ފުރާވަރުގެ ޒުވާނުން ވައްކަމާ ދުރުކުރުވަން ޖެހިފައި
ވައްކަން ކުރުން މިވަނީ އާއްމު ވެފައެވެ. މާލެއާއި އަތޮޅުތަކުގައިވެސް ކޮންމެ ދުވަހަކު ވައްކަމުގެ އެތައް މައްސަލައެއް މިދަނީ ފެންމަތި ވަމުން ނެވެ. މިކަމުގައިވެސް އިސްކޮށް ތިބީ ފުރާވަރުގެ ޒުވާނުން ނެވެ. ޅައުމުރުން ނެއްޓި ޒުވާން ލޭގެ އަހުލުވެރިން ނެވެ.
ވައްކަމުގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވެ ގިނަވަމުންދާއިރު އެކަމަށް ހައްލު ހޯދާނެ ގޮތެއް މިހާރުން މިހާރަންވެސް މިވަނީ ހޯދަން ޖެހިފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފޭރުމާއި ވައްކަމުގެ މައްސަލަތައް މައްޗަށްދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން 2006 ވަނަ އަހަރު ހުށަހެޅުނުކަމަށް ފުލުހުންގެ ސައިޓްގައި ބުނެފައި ވަނީ 3040 މައްސަލަ އެވެ. މިދިޔަ އަހަރު 4212 މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ގެ ސައިޓް ބުނެއެވެ. މިއީ 2006 ވަނަ އަހަރަށް ވުރެ 1172 މައްސަލަ އިތުރު އަދަދެކެވެ. އަހަރުން އަހަރަށް މިގޮތަށް އިތުރުވަމުން ދާނަމަ މިއީ މަސްތުވާތެކެތީގެ މައްސަލަ ފަދައިން ހައްލުކުރަން އުނދަގޫ މައްސަލައަކަށް ވުމަކީ ގާތްކަމެކެވެ.
ވައްކަމުގެ މައްސަލަތަކުގެ އަސްލާ ގުޅިފައިވާ އެއްކަމަކީ މަސްތުވާ ތަކެތީގެ މައްސަލަ އެވެ. މުޅި ގައުމުގައި މަސްތުވާތަކެތީގެ މައްސަލަ އާއްމުވެ އެއާ ނުލާ ނޫޅެވޭ ދަރަޖައަށް ބައެއް ޒުވާނުން ދިއުމުގެ ނަތީޖާއަކަށްވީ ވައްކަން ކުރުން އާއްމު ވުމެވެ.
” ހަގީގީ މައްސަލަ އަކީ މަސްތުވާ ތަކެތި ބޭނުން ކުރުން. އެކަމަށް ފައިސާ ހޯދުމަށް ވައްކަން ކުރަނީ. އެކަމާ އެދި ވައްކަންކުރިންވެސް އާއްމުވެގެން މިދަނީ. މިކަމުގައި ޒުވާނުން އުޅޭކަމީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. އާއިލާތަކާއި, ރައްޓެހިންނާއި އަވައްޓެރިންގެ އިހްތިރާމާއި އިތުބާރު މިއަދު މިވަނީ ގެއްލިފައި. އިތުބާރު ކުރެވޭނެ މީހެއްނެތް. ވައްކަމާހެދި މިއަދު ކޮންމެ މީހަކަށްވެސް ޝައްކުގެ އިނގިލި އެބަދިއްކުރެވޭ. މިއީ ހައްލުކުރަން ޖެހޭ މައްސަލައެއް.“ ކައުންސެލަރަކު ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މަޒީނާ ޖަމީލް ވިދާޅުވީ ވައްކަން ކުރުމުގައި ފުރާވަރު ޒުވާނުން އިތުރުވަމުން ދިއުމަކީ ބޮޑު މައްސަލައެއްކަމަށާއި އެކަން ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ.
” ކަމެއްގެ ހައްލު ހޯދުމަކީ ބޮޑުކަމެއް. ހަމަ ޓަސްލާފައި ބުނާކަށް ނޭނގޭނެ އެކަމެއްގެ ހައްލު އޮތްގޮތެއް. އެހެން ނަމަވެސް ދިރާސާތައްކޮށް, އެކަން ތަހްލޫލުކުރަންޖެހޭ. އެއީ މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ކަމެއް. މިކަންވެސް އާއްމުވަމުން ދާއިރު އެކަން ނުކުރެވޭނަމަ އަޅަންވީ ފިޔަވަޅުތަކެއް ނޭނގޭނެ.“ މަޒީނާ ވިދާޅުވި އެވެ.
