
ޖުމްހޫރީ ޕާޓީ އުފެއްދުމާއި ގާސިމް އިބްރާހިމް އެޕާޓީއާ ގުޅޭ ހިސާބު
ސިނާން ޢަލީ
ޖުމްހޫރީ ޕާޓީ އުފެއްދުމުގެ މަރުޙަލާގައި އެ ކަމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތި ލާނީ ވަރަށް ބަރުދަން ބޮޑު ބޭފުޅެކެވެ. އެ ބޭފުޅަކު ވާނީ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅަކަށެވެ. ރައްޔިތުން ބަލައިގަންނަ ބޭފުޅަކަށެވެ. ސިޔާސީ ބާޒާރުގައި ވިއްކަން ފަސޭހަ ނަމަކަށެވެ. މި ބަރުދަން ބޮޑު, ރައްޔިތުންގެ މަޤުބޫލުކަން އޮތް, ރައްޔިތުން ބަލައިގަންނަ އަދި ވިއްކަން ފަސޭހަ ރިޔާސީ ކެންޑިޑޭޓުގެ ނަން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރަނީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމް އެވެ.
ފައިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުން އަޅުގަނޑާ ޤާސިމް އިބްރާހީމާ ބައްދަލުވެގެން މި ސުވާލު އަޅުގަނޑު އޭނާއާ ކުރީމެވެ. ދެން އޮތީ ޖުމްހޫރީ ޕާޓީގެ ކުލަތޯ ދެފަހަރު މަތިން އަޅުގަނޑު ކުރި ސުވާލަށް އެއްވެސް ޖަވާބެއް އޭނާ ނުދެއްވަ އެވެ. އާނއެކޭ ވެސް ނުވަތަ ނޫނެކޭ ވެސް ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި ދެއްވީ އޭނާގެ މަޝްހޫރު ހިނިތުންވުމެވެ. އޭގެން އަޅުގަނޑު ނަގާނެ މާނައެއް ނަގާށޭ ވިދާޅުވި ކަހަލަ އެވެ. އެހެން ނަމަވެސް ކަމެއް ދޮގު ނުކުރެއްވުމަކީ ކަމަކަށް އާނއެކޭ ވިދާޅުވުން ކަމަށް ޤަބޫލު ކުރާނެ ޖާގައެއް ނެތެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާ އިރު ޤާސިމް އިބްރާހީމާ މެދު ދެ ގޮތަކަށް ވިސްނިދާނެ އެވެ. އޭނާ ފިޔަވައި ޖުމްހޫރީ ޕާޓީން އެ ބުނާ ފަދަ ބަރުދަން ބޮޑު އެހެން ބޭފުޅަކު ސިޔާސީ މަސްރަހުގައި ނެތް ކަމަށް އެއް ބަޔަކު ބުނެފާނެ އެވެ. އެހެން ނަމަވެސް ޤާސިމް އިބްރާހީމަކީ ޤައުމުގެ ރައީސް ކަމަށް އެކަށީގެންވާ މީހެއް ކަމަށް ނުދެކޭ މީހުން ވެސް މަދު ނުވެދާނެ ކަމަށް ޤަބޫލު ކުރަން ޖެހެ އެވެ. ވިސްނާލަން ޖެހޭ ނުކުތާ އަކީ ޖުމްހޫރީ ޕާޓީއާއިގެން ނުކުމެ ތިބި ފަހުލަވާނުންނާއި ޤާސިމް އިބްރާހީމާ ގުޅުން އޮތް މިންވަރާއި ހާލަތު ބަދަލު ވަމުން އަންނަ ގޮތް ގުޅި ލާމެހިފައި އޮތް މިންވަރެވެ.
