
ވަޒީރަކަށްފަހު ވަޒީރެއް މައުމޫނުގެ ކެބިނެޓާ ފެއަށް ޖެހިވަޑައިގަންނަވަނީ ކީއްވެ؟
ރައްޓެއްސަކާއެކު ކޮފީއެއްގައި އިންދާ އޭނާގެ ފޯނަށް އައީ ފޯނެކެވެ. ފޯނު ބަލާވެސް ނުލާ ބުނެލީ ” އަނެއްކާ ޓްރޭޑް މިނިސްޓަރުކަން ކަންނޭގެ“ އެވެ.
ރަހުމަތްތެރިޔާގެ މިޖުމްލައަށް ހައިރާންވެފައި އިންދާ ”އިރުކޮޅަކުން މިދަނީއޭ. މީނީ ރައްޓެއްސަކައެކު ކޮފީއެއްގައޭ ބުނެ“ ފޯނު ބާއްވަމުން ހީލާފައި ބުނި އެއްޗަކުން ހައިރާންކަން ގެއްލިއްޖެއެވެ.
”އެނގޭތަ މިހާރު އެއީ ފާޑެއްގެ ޖޯކެއް. ރައްޓެހިންވެސް އަހާލާނެ މަގުމަތިން ފެނުނީމާ ކޮބާ ނުގުޅާތަ. މަވެސް ގުޅާނެ ކަމަށް ރޭއްސުރެ އުޅުނީ ފޯނު ނިވާނުލައޭ.“ އެއީ މިހާރަކަށްއައިސް ވަޒީރުން އިސްތިއުފާދީ އާވަޒީރުން ގެންނަ ގެނައުމަށް ބުނެ އުޅޭ ބަހެއް ކަމަށެވެ.
ރަހުމަތްތެރިޔާގެ މިބަހަށް ވިސްނާލިއިރު އެއީ ތެދެކެވެ. ގިނައަދަދެއްގެ ވަޒީރުންތަކެއް މައުމޫނުގެ ކެބިނެޓުން އެބަ އިސްތިއުފާ ދެއްވައެވެ. އިސްތިއުފާދެއްވުމުގެ ފުރަތަމަ ފޯވަހި ފެށުނީ މިދިއަހަރުގެ ކުރީކޮޅުއެވެ
މިނިސްޓަ އޮފް ހަޔާ އެޑިއުކޭޝަން, އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރުޓީ ކަމުގެ މަގާމުގައި ހުންނެވި ރައީސްމައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނާއި މިނިސްޓަ އޮފް ސްޓޭޓް ފޮ ހަޔާ އެޑިއުކޭޝަން, އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސިކިއުރިޓީ ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިސްތިއުފާ ރައީސް މައުމޫން ގަބޫލްކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 11 ވަނަ ދުވަހުއެވެ.
މައުމޫނު ސަރުކާރުން ބޮޑެތި ފައިދާތަކެއް ލިބުނު އަދި މައުމޫނުގެ ވެރިކަން ދެމެހެއްޓުމުގައި އިސްރޯލެއް އަދާކުރެއްވި ޔާމީން އިސްތިއުފާދެއްވުމުން ތަފާތު ވާހަކަތައް ފެތުރުނެވެ.
ކާމިނީގޭ އާއިލާއާއި އެންދެރިމާގޭ އާއިލާއާ ދެމެދު އޮންނަ ކޯޅުންތަކެއްގެ ނަތީޖާއޭ އެއްބަޔަކު ބުނާއިރު އެއަށް ބާރުދޭ މީހުން ބުނަމުން އައީ ޔާމިނާއި އޭނާގެ ބައިވެރިންގެ ކޮޅަށް މައުމޫނު ބުރަވެވަޑައިނުގަތުމުން ބޮޑާ ހޭއްކެވީ ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ގެންދިޔައީ އެއީ މައުމޫނުގެ ރޭވުމެއް ކަމަށާއި މީހުން ބައިބައިކޮށް އިތުރަށް ވެރިކަމުގައި މައުމޫނަށް ހުންނެވޭނެގޮތް ހެދުމަށް ޖެއްސެވި މަޅިއެއް ކަމަށެވެ.
