މުހައްމަދު ކަލީމު ބަލިކޮށް ޕްރެޒިޑެންޓަކަށް އާޒިމް

މުހައްމަދު ޝަނޫން ޖުލައި 20، 20:27 0 ޚިޔާލު

އެފް އޭ އެމުގެ ފުރަތަމަ އިންތިހާބުގައި އެންމެ ޝަރަފުވެރި މަޤާމު ކަމަށްވާ ޕްރެޒިޑެންޓްގެ މަޤާމަށް މުހައްމަދު ކަލީމާ ވާދަކޮށް އަލީ އާޒިމް ކާމިޔާބު ހޯއްދަވައިފި އެވެ.

މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގައި ބޭއްވި އިންތިހާބުގައި ޕްރެޒިޑެންޓްގެ މަޤާމަށް އަންނާނެ ކަމަށް ކުރިންވެސް އަޑުތައް ފެތުރިފައިވާ އާޒިމް ކާމިޔާބު ހޯދީ 7 ވޯޓު ލިބިގެންނެވެ. އާޒިމާ ވާދަކުރެއްވި ކުރީގެ ޤައުމީ ޓީމުގެ ކެޕްޓަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ކަލީމަށް ލިބުނީ 4 ވޯޓެވެ.

ވައިސް ޕްރެޒިޑެންޓް ކަމަށް އާޒިމްގެ ބައިވެރިޔާ ހިޔަލީ މުހައްމަދު ރަޝީދު ހޮވުނީ 6 ވޯޓު ލިބިގެންނެވެ. ހިޔަލީ އާއި އެންމެ ބޮޑަށް ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ވިކްޓަރީގެ ކުރީގެ ކޯޗު މައުރޫފް އަހްމަދު(މާއްޓޭ) ދިޔައީ ތިންވަނަ އަށެވެ. މާއްޓޭއަށް ލިބުނީ އެންމެ ދެ ވޯޓެވެ. ވައިސް ޕްރެޒިޑެންޓްކަމުގައި ދެވަނަ ހޯދީ ކޯޗު މުހައްމަދު އާދަމެވެ. އޭނާ ވަނީ ތިން ވޯޓު ހޯދާފައެވެ.

އެންމެ ފޯރިގަދަވެގެން ދިޔައީ އެގްޒެކްޓިވް ކޮމެޓީގެ 5 ޖާގައަށް މީހުން ހޮވުމުގައެވެ. 9 މީހުން ވާދަކުރިއިރު 3 މީހުން ވަނީ 10 ވޯޓު ހޯދާފައިގެން ފުރަތަމަ ބުރުން ކާމިޔާބު ހޯދާފައެވެ. އެއީ ވިޔަންސާގެ ޗެއާމަން މުހައްމަދު ވިސާމާއި އީގަލްސްގެ ފައުންޑަރ މުހައްމަދު ތައުފީޤު އަލީ އާއި ބީޖީގެ ޗެއާމަން މާދިހު އިސްމާއީލެވެ. ދެން ހޮވުނީ ވިކްޓަރީގެ ވައިސް ޕްރެޒިޑެންޓް ޕެރިސް އަހްމަދު ނަސީމެވެ. އެއީ 7 ވޯޓު ލިބިގެންނެވެ. 5 ވަނަ ޖާގައަށް ދެ މީހުން އެއްވަރުވީއެވެ. އެއީ މާޒިއާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބާއި މެކާނޯގެ އަބްދުލް މުހުސިން އަލީ އެވެ. މިއިން ކޮންމެ މީހަކަށްވެސް ލިބުނީ 5 ވޯޓެވެ. ގުރައިދޫގެ ޓިކެޓެއްގައި ކުރިމަތިލި ވެލެންސިއާގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުހައްމަދ(ދޮނާ)އަށް ލިބުނީ 4 ވޯޓެވެ. މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާގެ ފަރާތުން ކުރިމަތިލި ވިކްޓަރީގެ ކުރީގެ މެނޭޖަރ މުހައްމަދު އިބްރާހީމް(ކައްޕި) އާއި ވެލޯޒިއާގެ ފަރާތުން ކުރިމަތިލި އިބްރާހީމް ރަމީޒަށް ލިބުނީ 2 ވޯޓެވެ. އެހެންކަމުން ހޮވުނު 4 ފަރާތް ފިޔަވާ އަނެއް 5 މީހުން ހިމަނައިގެން އަނެއްކާވެސް ޖެހުނީ ވޯޓެއްލާށެވެ.