ރައީސް މައުމޫނުގެ ރިޔާސީ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނަވާނެ އެއް ބޭފުޅަކީ ޤާސިމް އިބްރާހީމް ކަމަށް ޤާސިމް ފައިނޭންސް މިނިސްޓަރު ކަމުން އިސްތިޢުފާ ދެއްވުމުގެ އެއް ދުވަސް ކުރިން އޭނާގެ ވަރަށް ގާތް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަޅުގަނޑު ގާތު ވިދާޅުވި އެވެ. ފައިނޭންސް މިނިސްޓަރު ކަމުން އިސްތިޢުފާ ދިން ނަމަވެސް ޑީއާރްޕީ އިން ޤާސިމް ވަކި ނުވާނެ ކަމަށް, މިނިސްޓަރު ކަމުން ޤާސިމް އިސްތިޢުފާ ދެއްވި ދުވަހު ޤާސިމްގެ ގާތް އެހެން ބޭފުޅަކު ވިދާޅުވި އެވެ. ކަންތައްތައް ވެގެން މި ދިޔައީ އެ ދެ މެންބަރުން ވިދާޅުވި ގޮތާ ވެސް ދިމާ އިދިކޮޅަށެވެ.
ޤާސިމް އިބްރާހީމްގެ ހަޤީޤަތް އެނގޭ ބަޔަކު ތިބެ ދާނެ އެވެ. އެކަމަކު އޭނާ ދަތުމުގައި ގިނަ ބަޔަކު ވަނީ އޮޅުމެއްގެ ތެރޭގައި ކަމަށް ޤަބޫލު ކުރެވޭނެ ޖާގަ އެބަ އޮތެވެ. މިސާލަކަށް ބަލާ ނަމަ ރައީސް މައުމޫނުގެ ސަރުކާރުން އޭނާއަށް އިސްކަން ދެއްވީ ކޮން އުސޫލަކުންތޯ ވިސްނާލަން ޖެހެ އެވެ. އެއްބަފާ ކޮއްކޯފުޅު ޔާމީނާއި ޤާސިމްގެ ކޯޅުމުގައި ވެސް އޭރު ކުރި ހޯއްދެވީ ޤާސިމެވެ. އަބަދުވެސް ބޭބެއަށް ހެޔޮ އެދޭ ކަމަށް މަޝްހޫރު ވެފައިވާ ކޮއްކޯފުޅަށް ޖެހިވަޑައިގެންނެވީ ކެބިނެޓު ވެސް ދޫކުރައްވައި އެއްކައިރިއަށް ޖެހިވަޑައިގެން ކުޅިބައްލަވަން ހުންނަވާށެވެ. އޭރު ރައީސް މައުމޫނުގެ އަރިހުގައި ޤާސިމްގެ ބަރުދަން ބޮޑުވީ ނުވަތަ މަޤުބޫލުކަން ބޮޑުވީ ކީއްވެ ބާވައެވެ؟ މައުމޫން ޤާސިމް ގާތް ކުރެއްވީ ކޮން ސިޔާސަތެއްގެ ދަށުން ބާވަ އެވެ؟ މިހާރު ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކާ ގޮތުން ނަމަ ޤާސިމް ދެނެގަތުމުގައި މައުމޫނަށް ވެސް އޮޅިވަޑައިގަތީ އެވެ. އަނބިކަނބަލުން ނަސްރީނާ އާއި ޅިޔަނު އިލްޔާސް އިބްރާހީމް ބޭނުންފުޅުވާ ގޮތް ނޫން އެހެން ގޮތެއް ޤާސިމް ނުހައްދަވާނެ ކަމަށް ޢާންމުން ވާހަކަ ދައްކާތީ އިވެއެވެ. އެއީ ތެދެއް ކަމަށް ވާނަމަ މުގޫ ވެސް މި އޮތީ ލުހިފައި ކަމަށް ވެދާނެ އެވެ.