ނަމަވެސް 11 ނޮވެމްބަރު 1993 އިން ފެށިގެން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔާމީނު ވިދާޅުވެފައިވަނީ ”މިހާރު ކުރައްވާ މަސައްކަތްތަކަށް ސަރުކާރުން އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރައްވާ ކަމަށާއި ވަރަށް ބޮޑަށް ”ފްރަސްޓްރޭޓްވެއްޖެ“ ކަމަށެވެ.
އޭގެ ފަހުން އެންމެ 6 މަސްދުވަސް ފުރިހަމަ ނުވަނީސް އިތުރު ދެ ވަޒީރަކު އިސްތިއުފާގެ ސިޓީ މައުމޫނަށް އަރިސްކުރިއެވެ.
މައުމޫނުގެ އިސްލާހީ އެޖެންޑާ ހިފައިގެން އެންމެބޮޑަށް ކޮޅުކޮޅުމައްޗަށް ހެލިފެލިވެ އުޅޭތީ ފެނުނު ”ނިއުމޯލްޑިވްސް“ގެ ދެމެންބަރުން ކަމަށްވާ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދާއި މިނިސްޓަ އޮފް ޖަސްޓިސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
މިދިޔައަހަރުގެ އޮގަސްޓް 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ޤަބޫލުކުރެއްވި އެދެބޭފުޅުންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވެފައިވަނީ މައުމޫނަކަށް އިސްލާހެއް ނުގެންނެވޭނެ ކަމަށާއި އިސްލާހީ އެޖެންޑާވެސް ވަނީ ފޭލްވެފައި ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވި ފުރަތަމަ ބާރަ ތޭރަ ދުވަސްވަރުން ފެށިގެން ދިވެހިސަރުކާރު އޮތީ ނޭވާހޮޅިއަށް އެޅިފައެވެ. ވަރަބިނދި އުދުއްސައި ނުގަނެވިފައެވެ. މިހާލަތުގައި އޮއްވާ ދިވެހިސަރުކާރުން އިސްލާހުގެންނަން މަސައްކަތް ކުރާ ކަމަށާއި މައުމޫނުވެސް މަސައްކަތް ކުރައްވަނީ އިސްލާހު ގެންނަންކަމަށްބުނެ ބޭރުދުނިޔޭގައި މަސައްކަތްކޮށް ޤައުމު އެލައްގަނޑުން ސަލާމަތްކުރި އެންމެ އިސް އެކަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދުއެވެ. ނަމަވެސް ހަސަނާއި ޖަމީލް އިސްތިއުފާ ދެއްވިތާ 15 ދުވަސްވީތަނާ އެބޭފުޅާވެސް އިސްތިއުފާ ދެއްވާ މައުމޫނަށް ފާޑު ވިދާޅުވިއެވެ.
ޝަހީދުވެސް ވިދާޅުވީ އިސްލާހަކީ މައުމޫނަށް ގެންނެވޭނެ އެއްޗެއް ނޫންކަމަށާއި އިސްލާހުވެސް މައުމޫނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިސްލާހުގެންނަން ވެއްޖެކަމަށް ވެސް ޤަބޫލުފުޅުވެސް ނުކުރައްވާ ކަމަށެވެ.
އެއަހަރުގެ ފޯވަހި ނިމި މިއަހަރުގެ ފޯވަހި ފެށުނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ފޯވަހި ފެއްޓެވުމުގެ ރިބަންފަށް ކަނޑުއްވާލެއްވީ އާދައިގެ ބޭފުޅެއް ނޫނެވެ. އާދައިގެ ވަޒީރެއްވެސް ނުމެ ނޫންމެއެވެ. އެތައް ބަޔަކު އެބޭފުޅެއްގެ ފަހަތްޕުޅުގައި ތިއްބެވިކަމަށް ބުނާ މަޝްހޫރު ވިޔަފަރިވެރިޔާ ޤާސިމް އިބްރާހީމެވެ. ދިވެހިދައުލަތުގެ މާލީ ވަޒީރެވެ.
ޤާސިމް އިސްތިއުފާދެއްވީ މިއަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ނުދީގެން ބަޖެޓް ޑެފިސިޓް ވަމުންދާ ކަމަށް ވިދާޅުވެއެވެ.
ޤާސިމްވެސް ވިދާޅުވީ ސަރުކާރު ފޭލްވެފައިވާ ކަމަށެވެ.
