ރޮނާލްޑޯ ގެނައުމަށް ރެއާލުން ކުރާ މަސައްކަތް ހުއްޓައެއް ނުލާނެ

މުބާރިކް ރަފީއު ޖުލައި 20، 21:15 0 ޚިޔާލު

އިންގްލެންޑްގެ މެންޗެސްޓރަ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޮ ގެނައުމަށް ސްޕޭނުގެ ރެއާލް މެޑްރިޑުން ކުރަމުން ގެންދާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފިއެވެ.

ސްޕޭނުގެ ނޫސްތަކުން މިގޮތަށް އަނެއްކާވެސް ބުނެފައި މިވަނީ ވޭތުވެދިޔަ ސީޒަންގައި ޔުނައިޓެޑަށް 40 އަށްވުރެ ގިނައިން ލަނޑު ޖަހާދީފައިވާ ރޮނާލްޑޯ އަންނަ ސީޒަންގައި ވެސް ހުންނާނީ ޔުނައިޓެޑްގައި ކަމަށް އެޓީމުގެ ކޯޗް އެލެކްސް ފާގުސަން ބުނިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ރެއާލް އަށް ބަދަލުނުވެ ޔުނައިޓެޑްގައި ރޮނާލްޑޮ ބެހެއްޓުމުގެ ގޮތުން މިމަހު ފަހުކޮޅުވެސް އެކުޅުންތެރިޔާ އާއި ފާގުސަން ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. ރޮނާލްޑޮ ވަނީ ޔުނައިޓެޑާއި އެކު 2012 ވަނަ އަހަރާއި ހަމައަށް ކޮންޓްރެކްޓް ހަދާފައެވެ.

ރެއާލް އަށް އެކުޅުންތެރިޔާ ގެނައުމަށް އެޓީމުން ވަނީ 85 މިލިއަން ޔޫރޯ ހަރަދުކުރަން ނިންމާފައެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ ތެރެއިން 70 މިލިއަން ޔޫރޯގެ ލޯނެއްވެސް މިހާރު އެޓީމުން ހޯދާފައިވާކަމަށްވެއެވެ.

ރެއާލް އަށް ކުޅުމަކީ ހުވަފެނެއްކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ. އަދި ރެއާލަކީ އޭނާ ކުޑައިރު ސަޕޯޓްކުރި ކްލަބްކަމަށްވެސް ރޮނާލްޑޯ ބުނެއެވެ.

ރޮނާލްޑޮ ޔުނައިޓެޑަށް ބަދަލުވީ އޮގަސްޓް 2003 ގައެވެ. --އޭއެފްޕީ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv