ދުނިޔޭގެ ހުރިހާ ބަހަކުން ވެބްސައިޓް މެނޭޖް ކުރެވޭ ދިވެހި އަމިއްލަ ސޮފްޓްވެއާއެއް ބާޒާރަށް ނެރެފި
ދުނިޔޭގެ ކޮންމެ ބަހަކުންވެސް ވެބްސައިޓްތައް މެނޭޖްކުރެވޭ ދިވެހި ސޮފްޓްވެއާއެއް ދިވެހި ކުންފުންޏަކުން އުފައްދާ ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އާސްކް މޯލްޑިވްސްއިން އުފައްދާފައިވާ ދިވެހި މިސޮފްޓްވެއާއަށް އެކުންފުނިން ދީފައިވާ ނަމަކީ ” ދަ އާސްކް ސޮފްޓް ވެބްމޭން“ އެވެ.
އާސްކް މޯލްޑިވްސްގެ ޑިރެކްޓަރ ރަހުމަތުﷲ އަބްދުލް ފައްތާހު ވިދާޅުވީ ނިމިގެންދިޔަ މޯލްޑިވްސް ހޮޓެލް ޑްރޭޑް އެގްޒިބިޝަން( އެމްއެޗްޓީއީ) ފެއާގައި ދައްކާލާފައިވާ މި ސޮފްޓްވެއާއަކީ ވެބްސައިޓްތައް ހަދަން ނުދަންނަ މީހަކަށްވެސް ބޭނުންކުރެވޭ ގޮތައް ފަރުމާކޮފައިވާ އެއްޗެއް ކަމަށެވެ.
” މިސޮފްޓްވެއާއަކީ ބޭރުގެ ހުރިހާ ބަހަކުން ބޭނުންކުރެވޭ ގޮތައް އުފައްދާފައިވާ އާސް މޯލްޑިވްސްގެ އަމިއްލަ އުފެއްދުމެއް. މިބޭނުންކުރާ މީހަކަށް ސައިޓް ހެދުމަށް އެމީހަކު ހިޔާރުކުރާ ބަހެއް އެގެން ޖެހޭނެ. މި ސޮފްޓްވެއާ ބޭނުންކޮށްގެން ވެބްސައިޓް އިތުރުމީހެއްގެ އެހީއަކާއި ނުލާވެސް މެނޭޖް ކުރެވިދާނެ.“ ރަހުމަތުﷲ ވިދާޅުވިއެވެ.
ރަހުމަތުﷲ ވިދާޅުވީ ތަފާތު މުނާސަބަތު ގުޅުވައިގެން ބަދަލު ގެނެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްމޭން ސޮފްޓްވެއާ މީޑިޔާގެ ތަފާތު ފަރާތްތަކާއި ޓުއަރިޒަމް އިންޓަސްޓްރީގައި ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
” މި ސޮފްޓްވެއާ ބޭނުންކުރާއިރު ކޮންމެހެންނުޖެހޭ އަލަށް ވެބްސައިޓެއް ހަދާކަށް. މިހާރު ބޭނުންކުރާ ސައިޓްތަކުގައިވެސް މި ސޮފްޓްވެއާ ބޭނުންކުރެވިދާނެ. އަޅުގަނޑުމެން އަދި ނެރެގެން މިއުޅެނީ ސޮފްޓްވެއާގެ ބީޓާ ވާޝަން ކަމަށްވާތީ އަދި އަގެއް ކަނޑައެއް ނާޅަން. އަޅުގަނޑުމެން މިސޮފްޓްވެއާ ކަސްޓަމަރުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށްދެން.“ ރަހުމަތުﷲ ވިދާޅުވިއެވެ.
ރަހުމަތުﷲ ވިދާޅުވީ އެމްއެޗްޓީއީ ފެއާގައި ސޮފްޓްވެއާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށާއި އެގޮތުން ދެފަރާތަކުން ނަގާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.