
ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި މިނިސްޓަރުންވެސް މުހިންމުވާނެ
އިސްތިއުފާއަށް ގޮވުމަކީ މި ފަހަކަށްއައިސް ވަރަށް އާއްމު ކަމެކެވެ. އެންމެ ގިނައިން އިވެނީ ރައީސް މައުމޫނުގެ އިސްތިއުފާއަށް ގޮވާއަޑެވެ. ރޭގައިވެސް ތީމުގޭ ދޮށަށް އެއްވެ ބަޔަކުވަނީ މައުމޫނުގެ އިސްތިއުފާއަށް ގޮވާފަ އެވެ. އެމަނިކުފާނު އިސްތިއުފާއަށް ބަޔަކު ގޮވިނަމަވެސް އިސްތިއުފާދެއްވަމުން ގެންދަވާ ތަން މިފެންނަނީ އެމަނިކުފާނުގެ ކެބިނެޓްގެ މިނިސްޓަރުން ނެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މައުމޫނުގެ ސަރުކާރުން އެތައް ވަޒީރުންނެއް މިވަނީ އިސްތިއުފާ ދެއްވާފަ އެވެ. 2007 ވަނަ އަހަރު މިނިސްޓަ އޮފް ހަޔާ އެޑިއުކޭޝަން, އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރުޓީ ކަމުގެ މަގާމުގައި ހުންނެވި ރައީސްމައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ފެނުނީ މައުމޫނުގެ އިސްލާހީ އެޖެންޑާ ހިންގެވުމުގައި އުޅުއްވި އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދާއި މިނިސްޓަ އޮފް ޖަސްޓިސް ޑރ މުހައްމަދު ޖަމީލް އަހުމަދު މައުމޫނުގެ ސަރުކާރަށް ފާޑު ވިދާޅުވެ އިސްތިއުފާ ދެއްވި ތަނެވެ. އެއާވިދިގެން ދެން އިސްތިއުފާ ދެއްވީ ޚާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދެވެ.
ދެން ފެނިގެން އެދިޔައީ މިމަހުގެ ދިހަވަނަ ދުވަހު މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް އިސްތިއުފާ ދެއްވި ތަނެވެ. އޭގެ ތިން ދުވަސް ފަހުން ޓޫރިޒަމް މިނިސްޓަރ ޑރ.މަހްމޫދު ޝައުގީ އިސްތިއުފާދެއްވި އިރު, މާގިނަ ދުވަސްތަކެއް ނުވަނީސް ޓްރޭޑް މިނިސްޓަރު މުހަންމަދު ޖަލީލުވެސް އެވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެހެންކަމުން އިސްތިއުފާގެ ތަބަށް, ކެބިނެޓް ތެރޭގައި އެ އެނބުރެނީ ކީއްވެބާއެވެ؟ ކޮންކަމެއް މަދުވެގެން ބާއެވެ؟ ކޮންސަބަބުތަކެއް ހުރެގެންބާއެވެ؟ ކޮންކަހަލަ ފިއްތުންތަކެއް ކުރިމަތިވާތީ ބާއެވެ؟ ގަބޫލު ކުރަންޖެހެނީ މައްސަލަތަކެއް ސަރުކާރު ހިންގުމުގައި އުޅޭކަމެވެ. ހައްލުކުރަން އުނދަގޫ ކަންތައްތަކެއް މިނިސްޓަރުންނާ ދިމާވަމުންދާ ކަމެވެ.
ޑރ. ހަސަނާއި, ޑރ.ޖަމީލާއި, ޑރ.ޝަހީދު ވިދާޅުވީ ސަރުކާރު ފޭލުވެފައިވާ ކަމަށާއި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަމަށެވެ. ގާސިމާއި , ޖަލީލު ވިދާޅުވީ ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުގެ އެއްބާރުން ނުލިބޭ ކަމަށެވެ. ޑރ.ޝައުގީއާއި ޔާމީނާއި ވިދާޅުވަނީ އެމަގާމުގައި ހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ. ކޮންމެ ގޮތެއްވެގެން ނަމަވެސް, މިނިސްޓަރުންގެ އިސްތިއުފާއާ ސަރުކާރުގެ ދޯދިޔާ ސިޔާސަތާ މިވަނީ ސީދާ ގުޅިލާމެހިފައެވެ. އަދި މި އިސްތިއުފާތަކުން މިނިސްޓަރުން ބައިބައިވެފައި އޮންނަ ވަރުވެސް ސާބިތުވެ އެވެ. އިސްތިއުފާ ދެއްވާ ކޮންމެ ފަހަރަކު އިސްތިއުފާ ދެއްވަމުން އެގެންދަވަނީ ‘ގްރޫޕް އިސްތިއުފާ’ ތަކެއްގެ ގޮތުގަ އެވެ. މިކަމުން އެނގެނީ އިސްތިއުފާގެ ފަހަތުގައި ސިއްރުތަކެއް ހުރިކަމެވެ. ނަމަވެސް އެސިއްރުތައް އަދި ހާމަކުރައްވާކަމަށް ބޭނުންފުޅެއް ނުވެއެވެ.
