ރޮނާލްޑޯ މަސައްކަތް ކުރަމުން ގެންދަނީ މުސާރަ ބޮޑު ކުރުމަށް ޔުނައިޓެޑް

މުބާރިކް ރަފީއު ޖުލައި 21، 19:30 0 ޚިޔާލު

އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން ގެންދާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް އަށް ދާން ބޭނުން ވާހަކަ ދައްކަނީ ޔުނައިޓެޑުން ދޭ މުސާރަ ބޮޑުވޭތޯ ކަމަށް އެކްލަބުން ބުނެފިއެވެ. ޔުނައިޓެޑްގެ ޗީފް އެކްސެކެޓިވް ޑެވިޑް ގިލް ބުނީ ރޮނާލްޑޯ މަސައްކަތް ކުރަމުން ގެންދަނީ އާ ކޮންޓްރެކްޓެއްގެ ދަށުން ބޮޑު މުސާރަ ލިބޭ ގޮތް ހެދުމަށް ކަމަށް ވެދާނެ ކަމަށެވެ.

”އެހެން ވެދާނެ, ނަމަވެސް ރެއާލް އިން ދޭނެ ކަމަށް އެބުނާ ވަރުގެ މުސާރައަކާއި ގާތަށްވެސް އަހަރެމެންނެއް ނުދާނަން“ އޭނާ ބުންޏެވެ.

ކަކަުލު ހުޅުގެ އޮޕަރޭޝަނަކަށްފަހު އަރާމް ކުރަމުން ގެންދާ 23 އަހަރުގެ ރޮނާޅްޑޯ އަށް މިހާރުވެސް ހަފްތާއަކު 240000 ޑޮލަރު ލިބޭ ކަމަށާއި އެ ކޮންޓްރެކްޓް ހަމަވާން އަދި ހަތަރު އަހަރު އެބައޮތް ކަމަށްވެސް ގިލް ބުންޏެވެ.

”އެވަރުގެ މުސާރައަކާއި އެކު ކޮންމެވެސް ވަރެއްގެ ޒިންމާ ތަކަކާއި ވާޖިބު ތަކެއްވެސް ވާނެ ކަމަށް އަހަރެމެން ގަބޫލުކުރަން“ އޭނާ ބުންޏެވެ. ގިލް ރޮނާޅްޑޯ އަށް ބުނީ ޔުނައިޓެޑަށް އިހުލާސްތެރިކަން ދެއްކުމަށާ އާ ކޮންޓްރެކްޓެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ވޭތުވެދިޔަ ސީޒަންގައި ޔުނައިޓެޑަށް 42 ގޯލް ޖަހާދީފައިވާ ރޮނާލްޑޯ އަންނަ ސީޒަންގައި ފެންނާނީ ޔުނައިޓެޑުން ކަމަށް އެޓީމުގެ ކޯޗް ފާގުސަންވެސް ވަނީ ބުނެފައެވެ. އަދި ޔުނައިޓެޑްގެ ކުޅުންތެރިންވެސް ގަބޫލުކުރަނީ އެގޮތަށެވެ.

”އަހަރެމެންނާއި ރޮނާލްްޑޯ އާއި މެދު އެއްވެސް ކަހަލަ މައްސަލައެއް ނެތް, އަހަރެމެން މި މަދުކުރަނީ އޭނާ ސްކޮޑާއި ގުޅޭނެ ވަގުަތަކަށް“ ޔުނައިޓެޑްގެ ކެޕްޓަން ރިއޯ ފާޑިނަންޑް ބުންޏެވެ. އެހެން ނަމަވެސް ރޮނާލްޑޯ އާއި ބެހޭ ގޮތުން ދެކެވެމުންގާ ވާހަކައިގެ ސަބަބުން ޔުނައިޓެޑް ވޭތުވެދިޔަ ސީޒަންގައި ހޯދި ކާމިޔާބަށް ހިޔަނި އެޅެމުންދާ ކަމަށް ފާޑިނަންޑް ބުންޏެވެ.--އޭޕީ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv