
ހޮލީވުޑްތަރި ވިލް ސްމިތްއަކީ އޭޝްވަރްޔާގެ މާބޮޑު ފޭންއެއް
ހޮލީވުޑްގެ މަޝްހޫރު އެކްޓަރ ވިލް ސްމިތް ހާމަކުރިގޮތުގައި އޭނަޔަކީ އޭޝްވަރްޔާގެ ވަރަށް ބޮޑު ފޭނެކެވެ. ވިލް ސްމިތް އިތުރަށް ހާމަކުރިގޮތުގައި އޭނާގެ އެންމެ ފަހުން ރިލީސްވެފައިވާ ފިލްމި ހެންކޮކްގައި އަންހެންތަރިއެއްގެ ބައި ކުޅުމަށް އޭނާގެ އެންމެ ފުރަތަމަ ޗޮއިސްއަކީވެސް އޭޝްއެވެ. އެހެން ނަމަވެސް އޭޝް އެކި ސަބަބުތަކާހުރެވަނީ މި ފިލްމުގައި ހަރަކާތްތެރިނުވެވޭނެކަމަށް ބުނެފައެވެ. އޭޝްގެ ބަދަލުގައި ވިލްގެ މި ފިލްމުގައި އަންހެންތަރިއެއްގެ ބައި އަދާކޮށްފައިވަނީ އޮސްކަރ ހާސިލްކޮށްފައިވާ ކުޅަދާނަ އެކްޓްރެސް ޗާލިޒް ތެރަންއެވެ.
އޭޝް ވިލްގެ ހުށަހެޅުން މިފަހަރު ޤަބޫލު ނުކުރިކަމުގައިވިޔަސް ވިލް އުއްމީދު ކުރަނީ އެހެނ ފަހަރަކުން ނަމަވެސް އޭޝްއާއެކު މަސައްކަތްކުރުމަށެވެ. ވިލް ބުނާގޮތުގައި އޭނާއާ އޭޝްގެ ޖޯޑު ބެލުންތެރިންނަށް ވަރަށް ކަމުދާނެއެވެ. އޭޝްއާއެކު މަސައްކަތް ކުރުމަށް ކޮންމެކަމެއްކަމެއްވެސް ކުރާނެކަމަށް ބުނާ ވިލް އަކީ ހޮލީވުޑްގެ އެންމެ ނަން ހިނގާ އަދި އެންމެ ގިނަ ކާމިޔާބު ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ އެއްތަރިއެވެ.
އިންޑިޕެންޑެންސް ޑޭ ގެ ތަރި ވިލްއަކީ އިންޑިއަން ފިލްމު އިންޑަސްޓްރީގެވެސް ވަރަށް ބޮޑު ސަޕޯޓަރެކެވެ. ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރުމުގެ އުއްމީދުގައި ހުރި ވިލް ބުނާގޮތުގައި އިންޑިއަން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބަޔެކެވެ. ބޮލީވުޑް ފިލްމެއްގައި ހަރަކާތްތެރިވުމާބެހޭ ގޮތުން ޑައިރެކްޓަރ ކަރަން ޖޯހަރުއާ ވާހަކަދައްކާފައިވާނެކަމަށް ބުނާ ވިލްއަކީ އިންޑިއަން ފިލްމަށާއި އެމީހުންގެ މިއުޒިކް އަދި ނެށުންތަކަށް ވަރަށް ލޯބިކުރާ މީހެއްކަމަށްވެއެވެ.