
މިފްކޯގެ ފަސްވަނަ މަސް ފިހާރަ ތިނަދޫގައި ހުޅުވައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ( މިފްކޯ)ގެ ފަސްވަނަ މަސްފިހާރަ ގދ ތިނަދޫގައި ހުޅުވައިފި އެވެ.
މިފްކޯގެ މީޑިޔާ ކޯޑިނޭޓަރ އަބްދުﷲ މައުމޫނު ވިދާޅުވީ އެކުންފުނީގެ ފަސްވަނަ މަސްފިހާރަ ތިނަދޫގައި ހުޅުވާފައިވަނީ އެކުންފުނީގެ އުފެއްދުންތައް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
” މިހާރު މަސްވެރިކަން ދައްކާ ގޮތުން ހިއެއްނުވޭ ރޯދަޔަށްވެސް މަސްވެރިކަން ރަނގަޅުވާނެ ހެނެން. އެހެންވެ އަޅުގަނޑުމެންގެ މަގުސަދެއް ރޯދަމަހު އަތޮޅުތަކުގެ ރައްޔިތުން ބޭނުންކުރުމަށް ފިނިކުރި މަސް ފޯރުކޮށްދިނުން. އޮތޮޅުތަކުގައި ހަދާފައި ހުންނަ ފިހާރަތަކުން ފިނިމަސްވެސް ވިއްކޭނެ. މިފަހަރު ތިނަދޫގައި ހުޅުވި މަސްފިހާރާގައި މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ލިބެން ހުނާނެ ގޮތަށް އަޅުގަނޑުމެން ހަމަޖައްސާނަން.“ މައުމޫނު ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ ތިނަދޫ މަސްފިހާރައިގެ ސަބަބުން ތިނަދޫއާއި ގއ އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށާއި ފަސްމީރުގެ އުފެއްދުންތަށް އޮތޮޅުތަކުގައި ފޯރުކޮށްދިނުމަށް މަގުތަނަވަސް ވެގެން ދާނެ ކަމަށެވެ.
މިފްކޯއން މިހާރު މަސްފިހާރަތައް ހުޅުވާފައިވާ ރައްރަށަކީ ވެރިރަށް މާލެ, ފުއައްމުލަކު,ތިނަދޫ, އައްޑޫ, އަދި ހަނިމާދޫ އެވެ.