ގައުމީ ޓީމަށް ހަދިޔާކުރި ފައިސާ ބަހައިފި

މުހައްމަދު ޝަނޫން ޖުލައި 21، 19:22 1 ޚިޔާލު

ސާފްޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދުމާ ގުޅިގެން އެކި ފަރާތްތަކުން ޤައުމީ ޓީމަށް ހަދިޔާކޮށްފައިވާ ފައިސާ މިދިޔަ ހަފްތާގައި ހަވާލުކޮށްފައިވާ ކަމަށް އެފް އޭ އެމުން ބުނެފި އެވެ.

އެފް އޭ އެމުގެ އިންޓަރިމް ކޮމެޓީގެ ސެކްރެޓަރީ ޝާހު އިސްމާއީލް ވިދާޅުވީ ޤައުމީ ޓީމު ހޯދި ފަހުރުވެރި ކާމިޔާބީ އާއި ގުޅިގެން އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ މިދިޔަ ހަފްތާގައި ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ”ކޮންމެ މީހަކަށް 1 ލައްކަ 80 ހާހަށްވުރެ ގިނަ ރުފިޔާ ލިބުނު. މިދިޔަ ހަފްތާގައި ޗެކުން އެ ފައިސާ ވަނީ ހަވާލުކޮށްފަ.“ ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެ ފައިސާ ހަވާލުކުރީ ދެން އިތުރު ބަޔަކު ފައިސާ ދޭނެކަމުގެ އިޝާރާތެއްވެސް ލިބިފައި ނެތުމުން ކަމަށެވެ. ”އިތުރަށް ދެން ފައިސާ ދޭނީ ދިރާގުން އެކަނި ކަމަށް މައުލޫމާތު ލިބިފައިވަނީ. އެ ފައިސާވެސް މި ހަފްތާގެ ތެރޭގައި އެފް އޭ އެމަށް ލިބޭނެ ކަމަށް މި ބަލަނީ. އޭރުން އެ ފައިސާވެސް ކުޅުންތެރިންނާ އަދި އޮފިޝަލުންނާ ހަވާލު ކުރާނަން“ ޝާހު ވިދާޅުވިއެވެ.

ޤައުމީ ޓީމު ސާފްޗެމްޕިއަންޝިޕްގެ ތަށި ހޯދުމާއެކު ހަމަ އެރޭ ދިރާގުން ވަނީ ކަސްޓަމަރުންނަށް ފައިސާ ހަދިޔާ ކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ވަކި ނަންބަރަކަށް ފޮނުވާ އެސް އެމް އެސް އަކުން 5 ރުފިޔާ ޓީމަށް ހަދިޔާ ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދިރާގުގެ މެނޭޖަރ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުން ހިންގި ހަރަކާތުން 60,495 ރުފިޔަ ލިބިފައިވާ ކަމަށެވެ. ”ރޭ އަޅުގަނޑުމެން ޓީވީ ޝޯވއެއްގައި އެކަން މި އިއުލާން ކުރީ. އަދި މިއަދު ނުވަތަ މާދަމާ އެ ފައިސާ އެފް އޭ އެމާ ހަވާލު ކުރާނަން.“ މިރުޝާން ވިދާޅުވިއެވެ.

މިރުޝާން ވިދާޅުވީ މި ހަރަކާތުން ލިބުނު ފައިސާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ޤައުމީ ޓީމަށް ލިބޭ ހުރިހާ ފައިސާއެއްވެސް ބަހަނީ 31 މީހުންގެ މެދުގައެވެ. އެއީ 23 ކުޅުންތެރިންނާއި 8 އޮފިޝަލުންނެވެ.

ޤައުމީ ޓީމުގެ ކޮންމެ މީހަކަށް މީގެ ކުރިން ރައީސް މައުމޫން ވަނީ ދެލައްކަ ރުފިޔާ ދެއްވާފައެވެ. އެހެންކަމުން ސާފްޗެމްޕިއަންޝިޕްގެ ތަށި ހޯދުމުގައި ބައިވެރިވި ކޮންމެ މީހަކަށް ގާތްގަޑަކަށް 4 ލައްކަ ރުފިޔާ ލިބޭނެ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ////////////////////////////////////////////////////////////////////////////////////////////////////////////////////////////////////

    ބުދަ، ޖުލައި 23 2008، 09:49
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv