މަޖިލީހުގެ އެދުމާ އެއްގޮތަށް މިހާރުގެ ސަރުކާރަށް މާލީ ހާލަތު ފާލަކަށް އެޅުވިދާނެބާ؟

މިއުސަމް އައްބާސް ޖުލައި 20، 20:39 0 ޚިޔާލު

ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި މިހާރު މިއޮތް ސަރުކާރުން, ރައްޔިތުންގެ މަޖުލީހުގެ އަގު ވަނީ ވައްޓާލާފަ އެވެ. އެއީ ހަމަ އެކަނި ސަރުކާރުންވެސް ކުރި ކަމެއް ނޫނެވެ. މިކަމުގައި ރައްޔިތުންގެ މަޖުލީހުގެ ބައެއް މެމްބަރުންވެސް ހިމެނި ވަޑައިގަންނަވައެވެ. އެގޮތުން ރައްޔިތުންގެ މަޖުލީހުން ކަންކަން ދިރާސާކޮށް އެކަމެއް ހައްލު ކުރުމަށް ސަރުކާރަށް ގޮވާލުމުން ސަރުކާރުން އެކަމަށް ދެނީ ބީރު ކަންފަތެކެވެ. އެކަމެއް މަޖުލީހުގެ ބޮލާލާ ޖަހައެވެ.

މިކަމުގެ ސަބަބުން ރައްޔިތުން ދެކެނީ ރައްޔިތުންގެ މަޖުލީހަކީ ގޮޑިކޮއްކޮ ތަނެއް ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖުލީހުގެ ބައެއް މެމްބަރުން މިފަދަ ކަންތައްތައް އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެއީ ހަނދާން ނައްތާލެވޭ ވަރުގެ ކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖުލީހުން ވަނީ އެތައް ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އެއިން އެއްވެސް ކަމެއް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް މިހާރު ރައްޔިތުންގެ މަޖުލީހުގެ ތެރެއަށް ވަދެފައިވާ އަނެއް މައްސަލައަކީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ވާހަކަ އެވެ. އިގުތިސާދު ފުޑައިގެން ގޮސް ކުދިކުދިވެ ރައްޔިތުން ބިކަ ވެގެން ދާއިރުވެސް ސަރުކާރުން އެކަމާ ހެމުންދާ މަންޒަރުވެސް ފަރުދާގެ އެއް ފަރާތުން ފެނިގެން ދެއެވެ.

ރައްޔިތުން ބޭނުން ކުރާ މުދާތައް އަތް ނުފޯރާ ފަށަށް އަރައިގެން ދާއިރުވެސް ބަލައިގެން ތިބެނީ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ވަކިން ބޮޑަށް އަމިއްލަ ވިޔަފާރި ވެރިންނާއި ވާދަ ކުރުމަށް ތަކެތީގެ އަގު ބޮޑު ކުރަމުންދާ މަންޒަރުވެސް އެއީ ގިނަ ގިނައިން ފެންނަމުންދާ މަންޒަރަކެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެ ނަމަ އެއަންނަ ބަދަލުގެ ދެ ގުނަ ބޮޑު ކުރާއިރު ތެލުގެ އަގު ހެޔޮވެއްޖެ ނަމަ އެކަމެއް ނުފެނެ އެވެ. މިހާރުވެސް ތެޔޮ ފީފާއެއްގެ އަގު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ. އެހެން ނަމަވެސް އެބަދަލެއް ރާއްޖޭގެ ބާޒާރުން ފެންނަމުންނެއް ނުދެއެވެ.

މިކަންތައް މިހެން ހުރުމާ އެކުމެ ރައްޔިތުންގެ މަޖުލީހުގައި ތިއްބެވި ރައްޔިތުންނަށް ވަފާތެރި ބައެއް މެމްބަރުންގެ މިންނެއް މަސައްކަތުން ވަނީ އެ މައްސަލަ މަޖުލީހަށް ވައްދައި ކޮށައި މަށައި އެތައް ކަމެއް ކުރުމަށްފަހު ސަރުކާރުގެ ހަރަދު ކުޑަކޮށް ރާއްޖޭގެ އިގްތިސާދު ފުޑިގެން ދިޔަ ނުދީ ފާލަށް އެޅުވުމަށް ގޮވާލާފަ އެވެ.

ދެން އުފެދޭ ސުވާލަކީ މިހާރުގެ ސަރުކާރުގައި އެކަން ކުރުމުގެ ގާބިލްކަން އެބަހުރިބާވައެވެ؟ މިއީ ގިނަ އާންމުންގެ ހިތުގައި އުފެދޭ ސުވާލެކެވެ.

މި ސަރުކާރަކީ ޖެހިޖެހިގެން ދެ ފަހަރެއްގެ މަތިން ބަޖެޓް ފާސްކުރުމަށް ބޮޑެތި ދޮގުތަކެއް ހަދައި ރައްޔިތުންނަށް ބޮޑެތި ވައުދު ތަކެއްވެފައިވާ ސަރުކާރެއް ކަމުން މިނިސްޓަރުން ދައްކާ ވާހަކަފުޅަކީ އާންމުންގެ ހިތުން އެއަށް އެއްވެސް ވަރެއްގެ ގަދަރެއް ދެވިފައިވާ އެއްޗަކަށް ވަނީ ނުވެފައެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައިވެސް ރާއްޖޭގެ އިގްތިސާދު މިހާލަތަށް ވެއްޓުމުގެ އަސްލަކީވެސް މިވޭތުވެދިޔަ ދެތިން އަހަރު ރާއްޖޭގެ ފަޅު ކޮނެގެން ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށް މަޖުލީހުގައި އޮތް ގޮޑިކޮށްކޮ ބާރު ބޭނުންކޮށްގެން ފާސްކޮށްފައިވާ ބަޖެޓް ތަކެވެ.

”ހުރިހާ ރައްޔިތުންނަކީ މުސާރަވެރިންނެއް ނޫން. މުސާރަ ބޮޑުވުމުގެ އެއް ނަތީޖާއަކަށް ވާނީ ބާޒާރުގެ އަގުތައް ބޮޑުވުން. މި މައްސަލައިގެ އައްސަލަކީ ރާއްޖޭގެ އިގުތިސޯދު ފާލުން ނައްޓާލައިފައި އޮތުން,“ ރައްޔިތުން މަޖުލީހުގެ މާލޭ މެމްބަރު އިބުރާހިމް އިސްމާއިލް (އިބުރާ)ވިދާޅުވި އެވެ. ”މިކަން ހައްލުކުރުން އެއީ ފަސޭހަ ކަމެއް ނޫން. ރައްޔިތުންނަށް އިތުރު ވޭންތަކެއް ނުލިބި މިކަން ހައްލުވާނެ ކަމަށް ގަބޫލެއް ނުކުރެވޭ.“

”ދިވެހި ރައްޔިތުން ބަނޑަށް ޖެހެމުން މިދަނީ ކާކުގެ އިހްމާލަކުންތޯ؟ ފިނޭންސް މިނިސްޓަރު ވަނީ ފެއިލްވެފައި. އޭނާ މިހާރު ދޭންޖެހޭނީ އިސްތިއުފާ. ބަޖެޓު ދެކޮޅެއްނުޖެއްސުނު, ބަޖެޓް ފާސްކުރިއިރުވެސް އަޅުގަނޑު ރޮއި އާދޭސް ކުރިން. އެކަން އަޑު އެހީ ކާކުތޯ. މިއަދު ހުރިހާ ކަމެއް މަޖުލީހުގެ ބޮލަށް“ ފިނޭންސް މިނިސްޓަރު ގާސިމް އިބުރާހިމް އިސްތިއުފާ ދެއްވުމުގެ ތިން ދުވަސް ކުރިން ބޭއްވި ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ގއ. މެމްބަރު އަބުދުﷲ ޖާބިރު ވިދާޅުވި އެވެ.

ރައްޔިތުން މަޖުލީހުގެ މެމްބަރުންގެ އިތުރަށް ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ އިގްތިސާދީ މާހިރުންވެސް ދެކެމުން އަންނަނީ ރާއްޖޭގެ އިގްތިސާދު އިދެޖެހެމުން ދަނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ފާސްކޮށް އެއަށް އަމަލު ނުކުރެވި ފެއިލް ވަމުންދާ ބަޖެޓްގެ ސަބަބުން ކަމަށެވެ.

އިގުތިސާދީ މާހިރެއް ކަމަށްވާ މުހައްމަދު ނަސީމް އިބުރާހިމް (ނަފާ ނަސީމު) ވިދާޅުވީ ރާއްޖޭގައި އިންފްލޭޝަން ރޭޓް އަތުނުޖެހޭ ވަރަށް އުފުލިގެން ދިޔައީ ސިޔާސީ ސަބަބުތަކަށްޓަކައި ހިސާބަށް ވުރެ ބޮޑު ބަޖެޓެއް ފާސް ކުރުމުން ކަމަށެވެ.

” އެކޮނޮމީ ގްރޯތް ވާނެ. ޕްރައިވޭޓް ސެކްޓަރ ވަރަށް ސްޓްރޯންގް. އެކަމަކު މައްސަލަ ޖެހިގެން މިއުޅެނީ ދައުލަތުގެ ހަޒާނާގައި. ބަޖެޓް ކޮށްފައި ހުރި އާމްދަނީތައް ނުލިބުމުގެ އިތުރަށް ސިޔާސީ ސަބަބު ތަކަށްޓަކައި ހިސާބަށްވުރެ ބޮޑު ބަޖެޓެއް ފާސް ކުރުމުން އިންފްލޭޝަންވެސް މިހާ މަތިވެގެން ދިޔައީ“ ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތް ދުވަސްކޮޅުގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް އެކަށީގެންވާވަރަށް ފައިސާ ލިބޭނެ ކަމަށް ލަފާ ނުކުރައްވާ ކަމަށެވެ.

” ރިސޯޓްތައް ބީލަމަށް ލައިގެންވެސް އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ފައިސާތައް ލިބޭނެހެނެއް ހިޔެއް ނުވޭ. މި ދައްކަނީ ކުޑަ އަދަދެއްގެ ވާހަކައެއް ނޫން“ ނަސީމް ވިދާޅުވި އެވެ.

އިގްތިސާދީ މާހިރުން ދެކޭ ގޮތުގައި ރާއްޖޭގެ އިގްތިސާދު އަދި ހަލާކު ނުވެއެވެ. އެހެން ނަމަވެސް މި އިގްތިސާދު ވެއްޓެމުންދާ އަދަވަޅުން ނަނގާ ކޮޅަށް ޖެހޭނީ އެކަން ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ބޭކާރު ހަރަދުތައް ކުޑަކޮށް މުވައްޒަފުންގެ މުސާރަތައް އެއް ހަމައަކަށް ގެނެސްގެނެވެ.

” ތީމުގެއަށް ކުރަމުންދާ ހަރަދު ތަކަކީ ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ އެއްޗެއް. އޭގެ އިތުރަށް ސާފް ތަށި ރާއްޖެ ތެރެއަށް ގެންދިއުމަށްވެސް ކުރާ ހަރަދު އެއީ ކުޑަ ހަރަދެއްބާ. މިކަހަލަ ބޭކާރު ހަރަދުތައް ކުޑަ ކުރުމުގެ އިތުރަށް އާންމުންގެ ފަރާތުން އިތުބާރު ހޯދުމަށް ސަރުކާރުގެ މަތީ ފަންތީގައި ތިބި މުވައްޒަފުންގެ މުސާރަވެސް އެބަޖެހޭ އާންމުން ގަބޫލުކުރާ ފަދަ އަދަދަކަށް ތިރި ކުރަން“ އިގްތިސާދީ ދާއިރާއިން ކިޔަވައިގެން ހުންނެވި ސަރުކާރުގެ އިސް ވަޒީފާއެއްގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

އަންނަ އިންތިހާބު ތަކުގެ ސަބަބުންވެސް އިގްތިސާދަށް އިތުރު ލޮޅުންތަކެއް އަތުވެދާނެކަމަށްވެސް އިގްތިސާދީ މާހިރުން ދެކެއެވެ. އެހެން ކަމުން ސަރުކާރުން ބަލަންވީ މިހާރަށްވުރެ ހަރަދު ކުޑަކޮށް ގައުމު ހިންގައި ފަހު ވަގުތު ގޯލު ޖަހަން ނުތިބެ ރާވައިގެން ގޯލެއް ޖަހައި ކުރި ހޯދުމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv