ސްޓެޓިއުޓްސްގައި ނެތް ކަމަށާއި އެހެން ނަމަވެސް އިސްތިއުފާ ދިނުމަށް ފީފާއިން ވަޑައިގެންނެވި ބޭފުޅުން ރިކޮމަންޑް ކުރި ކަމަށެވެ. ”މަޖުބޫރު ކަމެއް ނޫން އެއީކީ. އެހެން ނަމަވެސް ހިންގާ ކޮމެޓީގައި ވާހަކަ ދައްކައިގެން އެމީހުންނަށް ކްލަބްތަކުގައި ހަރަކާތްތެރިވެވޭނެ އިމެއް ކަނޑައަޅަން ޖެހޭ. އެއީ ނިންމަން ޖެހޭނެ ކަމެއް. ފީފާއިން ބުނެފައިވަނީ ރަޖިސްޓްރީގެ ކަންތައް ކަހަލަ ކްލަބްތައް ސީދާ ސާމިލްވާ ކަންކަމުގައި ކްލަބެއްގެ މަޤާމުގައި ހުންނަ މީހަކު ނުވައްދަން.“ އިންތިހާބުގެ ކަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޝާހު ވިދާޅުވިއެވެ.

އެފް އޭ އެމުގެ ވައިސް ޕްރެޒިޑެންޓް ހިޔަލީ މުހައްމަދު ރަޝީދަކީ ވެލެންސިއާގެ ސްޕޯޓްސް ޑައިރެކްޓަރެވެ. ހިޔަލީ ވިދާޅުވީ އިސްތިއުފާދިނުމަށް ހިޔާލުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މުޅިން ގޮތެއް ނިންމާނީ އާޒިމާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

އެކްސްކޯގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ވިޔަންސާގެ ޗެއާމަން މުހައްމަދު ވިޝާމް ވިދާޅުވީ އިސްތިއުފާދޭން ނިންމާފައިނުވާ ކަމަށެވެ. ”އަސާސީ ޤަވާއިދުގައި ބުނެފައެއް ނެތް އިސްތިއުފާދޭން ޖެހޭނެ ކަމަކަށް. އެހެންވެ ދޭ ގޮތަކަށް ނޫން ނިންމާފަ ވަނީ“ ވިޝާމް ވިދާޅުވިއެވެ.

ވެލެންސިއާގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުގައި ހުންނަވައިގެން ގުރައިދޫގެ ޓިކެޓެއްގައި ވަޑައިގެން ގޮނޑިއެއް ހޯއްދެވި އަހްމަދު މުހައްމަދު(ދޮނާ) ވިދާޅުވީ އެކަމާ މެދު އަދި ވިސްނާފައި ނެތް ކަމަށެވެ.

ބީޖީގެ ޗެއާމަން މާދިހު އިސްމާއީލް ވިދާޅުވީ ކްލަބްގެ އިންތިހާބު ލަހެއް ނުވެ އޮންނާނެ ކަމަށާއި އިންތިހާބާ ހަމައަށް މަޤާމުގައި ހުންނަން ނިންމާފައިވާ ކަމަށެވެ. ”އެކަމަކު އެކްސްކޯއިން އިސްތިއުފާދޭން ޖެހޭ ގޮތަށް ނިންމައިފިނަމަ އަހަރެން ކްލަބުން އިސްތިއުފާދޭނަން.“ 10 ވޯޓާއެކު އެކްސްކޯއިން ޖާގަ ހޯދި މާދިހު ވިދާޅުވިއެވެ.

އެކްސްކޯގައި ދެން ހިމެނެނީ އީގަލްސގެ މުއައްސިސް މުހައްމަދު ތައުފީގާއި ވިކްޓަރީގެ ވައިސް ޕްރެޒިޑެންޓް ޕެރިސް އަހްމަދު ނަސީމެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ކޮންއިރަކުންބާ ތިޔަ "ކުޅޭކުޅޭ" އަސާސީ ގަވާއިދެއް އެފްއޭއެމްގެ ވެބްސައިޓްގައި އާއްމުކޮށް ފެންނަން ހުންނާނީ، އިސްލާހުކުރެވުނު ގާނޫނުއަސާސީގެ ދެލިކޮޕީވެސް މިހާރު އެވަނީ ރައްޔިތުންނަށް ފެންނަ ހިސާބަށް ތިލަވެފައި. ވޯޓުނުލިބުނު 80 ކްލަބް، ތިޔަ އަސާސީ ގަވާއިދު ހޯދަން އެފްއޭއެމްދޮށަށް އެއްވަންވެއްޖެނު! ކުޅިވަރު ނޫސްވެރިން ތިޔަކޮށްދެއްވާ ހިދުމަތަށް ޝުކުރުވެރިވާންޖެހޭ. ދެންއޮތީ ބާކީކޮށްލި މެޖޯރިޓީ ރާއްޖެތެރޭގެ ކްލަބްތަކުގެ ހިތްވަރެއް.

    ބުދަ، ޖުލައި 23 2008، 08:44
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv