ނިޒާރު 70 ހާސް ރުފިޔާއަށް މާއެނބޫދޫ ޓީމަށް ސޮއިކުރަނީ
ރާއްޖޭގެ އެންމެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިބްރާހީމް ނިޒާރު މިފަހަރުގެ ޒޯންލީގާއި ޤައުމީ މުބާރާތުގައި ފެންނާނީ ޒޯން 5ގެ ޗެމްޕިއަން މާއެނބޫދޫ މެއްކު ޓީމުން ކަމަށް ކްލަބުންނާއި ނިޒާރުވެސް ކަށަވަރުކޮށްދީފި އެވެ.
މެއްކު ޖަމްއިއްޔާގެ މުއައްސިސް ސިނާން އަލީ ވިދާޅުވީ ނިޒާރު އެޓީމަށް ކުޅެން ބޮޑު އަގެއްގައި ކަމަށާއި އަގުބޮޑު ކުޅުންތެރިއެއްގެ ގޮތުގައިވެސް އޭނާ ގެނައީ ސީދާ ތައްޓަށް ވާދަކުރުމަށްޓަކާ ކަމަށެވެ. ”މެއްކު ޓީމުން މި ނުކުންނަނީ ތަށި ހޯދަން. މި އަޒުމުގައި ނުކުންނައިރު ލިބެން ތިބި މޮޅު ކުޅުންތެރިން ވަރަށް މަދު. އެހެންވެ ނިޒާރުގެ ޑިމާންޑް މާބޮޑަށް އަރައިގެން ދިޔައީ. ގިނަ ކްލަބުތަކުން އޭނާ ހޯދަން މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން ބޮޑު އަގެއްގައިވެސް ނިންމަން މެއްކުން ބޭނުންވީ“ ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ ނިޒާރު މިހާރުވެސް އެޓީމާއެކު އެއްބަސްވެފައިވާ ކަމަށާއި ރަސްމީކޮށް ސޮއިކުރުން މިރޭ އޮންނާނެ ކަމަށެވެ.
މިދިޔައަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހަވީރުން ހޮވި ނިޒާރު މިއަދު ބުނީ އޭނާ މާއެނބޫދޫ ޓީމަށް ކުޅެނީ 70 ހާސް ރުފިޔާއަށް ކަމަށާއި އެއީ ޤައުމީ މުބާރާތުގައި އޭނާއަށް މިހާތަނަށް އެންމެ ބޮޑު އަގެއްގައި ކުޅެދޭ ޓީމު ކަމަށެވެ. ” އެކަމަކު މިއަށްވުރެ ބޮޑެތި އަދަދުތައް ހުންނާނެ ރިސޯޓް މުބާރާތުގައި ލިބިފައި. ނަމަވެސް ޤައުމީ މުބާރާތް އެއްވެސް ކުޅުންތެރިއަކު މިއަގުގައި ކުޅެފައިވާނެހެނެއް ހިއެއް ނުވޭ.“ ނިޒާރު ބުންޏެވެ.
ނިޒާރު ބުނީ އޭނާގެ އެހީ ހޯދަން ތިން ކްލަބަކުން ވާހަކަ ދެއްކި ކަމަށާއި އޭގެ ތެރޭގައި ފާއިތުވެދިޔަ ދެއަހަރު އޭނާގެ އެހީއާއެކު ޤައުމީ ތަށި ހޯދައިގެން މިއަހަރު މިލުކު ކުރަން ނުކުންނަ އައްޑޫ ސްޕޯޓްސްވެސް ހިމެނޭ ކަމަށެވެ.
ނިޒާރު މާއެނބޫދޫ ޓީމުން ފެންނާނެކަން ޔަޤީންވެފައިވާއިރު މިދިޔައަހަރުން ފެށިގެން ބަނޑޮހަށް ކުޅެމުން އަންނަ ސެޓަރ އިޝާން މުހައްމަދު(ބަޓިސް)ވެސް މާއެނބޫދޫ ޓީމަށް ސޮއިކޮށްފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ. ”މީގެ އިތުރުންވެސް ރާއްޖޭގެ މޮޅު ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. އަދި އިންޑިއާއިންވެސް ރަނގަޅު ފެންވަރުގެ ދެ ކުޅުންތެރިން ގެނައުމުގެ ކަންތައް ވަނީ ހަމަޖެހިފަ.“ ސިނާން ވިދާޅުވިއެވެ.
ބަނޑޮހުގެ ކޮންޓްރެކްޓްގައި ހުރި ބަޓިސް އެޓީމު ދޫކޮށް މާއެނބޫދޫ އާއި ގުޅުނީ ބަނޑޮހަށް ގޮސްގެން ޕްރެކްޓިހުގައި ބައިވެރިވާން އުނދަގޫވާތީ ކަމަށްވެއެވެ.
ބަނޑޮހުގެ ކޯޗު އިބްރާހީމް ޖަލީލު(ޖައްލަ) ބުނީ ބަޓިސްއަށް ބަނޑޮހުގައި ޕްރެކްޓިސް ކުރަން އުނދަގޫވާތީ އޭނާ ދޫކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ”އޭނާ މިހާރު އުޅެނީ މާލޭގެ ވަޒީފާއެއްގައި. މީގެ އިތުރުންވެސް ވަރަށް ގިނަ ޒިންމާތަކެއް އޭނާގެ ބޮލުގައި އެޅިފައި އެބަހުރި. މިކަންތަކާ ހުރެ ކޮންމެ ދުވަހަކު ރިސޯޓަށްދާން އޭނާއަށް އެބަ އުނދަގޫވޭ. އެހެންވެ އޭނާ ދޫކުރާ ކަހަލަ ގޮތަކަށް އޮތީ“ ޒޯން 5 ގެ ތަށި މާއެނބޫދޫ މެއްކު ޓީމަށް ހޯދާދިން ކޯޗު ޖައްލަ ބުންޏެވެ. ބަޓިސް ވަނީ އެ މުބާރާތުގައި ވެސް މެއްކު ޓީމަށް ކުޅެފައެވެ.
މާއެނބޫދޫ ޓީމު ދ. އަތޮޅު މުބާރާތާއި ޒޯން 6ގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވާނީ ޒުވާނުންގެ ރޫހް ބަލިކޮށްފައެވެ. އަތޮޅު މުބާރާތުގައި ނިޒާރު ވާނީ ޓީމުގެ ކޯޗަކަށް އިންއިރު ޒޯން މުބާރާތުގައި ނިޒާރު ވަނީ މާއެނބޫދޫ އާއި ދެކޮޅަށް ކުޅެފައެވެ.
ޤައުމީ ވޮލީ މުބާރާތް އޮންނާނީ ރޯދައިގެ ފަހުންނެވެ.