
ނެޓްބޯޅަ އެސޯސިއޭޝަންގެ ގަވާއިދު އިސްލާހުކޮށް އިތުރު ދެ މެމްބަރުން ހޮވުން އަންނަ ހަފްތާގައި ބާއްވަނީ
ނެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ބޭއްވިއިރު ހޮވާފައިނުވާ ދެ މެމްބަރަކު ހޮވުން މިމަހުގެ 28 ވަނަ ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.
ނެޓްބޯޅަ އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ނިޒާމު ވިދާޅުވީ ޤަވާއިދުގައި ކުރިން އޮންނަ ގޮތުން ކްލަބް ދެ މެމްބަރުންގެ އިތުރުން ހޮވަން ޖެހެނީ ފަރުދީ މެމްބަރަކާއި އެސޯސިއޭޓް މެމްބަރެކެވެ. ނަމަވެސް މިއިން އެއްވެސް ޖާގައަކަށް މީހަކު ކުރިމަތިލާފައެއް ނުވެއެވެ. އެހެންކަމުން ނެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބު މިދިޔަމަހު ފަހުކޮޅު ބޭއްވިއިރު ވޯޓުލީ ކްލަބް މެމްބަރުންނަށް އެކަންޏެވެ.
ނިޒާމު ވިދާޅުވީ އެދެމަޤާމަށް މީހުން ހަމަޖެއްސުމުގައި ވިސްނިއިރު ނެޓްބޯޅައަށް ފަރުދީ މެމްބަރުންނާއި އެސޯސިއޭޓް މެމްބަރުންގެ ބައިވެރިވުން ކުޑަ ކަމަށެވެ. ”ނެޓްބޯޅައަކީ 100 ޕަސެންޓް ޓީމު ގޭމެއް. އެހެންވެ އެދެ މަޤާމުގެ ބަދަލުގައި ކްލަބް ދެ މެމްބަރުން އިތުރަށް ހިމަނަން ނިންމާ ޤަވާއިދުގައިވެސް އެބައި ވަނީ އިސްލާހުކޮށްފަ. އަދި އެ ދެމެމްބަރުން ހޮވުމަށްޓަކާ މިމަހުގެ 28 ވަނަ ދުވަހުގެރޭ ވޯޓުލުންވެސް އޮންނާނީ. އެ މަޤާމަށް މީހުން ހުށަހަޅާނީ ކްލަބްތަކުން. ކްލެބްތަކުން މީހުން ކުރިމަތިކުރުވަން ބޭނުންނަމަ އެފުރުސަތު ހުޅުވިފައިވާ ކަމަށް މިހާރު ސިޓީ ފޮނުވާފައިވާނީ.“ ނިޒާމު ވިދާޅުވިއެވެ.
ނެޓްބޯޅައިގެ ކްލަބް މެމްބަރުންގެ ގޮތުގައި ހޮވިފައިވަނީ މަޝްހޫރު ދެ ކުޅުންތެރިންނެވެ. އެއީ ބީޖީގެ ފަރާތުން ކުރިމަތިލި ފާތުމަތު ރިޝްމާ އާއި ވެލެންސިއާގެ ފަރާތުން ކުރިމަތިލި ފާތުމަތު ޝައިނާ އަބްދުﷲ އެވެ.
ނިޒާމު ވިދާޅުވީ އެސޯސިއޭޝަނަށް ޖެނެރަލް ސެކްރެޓަރީއަކު ހަމަނުޖައްސާ މަޑުކުރަނީ އެ މަޤާމަށް ހަމަޖައްސަނީ ފުލް ޓައިމް މީހެއްތޯ ނުވަތަ ޕާޓްޓައިމް މީހެއްތޯ މިނިސްޓްރީން ނިންމަންދެން ކަމަށެވެ.