މެދަށް ދިޔަ ބަންދު ދެދުވަހަށްފަހު މިމަހުގެ 13 ވަނަ ދުވަހު, ޤައުމުގެ އިޤްތިސާދުގެ ބޮޑުބައެއް ހިއްސާކުރާ ވުޒާރާ ކަމުގައިވާ ޓޫރިޒަމް މިނިސްޓަރ މަހްމޫދު ޝައުޤީ އިސްތިއުފާދެއްވިކަން ޔަޤީންވިއެވެ.
”އަޅުގަނޑު އިސްތިއުފާ ހުށަހެޅީ އަޅުގަނޑު ކުރިއަށް ގެންދަން ހުރި ބައެއް ކަންތައްތަކުގައި އަޅުގަނޑުގެ ހިޔާލު ތަފާތު ކަންތައްތަކެއް ހުރީމަ. އިސްތިއުފާ ހުށަހެޅުމަށް އަޅުގަނޑު ނިންމި ނިންމުމަކީ ވަކި ފަރާތެއްގެ ނުވަތަ ވަކި ފަރާތްތަކެއްގެ ފިއްތުންތަކެއް ކުރިމަތިވެގެން ނުވަތަ އެދުމުގެ މަތިން ކުރި ކަމެއް ނޫން. އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި އަޅުގަނޑު އެ މަގާމުގައި ހުރުން ދަތިވީމަ އިސްތިއުފާ ދިނުމަށް ހުށަހެޅީ.“ޝައުގީ ވިދާޅުވިއެވެ
އޭގެ އެންމެ 3 ދުވަސްފަހުން މިމަހުގެ 17 ވަނަ ދުވަހު އިސްތިއުފާދެއްވީ މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ޖަލީލެވެ.
ޖަލީލްވެސް އިސްތިއުފާދެއްވީ ވިޔަފާރިއާ އިޤްތިސާދުގެ ކަންތައްތަކުގައި ދިވެހިސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ފާޑު ވިދާޅުވެ އެސިޔާސަތަށް ބަދަލު ނުގެންނަވައިފިނަމަ ރާއްޖެއަށް ވަރަށް ނިކަމެތި ގޮތްތަކެއް ވެދާނެ ކަމަށް ވިދާޅުވުމަށް ފަހުގައެވެ. އަދި ބަޖެޓަށް ފައިސާ ލިބެންހުރި ބޮޑެތި މަޝްރޫއުތައް ފޭލްވެ އެފައިސާ ނުލިބުނީ ސަރުކާރުން އެއްބާރުލުން ނުދިނުމުން ކަމަށްވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރައްޔިތުންގެ މަޖިލީހާއި ނޫސްވެރިންގެ ކުރިމަތީގައި ވިދާޅުވުމަށްފަހުގައެވެ.
”އަޑެއްކިއްޔާ ރެނދެއް ލާނެއޭ“ ބުނަ ބުނުމަކީ ތެދެއްނަމަ އިތުރު ވަޒީރުންގެ އިސްތިއުފާގެ އަޑުތައް މިހާރު މާލެތެރެއިން އިވެމުންދަނީ ކެނޑިނޭޅިއެވެ. ފަތުކިޔާލާފައި ވައިގައި ހިފާފައެވެ.
އެގޮތުން ޖަޒީރާއަށް މައުލޫމާތު ލިބިފައިވާގޮތުގައި ފިޝަރީޒް މިނިސްޓަރ ހުސައިން ހިލްމީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ.
ކޮންމެވެސްވަރަކަށް ތަފާތު ބަސްބަސް ވިދާޅުވަމުން މައުމޫނު ސަރުކާރުގައި އެންމެ ރަނގަޅަށް އެކްޓްކުރައްވަން އެނގިވަޑައި ނުގަންނަވާކަމަށް ވިދަޅުވާ ޔޫތު މިނސްޓަރ މުހައްމަދު ވަހީދުއްދީން ހުންނެވީވެސް ދާދިއަވަހަށް އިސްތިއުފާ ދެއްވާށޯލައެވެ. ނޫންމަ މިހާރުވަނީ ސިޓީފުޅު ފޮނުއްވާފައެވެ.