ވައްކަމުގެ ތެރެއަށް ޒުވާނުން ވަންނަ މައިގަނޑު އެއްސަބަބުކަމަށް މިއަދު ބެލެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލަ އެވެ. އެކަން އާއްމުވުމުގެ ސަބަބުން ދިމާވެގެން އުޅޭކަންތައްތަކެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތަކުގެ ސަބަބުން ހައްޔަރު ކުރެވޭ މީހުންނަށް ބަލާއިރު އެމީހުންފެ ފަސްމަންޒަރުގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ލިސްޓެއް ލިޔެވިފައި ވެއެވެ.
މީގެ އިތުރުން ބޮޑެތި ވައްކަން އާއްމުވެ, އާއްމުންނަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވަމުން ދާއިރު އެމީހުން ހައްޔަރު ނުކުރެވޭކަމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްެދަލުވުމެއްގައި ފުލުހުން ހާމަކޮށްފައިވަނީ ބޮޑެތި ވައްކަންތައް ކުރާ މީހުން އެނގޭކަމަށާއި އެމީހުން ހައްޔަރުވެސް ކުރެވިދާނެ ކަމަށެވެ.ނަމަވެސް ގާނޫނީ ހުރަހެއް އެކަމުގައި ދިމާވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް ސަބް އިންސްޕެކްޓަރ ޢަބްދުﷲ ނަވާޒް ވިދާޅުވީ ވައްކަން ކުރާ މީހުން ހައްޔަރުކުރި ނަމަވެސް އެމީހުންނާމެދު މައްސަލަ ސާބިތުކުރުމަށްޓަކައި ގާނޫނީ ހުރަހެއް އެބައޮތްކަމަށާއި ފުލުހުންނާ ގުޅުންހުރި ބިލުތައް ފާސްވެ ގާނޫނަކަށް ވުމުން އެކަން ކުރެވިދާނެ ކަމަށެވެ.
” ވާގޮތަކީ މިހާރު އޮތްގޮތުން ހައްޔަރު ކުރިއަސް އެމީހުންގެ މައްސަލަ ސާބިތު ކުރުމަށްޓަކައި މިހާރު އެބަ ބޭނުންވޭ ވަރަށްބޮޑެތި އެވިޑެންސް. އެހެންވީމާ ފުލުހުންގެ ގާނޫނާ ޖިނާއީ އިޖުރާއަތުގެ ގާނޫނު އަދި ހެއްކާބެހޭ ގާނޫނު އައުމުން މިކަން ހައްލުކުރުމަށް ފަސޭހަ ވެގެންދާނެ“ ނަވާޒް ވިދަޅުވިއެވެ.
ނަވާޒް ވިދާޅުވީ އެބިލުތައް އައުމުން ފުލުހުންގެ މަސައްކަތަށް ވަރަށްބޮޑު ހަލުވިކަމަކާއި ކުރިއެރުމެއް ލިބިގެން ދާނެ ކަމަށާއި އެގާނޫނުތައް އައުމުން އެއާއެއްގޮތަށް މަސައްކަތް ކުރުމަށް ބައެއް ތަމްރީނުތައް ބޭނުންވިނަމަވެސް ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންތައްތައްކޮށް ކުށްވެރިން ހޯދާ ހައްޔަރުކުރުމުގެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.
”ބޭނުންވަނީ ގާނޫނުތައް. އެގާނޫނުތައް އައުމުން އެކަންކުރެވޭނެ ކެޕޭސިޓީ މިހާރުވެސް އެބަހުރި“ ނަވާޒް ވިދާޅުވިއެވެ.
ފުލުހުންގެ ވާހަކަތަކުން ދޭހަވީ ވައްކަން ކުރާ ބޮޑެތި ކުށްވެރިން ހައްޔަރު ނުކުރެވިގެން އުޅެނީ ގާނޫނީ ހުރަސްތަކެއް އެކަމުގައި ހުރެގެން ކަމަށެވެ. އެކަމުގެ ނާޖާއިޒު ފައިދާ ވަގުން ނަގަމުން ގެންދާކަމާއި, ވައްކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަންވެސް ފުލުހުންގެ ވާހަކަތަކުން ދޭހަވި އެވެ. ޅަފުރައިގެ ޒުވާނުން ބޮޑެތި ވައްކަމުގެ ތެރެއަށް ވެދެގެން ދާއިރު, ގާނޫނީ ހުރަސްތަކެއް ހުރުމުން އެކަން ނުހުއްޓިވި ދިގުދެމިގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.