ޤާސިމް ހުންނެވީ އޭނާގެ ސިޔާސީ އެޖެންޑާ ތަކުގެ ކޮޅުތައް އެކި ދިމަދިމާއަށް އުއްކަވައިގެންނެވެ. އެހެން ނޫން ނަމަ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި އިރު ގިނަ ޕާޓީ ތަކުގެ އިސް ސަފުގައި ނުވަތަ ލީޑަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ ވަރަށް ގާތް ބޭފުޅުން ނުވަތަ ވިޔަފާރި ޕާޓްނަރުންނަށް ވުމަކީ އިއްތިފާޤަކަށް ވެދާނެ ބާވައެވެ؟ އަދި މިހާރު އުފެދިފައިވާ ވަރަށް ގިނަ ސިޔާސީ ޕާޓީ ތަކަށް ޤާސިމް ޚަރަދު ކުރައްވާ ކަމަށް ދެކެވޭ ވާހަކަ އަކީ ވެސް އެއްވެސް އަސްލެއް ނެތް ވާހަކަ އަކަށް ވެދާނެ ބާވައެވެ؟
ޤާސިމްގެ ވަރަށް ގާތް އަދި ޖުމްހޫރީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު އަޅުގަނޑު ގާތުގައި ވިދާޅުވީ ކަންތައްތައް ވަމުންދާ ގޮތާއި ހާލަތާ ގުޅުވުން އެއީ ކަލޭމެން ލިޔާ މީހުންގެ ކަމެއް ކަމަށެވެ. ”އަހަރެމެން އޮންނާނީ ބުނެފަ އަހަރެމެންގެ ޕާޓީން ނެރޭ ރިޔާސީ ކެންޑިޑޭޓު ވާނޭ ބަރުދަން ބޮޑު އަދި ރައްޔިތުން ޤަބޫލު ކުރާ މީހަކަށް. ދެން މިހާ ހިސާބުން ސިޔާސީ މަސްރަޙުގައި ކަންތައްތައް ހިނގާ ގޮތާ އަހަރެމެން ދައްކާފައި ހުރި ވާހަކަތަކަށް ބަލައި ހާލަތާ ގުޅުވާލުން އެއީ ކަލޭމެންގެ ކަމެއް,“ އެ ބޭފުޅާ އަޅުގަނޑު ގާތު ވިދާޅުވިއެވެ.
ދެކެވޭ ވާހަކަ ތަކާ ހާލަތާ ގުޅުވާލަން ޖެހޭ ވަގުތު މިހާރު މި އަންނަނީ ކުޑަތަން ވަމުން ކަމަށް ޤަބޫލު ކުރެވޭނެ ޖާގަ މިހާރު އެބަ އޮތެވެ. ސިޔާސީ ދާއިރާގެ ވަރަށް ގިނަ ބަޔަކު މިހާރު ބުނަމުން އަންނަނީ ޤާސިމް އިބްރާހީމް ޖުމްހޫރީ ޕާޓީއަށް ވަނުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ. އެކަމަކު ޤަބޫލު ކުރަން ވަރަށް ދަތި ވާހަކައެއް ވެސް ޤާސިމްގެ ވަރަށް އަރިސް ބޭފުޅެއްގެ ފުށުން އިވިއްޖެ އެވެ. އެއީ ޤާސިމާއި ޔާމީން ގުޅިވަޑައިގަންނަވާ ވާހަކަ އެވެ.
މީ ކިހިނެއް ވާނެ ކަމެއް ބާވައޭ ވެސް ހިތަށް އަރަ އެވެ. އެކަމަކު ކަންތައްތައް ވަމުންދާ ގޮތަށް ބަލާ އިރު އެއްވެސް ކަމެއް ނުވާނޭ ބުނެވޭކަށް ނެތެވެ. އެހެން ކަމުން މިހާރުގެ ސިޔާސީ މަސްރަޙު އެ ކަމަށް ވެސް ޖާގަ ދެއެވެ. އޭގެ އިދިކޮޅަށް ނަމަ ޖުމްހޫރީ ޕާޓީން އެ ބުނާ ބަރުދަން ބޮޑު ކެންޑިޑޭޓަކީ ޤާސިމް އިބްރާހީމް ކަމަށް ވުން ކައިރި އެވެ. އެހެން ކަމަށް ވާނަމަ ޖުމްހޫރީ ޕާޓީ އުފެދުމާއި ޤާސިމް އިބްރާހީމް އެ ޕާޓީއޭ ގުޅޭ ހިސާބު މިހާރު މި އަންނަނީ ފެންނަމުންނެވެ.