ޓީޗަރުންގެ މުސާރައިގެ ކަންތަކުގައި އެޑިއުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރު ހުންނެވީ ކަންބޮޑުވެ ހާސްބޮޑުވެފައެވެ. ބުނެވޭގޮތުގައި އެކަމަނާވެސް މާގިނަ ދުވަހަކު ދެން މައުމޫނުގެ ކެބިނެޓަކު ނުހުންނަވާނެއެވެ. ފަހަރުގައި އަންނަމަހު 1 ގައި ޓީޗަރުން ކަންތައް ކުރައްވާގޮތް ބައްލަވަން އެޑިޔުކޭޝަން މިނިސްޓަރުގެ ގޮނޑީގައި ނީންނެވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މިއަޑުތައް މިހެން އިވޭއިރު, ޤާނޫން އަސާސީ ތަސްދީގުވާހިސާބުން އިސްތިއުފާގެ ހިލުންގަނޑު ގަދައަށް ހިލޭނެކަމަށް ސިޔާސީ މާހިރުން ވިދާޅުވެއެވެ.
އިސްތިއުފާ ދެއްވާ ވަޒީރުންގެ އެހެންކަމެއްވެސް ފާހަގަކުރެވެއެވެ. ރައީސްމައުމޫނު ޒައީމެއްގެ ގޮތުގައި ހުންނެވި ޕާޓީ ޑީއާރުޕީންވެސް ވަކިވުމެވެ.
ކޮންމެއަކަސް ވަޒީރަކަށްފަހު ވަޒީރެއް މައުމޫނުގެ ކެބިނެޓާ ފެއަށް ވަޑައިގަންނަވަނީ ކީއްވެ ބާވައެވެ؟
ޕޮލިޓިކަލް ސައިންސުން ޕީއެޗްޑީ ނަންގަވާފައިވާ އަދި މައުމޫނުގެ ސާރުކަރުގެ ފޮރިން މިނިސްޓަރ ކަމުން އިސްތިއުފާދެއްވި ޑރ އަހުމަދު ޝަހީދު ވިދާޅުވީ ވަޒީރުން އިސްތިއުފާ ދެއްވުމުގައި މައިގަނޑު ދެސަބަބެއް އެބައޮތް ކަމަށެވެ.
”އެއްކަމަކީ މައުމޫނުގެ ސަރުކާރު ފޭލްވެއްޖެކަން އެނގެނީ. އިސްލާހީ މަސައްކަތް ކުރިއަށް ނުދާނެކަން އެނގެނީ. އަނެއް ސަބަބަކީ ވެއްޓެމުންދާ މައުމޫނު ސަރުކާރުން ދުރަށް ވަޑައިނުގަތް ހުންނެވުމުން ސިޔާސީ ބޭފުޅުންގެ ސިޔާސީ ހަޔާތް ބަރުބާދުވެ ނިމުމަކަށް އައުން“ ޝަހީދު ވިދާޅުވިއެވެ.
އެނގޭހާވެސް އެއްޗަކީ މައުމޫނުގެ ކެބިނެޓުން ފެޔަށް ވަޑައިގަންނަވާ ކޮންމެ ވަޒީރަކުވެސް މައުމޫނާއި މައުމޫނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާކަމެވެ. އަދި ޑީއާރުޕީއަށްވެސް ފާޑު ވިދާޅުވާކަމެވެ.
މަތީ ތައުލީމް ހާސިލް ކުރަމުންދާ ނަން ހާމަކުރަން ނޭދޭ މީހަކު ބުނީ ” އިސްތިއުފާދޭ ވަޒީރުން އިސްތިއުފާދެނީ އެމީހުންގެ ސިޔާސީ ކެރިއަރ ކުރިއަށް ގެންދާށާއި އެމީހުންގެ ސަލާމަތަށްޓަކައި“ ކަމަށެވެ.
-
ހޯމަ، ޖުލައި 21 2008، 16:38
ބޮޑުމުސާރަތައް ދެއްވައިގެން ގެންގުޅުއްވި ބޭފުޅުންތަށް އިސްތިއުފާ ދެއްވަނީ ކީއްވެގެންތޯ؟ ކުރުކޮށް ދަންނަވާނަމަ އެބޭފުޅުންނަށް ވެސް ކަމުނުދާ ކަންތައްތަކެއް ހުރީމަ އިސްތިއުފާދެއްވަނީއެވެ.