އިސްތިއުފާ ދެއްވި ވަޒީރުންނަށް ވިސްނާލާއިރު އެބޭބޭ ފުޅުންނަކީ ހުރިހާ މާނައެއްގައިވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި, އަދި އަދުގެ ސަރުކާރު ނެގެހެއްޓުމަށް ހިންމަތާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުން ތަކެކެވެ. ނަމަވެސް މިއަދު އެގެންދަވަނީ ސަރުކާރާ ފެޔަށް ވަޑައިގެން ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ސުވާލުކޮށް, ސަރުކާރަށް ފާޑު ވިދާޅުވަމުން ނެވެ. އެއީ އެކަން ވާގޮތެވެ. ދުނިޔޭގެ އެހެން ސަރުކާރުތަކުންވެސް އިސްތިއުފާދެއްވާ ވަޒީރުންގެ ފަރާތުން ފެންނަ އެންމެ އާއްމު ސިފައަކީ އެއީ އެވެ.
އެތައް މިނިސްޓަރުންނެއް އިސްތިއުފާ ދެއްވާއިރު ކެބިނެޓްގެ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި, އެކަމުގެ ވައްޓަފާޅި އެނގިވަޑައިގެން ތިއްބެވި ވަޒީރުން މިވަގުތު ކެބިނެޓަށް ބޭނުން ނުވާނެބާއޭ ހިތަށް އަރައެވެ. މިހެން މިދެންނެވީ މިހާރު ސަރުކާރުން ހިންގަމުން ގެންދާ ޑީއާރްޕީން ދައްކަމުން ގެންދާ ވާހަކަތަކުން ނެވެ. އާގާނޫނު އަސާސީއެއް އެކުލަވާލައި, އެއަށް އަމަލުކުރަން ފަށާ މިދަނޑިވަޅު ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ވެރިއަކު ގައުމަށް ކޮންމެހެން ބޭނުންވާކަމަށް އެޕާޓީން އެބަ ބުނެއެވެ. އެއީ އެންމެ ރަނގަޅު ގޮތްކަމަށް ވެދާނެ އެވެ. އެހެންކަމަށް ވާނަމަ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ވަޒީރުންނާއި, ނައިބުންނާއި, ސްޓޭޓް މިނިސްޓަރުންވެސް ކޮންމެހެން ބޭނުންވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އިސްތިއުފާ ދެއްވާއިރަށް މިނިސްޓަރަށް އާބޭފުޅަކު އައްޔަންކޮށް, ކެބިނެޓް އާވުމަކީ ތަޖްރިބާއަށް ވިސްނާނަމަ ޑީއާރްޕީން އެދައްކާ ވާހަކައާ ތައާރަޒްވާ ވާހަކަ އެކެވެ.
ހަމައެކަނި ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ވެރިއަކުން ނުފުދޭނެ އެވެ. އެއީ ސަރުކާރު ހިންގަވާނީ ހަމައެކަނި ރައީސް އެކަނި ކަމަށް ނުވާތީއެވެ. މިނިސްޓަރުންނަކީވެސް ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބަޔަކަށް ވުން މުހިންމު ވާނެއެވެ. އެހެންކަމަށް ވާނަމަ ކުރީގެ މުސްކުޅި ކެބިނެޓަށް ދިވެހި ގައުމުގެ މި މުހިންމު މަރުހަލާ ހަވާލުކުރުން ބުއްދިވެރި އެވެ. އާބޭފުޅަކާ ވެރިކަން ހަވާލުކުރައްވަން ފަސްޖެހި ވަޑައިގަންނަވާނަމަ, މުސްކުޅި ކުރެއްވި, މިނިސްޓަރުންގެ ރޫހުން ގައުމު ހިންގުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ސަބަބަކީ ސަރުކާރަކީ, އެންމެ މީހެއް ކަމަށް ނުވާތީ އެވެ.
