ދަތުރުތައް ލިބުން މަދުވުމާއި ގުޅިގެން 20ރ. އަށް ދަތުރެއް ބަދަލުކުރުމަށް ބައެއް ޑްރައިވަރުން މަޝްވަރާކުރަނީ
މާލޭގައި ޓެކްސީގެ ހިދުމަތް ދެމުން ގެންދާ ޓެކްސީތަކުންގެ ދަތުރެއްގެ އަގު 25 ރ އަށް ބަދަލުކުރިފަހުން ދަތުރުލިބުން މަދުވެފައިވާތީ ދަތުރެއްގެ އަގު 20 ރ އަށް ބަދަލުކުރުމަށް މަޝްވަރާކުރަމުން ދާ ކަމަށް ބައެއް ޑްރައިވަރުން ބުނެފި އެވެ.
މިއަދު ވާހަކަ ދެއްކި ފައިން ޓެކްސީގެ ޑްރައިވަރަކު ބުނީ ދަތުރުތައް ލިބުން ވަރަށް ބޮޑުތަން މަދުވެފައިވާތީ ދަތުރުތަކުގެ އަގު 20 ރ އަށް ބަދަލުކުރުމަށް މަޝްވަރާކުރަމުން ދާ ކަމަށެވެ.
” ވަރަށް މަދުބަޔަކު ދަތުރުގެ އަގު 20 އަށް އަށް ބަދަލުކުރުމަށް މަޝްވަރާކުރަނީ. އެމީހުން ބުނަނީ މިހާރު ދަތުރުތައް ލިބޭ ވަރަށް ބަލާފައި ދެކޮޅުނުޖެހޭ ކަމަށް.“ ޓެކްސީ ޑްރައިވަރަކު ބުންޏެވެ.
ފައިން ޓެކްސީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ 150 އަކަށް ޑްރައިވަރުން އުޅޭ އެ ޓެކްސީ ސެންޓަރުން ޓެކްސީގެ އަގު ދަށްކުރުމަށް ވާހަކަ ދައްކަމުން ގެންދަނީ ވަރަށް މަދުބައެއް ކަމަށެވެ.
”ގާތް ގަނޑަކަށް 10 ވަރަކަށް މީހުން އެގޮތައް މަޝްވަރާކުރަމުން ދަނީ.“ އެ ޓެކްސީ ސެންޓަރުން ބުންޏެވެ.
ޓެކްސީގެ އަގު 20 ރ އަށް ދަށްކުރުމަށް ބައެއް ޑްރައިވަރުން މަޝްވަރާކުރަމުން ދާއިރު ބައެއް ޑްރައިވަރުން 20ރ އަށް މިހާރު ދަތުރުކުރަމުންދާ ކަމަށް ޑްރައިވަރުން ބުނެއެވެ.
” މިހާރު ބައެއް ޑްރައިވަރުން 20 ރ އަށް ދަތުރުކޮށް ދެމުން ގެންދޭ. އެއީ އެމީހެއްގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް.“ ޑްރައިވަރަކު ބުންޏެވެ.
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޓެކްސީ ދަތުރުތަކުގެ އަގު 25 ރ އަށް ބޮޑު ކުރުމުން ލިބޭ ދަތުރުގެ އަދަދު 30 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.