އޭޓީއެމް މެދުވެރިކޮށް ޕްރިޕެއިޑް ފޯނަށް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ދިރާގުން ތައާރފްކޮށްފި

މުހައްމަދު އަފްރާޙް ޖުލައި 21، 19:00 0 ޚިޔާލު

ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް މެދުވެރިކޮށް ޕްރިޕެއިޑް ފޯނުތަކަށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ދިރާގުން ތައާރަފުކޮށްފި އެވެ.

މިއަދު ސަލްސާ ރޯޔަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިހިދުމަތް ތައާރަފުކޮށް ދެއްވީ ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު އާއި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މިސް ލީކުއެން ޔޫ އެވެ.

ޕްރިޕެއިޑް ފޯނަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ތައާރަފުކުރުމަށް ފަހު ދެކުންފުނިން ބޭއްވި ނިއުސްކޮށްފަރެންސެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ އެކުންފުންޏާއި ދިރާގު ގުޅިގެން މިއަދު ފެށި ހިދުމަތަކީ ދެކުންފުނި ގުޅިގެން ދެމުންގެންދާ ހިދުމަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.

” މިއީ އަޅުގަނޑުމެން ފުރަތަމަ ފަހަރަކަށް ނޫން ދިރާގާއި ގުޅިގެން މިފަދަ މުހިންމު ހިދުމަތެއް ތައާރަފުކުރީ. މިހިދުމަތަކީ އޭޓީއެމް މެދުވެރިކޮށް އެމީހެއްގެ އެކައުންޓުން ޕްރިޕެއިޑް ފޯނުތަކަށް ރީޗާޖުކުރެވޭ ހިދުމަތެއް ކަމުގައި ވިއަސް މިހިދުމަތައް އިތުރު ޗާޖެއް ބޭންކަކުން ނުނަގާނެ. މިއީ 24 ގަޑއިރު ލިބޭނެ ހިދުމަތެއް.“ އެ އޮފިޝަލް ވިދާޅުވިއެވެ.

ނިއުސްކޮށްފަރެންސްގައި ވާހަކަ ދައްކަމުން ދިރާގުގެ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ 50 ރ. އިން ފެށިގެން 500ރ އަށް އޭޓީއެމުން ރިޗާޖު ކުރެވޭނެ ކަމަށެވެ.

އޭޓީއެމް ޕްރިޕެއިޑް ރީޗާޖު ހިދުމަތް ހޯދަން ހަދަން ޖެހޭ ގޮތަކީ ކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނަގާގޮތައް ދިރާގު ރީޗާޖު ހިދުމަތެއް ހިޔާރުކުރުމަށްފަހު ފޮނުވަން ބޭނުންވާ ފައިސާގެ އަދަދު ހިޔާރުކުރުމުން އޭޓީއެމުން އަންނަ ސްލިޕްކޮޅުގައިވާ ޕިން ނަންބަރުޖަހާފައި ފޯނުން ބޭނުންކޮށްގެން ޕްރިޕެއިޑް ކާޑުޖަމާކުރާ ގޮތަށް އެސްއެމްއެސްއެއް ފޮނުވާލާނީ އެވެ.

މިހިދުމަތަށް ބޭންކުގެ ކޮންމެ ކާޑެއްވެސް ބޭނުންކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv