އެތްލެޓިކްސްގެ ގައުމީ ކޯޗުކަމަށް ހަތަރު ފަރާތެއް, ޖެނެރަލް ސެކްރެޓަރީކަމަށް މަސްއޫދާއި މުންތަގިމް
ޤައުމީ އެތްލެޓިކްސް ކޯޗުގެ މަޤާމަށް ހަތަރު ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.
ޤައުމީ ކޯޗުކަމުގައި ކުރިން ހުރި މޫސާ ރަޝީދ(އެސްޕީ) އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓް ކަމަށް ހޮވުމާއި ގުޅިގެން އިސްތިއުފާދީފައިވާތީ ހުސްވެފައިވާ މަޤާމަށް ކުރިމަތިލާފައިވަނީ އެތްލެޓިކްސް ދާއިރާގެ މަޝްހޫރު ފަރާތްތަކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޕްރެޒިޑެންޓްގެ މަޤާމަށްވެސް މައިޒާން އަލިމަނިކާއި ވަރަށް ކައިރިން ވާދަކުރެއްވި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ހާނިމެވެ. ހާނިމް ވަނީ 90ގެ މެދުތެރޭގައި ޤައުމީ ކޯޗުކަންވެސް ކޮށްފައެވެ. މި މަޤާމަށް ދެން ކުރިމަތިލާފައިވަނީ ކުރީގެ އެއްވަނަ އަންހެން ދުވުންތެރިޔާ އަދި މިހާރު ކޯޗެއްގެ ގޮތުން މަސައްކަތް ކުރަމުންދާ ޔަޒްނީ ނަޝީދާއާއި މަޝްހޫރު ދެ ކޯޗުން ކަމަށްވާ މުހައްމަދު އާމިރާއި ފާރިޝް އަބްދުﷲ އެވެ.
އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދުމަށްވެސް ވަނީ އިއުލާންކޮށްފައެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް އިއްޔެ ވަނީ ހަމަވެފައެވެ. ކުރިމަތިލާފައިވަނީ އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމުގައި ހުރި އަހްމަދު މުންތަގިމާއި ކޯޗިންގެ އިތުރުން މުބާރާތްތައް ރާވާ ހިންގުމުގައި ވަރަށް އިސްދައުރެއް އަދާކުރަމުން އަންނަ އަބްދުﷲ މަސްއޫދެވެ. މީގެ ތެރެއިން މުންތަގިމަކީ ބާސްކެޓް އެސޯސިއޭޝަނަށް އިންތިހާބުކޮށްފައިވާ ހަޒާންދާރުވެސް މެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޤައުމީ ކޯޗުކަމާއި ޖެނެރަލް ސެކްރެޓަރީއަކު ހޮވާނީ ދެން އޮންނަ އެތްލެޓިކްސްގެ އެކްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމެއްގައެވެ.