އަނެއްކާވެސް ޓާފް ދަނޑެއް ހަދަނީ
ފީފާގެ ގޯލް ޕްރޮޖެކްޓްގެ ދަށުން އާ ޓާފްދަނޑެއް ރާއްޖޭގައި އެޅޭނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް އެފް އޭ އެމުގެ އާ ޕްރެޒިޑެންޓް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން އާޒިމް ވިދާޅުވީ ކޮލަމްބޯގައި ހުންނަ ފީފާގެ ގޯލު އޮފީހުގެ ދަށުން އިތުރު ދަނޑެއް ލިބޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ. ”އެހެން ނަމަވެސް އެކަން ކުރިއަށް ގެންދާނެ ގޮތަކާއި އުސޫލުތަކެއް އަދި މުޅިން ފައިނަލެއް ނުވޭ. އެކަން ހަމަ ޖެހުނުހާ އަވަހަކަށް މީޑިއާއަށް ހާމަކުރާނަން“ އާޒިމް ވިދާޅުވިއެވެ.
އާ ޓާފްދަނޑު އަޅާނީ މާލޭގައިތޯ ނުވަތަ އަތޮޅެއްގައިތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އެކަމާ މެދު ވިސްނަމުންދާ ކަމަށެވެ. ”ފުޓްބޯޅައިގެ ގިނަ ހަރަކާތްތައް މިއޮތީ މާލޭގައި. އެހެން ނަމަވެސް އަތޮޅުތަކުގައިވެސް މިކަންތައް އިތުރަށް ފުޅާ ކުރުމަށްޓަކާ ކަންތައްތަކެއް ކުރަން ޖެހޭ. އެހެންވެ އަދި ނިންމައެއް ނުލެވޭ ކޮންތަނެއްގަތޯއެއް އަޅާނީކީ.“ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ފީފާގެ ފަރާތުން މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ފީފާއިން ވަޑައިގެންނެވި ބޭފުޅުން އިއްޔެ ދީފައިވާ ކަމަށެވެ. ”މިހާރު އައްޑޫގައި ދަނޑެއް ހެދުމުގެ މަސައްކަތް ކުރެވެމުން އެބަދޭ. މީގެ އިތުރުން މާލޭގައި އެންމެ ފަހުން ހެދި ދަނޑުގެ މަސައްކަތް އަދި ނުނިމި އެއޮތީ“ އާޒިމް ވިދާޅުވިއެވެ.
ގޯލް ޕްރޮޖެކެޓްގެ ދަށުން މާލޭގައި ދަނޑެއް ހަދާދީފައިވާއިރު އައްޑު އަތޮޅު ހިތަދޫގައި ދަނޑެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މާލޭގައި ހަދާފައިވާ ދެވަނަ ދަނޑަކީ ކުރީ ދަނޑަށް ސުނާމީގައި ގެއްލުންވެފައިވުމުން ހަދާދިން ދަނޑެކެވެ. އެދަނޑުވެސް މިހާރު ގެންދަނީ ބޭނުން ކުރަމުންނެވެ.