އޮލިމްޕިކަށްދާ ބްރެޒިލް ޓީމުން ރޮބީނިއޯ ބާކީކޮށްފި
އަންނަ މަހު ޗައިނާގެ ވެރިރަށް ބެއިޖިންގގައި އޮންނަ އޮލިމްޕިސް ކުޅިވަރު މުބާރާތުގެ ފުޓުބޯޅައިގައި ބައިވެރިވާ ބްރެޒިލް ޓީމުން ރޮބީނިއޯ ބާކީކޮށްފިއެވެ.
ރޮބީނިއޯ ބްރެޒިލް ޓިމުން ބާކީކުރީ ރެއާލް މެޑްރިޑުން އޭނާ އަށް އަނިޔާވެފައިވާ ކަމަށްބުނެ ކުޅުންތެރިޔާ އަށް އެންމެ ރަނގަޅުވާނީ ލުއިކޮށް ޕްރެކްޓިސް ކުރުމަށް އެނގުމާއި ގުޅިގެންނެވެ.
ރެއާލް އިން މިގޮތަށް ނިންމުމުން ބްރެޒިލްއިން ވަނީ ރެއާލް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެތަނުން ބުނީ މީ ބްރެޒިލް އަށް ރެއާލް އިން ދިން ދެރައެއް ކަމަށާއި އޮލިމްޕިކްސް ފެށެންވާއިރަށް ރޮބީނިއޯގެ އަނިޔާ މުޅިން ރަނގަޅުވާނެ ކަމަށެވެ. އެހެން ނަމަވެސް ރެއާލްގެ ނިންމުމަށް އިހުތިރާމް ކުރުން ނޫން ގޮތެއް ނެތް ކަމަށްވެސް ބްރެޒިލް އިން ބުންޏެވެ. 24 އަހަރުގެ ރޮބީނިއޯވެސް އޮލިމްޕިކްސްގައި ނުކުޅެވޭތީ ހުންނަނީ ވަރަށް ދެރަވެފައި ކަމަށް އޭނާގެ އެޖެންޓު ބުންޏެވެ.
ރޮބީނިއޯގެ ބަދަލުގައި ބްރެޒިލް ޓިމަށް މިހާރު ގެނެސްފައިވަނީ ކުރުޒެއިރޯސްގެ ކުޅުންތެރިއެކެވެ.--އޭޕީ