ޖާނޭ ތޫ ޔަ ޖާނޭނާ ރިލީސްކުރި ހަފްތާގައިވެސް 150 މިލިއަން ރުޕީސް ހޯދައިފި
ހެއްވާ ލޯބީގެ ފިލްމު ޖާނޭ ތޫ ޔަ ޖާނޭ ރިލީސްކުރި ފުރަތަމަ ހަފްތާގައި 150 މިލިއަން އިންޑިއަން ރުޕީސް ހޯދައިފިއެވެ. އާމިރު ޚާން ޕްރޮޑަކްޝަންއާ ޕީވީއާރް ސިނެމާ އެކުވެގެން އުފައްދާފައިވާ މި ފިލްމުގައި ތަރިއެއްގެ ބައި އަދާކޮށްފައިވަނީ ހުދު އާމިރުއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަމަށްވާ އިމްރާން ޚާންއެވެ. މިއީ އިމްރާންގެ ފުރަތަމަ ފިލްމްވެސްމެއެވެ. މި ފިލްމުގައި ފެނިގެންދަނީ މުޅިންވެސް ފިލްމު އިންޑަސްޓްރީއަށް އާ މޫނުތަކެވެ. ފިލްމުގެ އަންހެން ތަރިއެއްގެ ބައި އަދާކޮށްފައިވަ ޖެނީލިއަ ޑީސޫޒާއަކީ މި އިންޑަސްޓްރީއަށް މުޅީން އާ ތަރިއެއްނޫން ނަމަވެސް މިއީ ލީޑް ރޯލަކުން އޭނާވެސް ފުރަތަމަ ފެނިގެން ދިޔަފިލްމެވެ. ބުނެވޭ ގޮތުގައި މި ފިލްމްގެ ކާމިޔާބީއަކީ ޖެނީލިއާ ބޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް ލިބުނު ވަރަށް ރަގަޅު ފުރުސަތެކެވެ. އަދި ރަގަޅު ހުށަހެޅުންތައްވެސް އޭނާޔަށް ލިބޭނެ ކަމަށް ގިނަބަޔަކު ބުނެއެވެ.