ދެވަނަ ބުރުގައި ލީ ވޯޓުވެސް ނިމުނީ އެއްވަރުވެގެންނެވެ. މިފަހަރު ވައްހާބާއި އެއްވަރުވީ އަހްމަދު މުހައްމަދު)ދޮނާ( އެވެ. ކޮންމެ މީހަކަށް ލިބުނީ 5 ވޯޓެވެ. މިބުރުގައި ރަމީޒަށް އެއް ވޯޓު ލިބުނުއިރު ކައްޕި އާއި މުހުސިނަށް އެންމެ ވޯޓެއްވެސް ނުލިބެއެވެ.

ތިންވަނަ ބުރުގައި ވާދަކުރީ ދޮނާ އާއި ވައްހާބެވެ. މިފަހަރު ދޮނާ ކުރި ހޯދީ 6 ވޯޓު ހޯދައިގެންނެވެ. ވައްހާބަށް ލިބުނީ 5 ވޯޓެވެ.

އިންތިހާބުގެ ކަންތައް ކުރިއަށް ދިޔައީ ފީފާ އާއި އޭ އެފް ސީގެ އޮބްޒާވަރުންގެ ބެލުމުގެ ދަށުންނެވެ. އިންތިހާބުގެ ކަންތައް ބެލުމަށްޓަކައި އޭ އެފް ސީގެ ޖެނެރަލް ސެކްރެޓަރީ ޕޯލް މަނީވެސް ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. އިންތިހާބު ހިނގަމުންދިޔައިރު ޓީވީ މޯލްޑިވްސްގެ ކެމެރާމަނާއި ނޫސްވެރިޔާ ފިޔަވާ އެހެން ހުރިހާ ނޫސްތަކެއްގެ މީހުން ވަނީ އިންތިހާބު ބާއްވާ ހޯލުން ނެރެފައެވެ. މިކަމާ ހިތްހަމަ ނުޖެހިގެން އެފް އޭ އެމުން އިންތިހާބަށްފަހު ބޭއްވި ނޫސްކޮންފަރެންސް ވަނީ ބޯއިކަޓް ކޮށްފައެވެ.

އިންތިހާބުގައި ވާދަކުރެއްވި މުހައްމަދު ކަލީމް ވިދާޅުވީ އިންތިހާބުގެ ކަންތައްތައް ކުރިއަށް ދިޔަ ގޮތާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި އެހެން ނަމަވެސް ފެނިގެން ދިޔައީ މިތަނަށް އައިއިރު އުއްމީދު ކުރި ނަތީޖާ ނޫން ކަމަށެވެ. ”ވަރަށް ބޮޑު އުއްމީދަކާއެކު އައީ“ ކުރިންވެސް އެފް އޭ އެމުގެ ޗެއާމަންކަން ކުޑަ ދުވަސްކޮޅަކު ކުރައްވާފައިވާ ކަލީމް ވިދާޅުވިއެވެ.

ވައިސް ޕްރެޒިޑެންޓް ކަމަށް ވާދަކުރެއްވި މުހައްމަދު އާދަމް ވިދާޅުވީ ތިން ވޯޓަކީ ވަރަށް ރަނގަޅު ކާމިޔާބެއް ކަމަށެވެ. ”އަޅުގަނޑަކީ ވަކި ބަޔަކާ ގުޅިގެން އެއްވެސް ނުފޫޒެއް އޮވެގެން މަސައްކަތް ކުރި މީހެއް ނޫން. މާބޮޑު ކެމްޕޭނެއްވެސް ނުކުރެވި 3 ވޯޓު ލިބުމަކީ ހަމަ ވަރަށް ރަނގަޅު ކާމިޔާބެއް.“ މުހައްމަދު ވިދާޅުވިއެވެ.

އިންޓަރިމް ކޮމެޓީގެ ޗެއާމަން އަހްމަދު ޝާހިރު ވިދާޅުވީ މާދަމާ އާ ހިންގާ ކޮމެޓީއާއެކު ބައްދަލުކުރާނެ ކަމަށާއި އެބޭފުޅުންނަށް ވަރަށް އަވަހަށް މަސައްކަތްތައް ހަވާލު ކުރާނެ ކަމަށެވެ. އަދި އަބަދުވެސް ފުޓްބޯޅައަށް ޚިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމަށް ޝާހިރު ވިދާޅުވިއެވެ.

ޕްރެޒިޑެންޓް ކަމަށް ކުރިމަތިލުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އާޒިމް ވިދާޅުވެފައިވަނީ 4 އަހަރުގެ ޕްލޭނެއް މިހާރުވެސް ތައްޔާރުކޮށްފައިވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ގޮތެއް ހަދާ ދިނުމަށް ކަމަށެވެ.

އިއްޔެގެ އިންތިހާބު ކުރިއަށްދިޔައިރު މިއީ އިންސާފުވެރި އިންތިހާބެއް ނޫންކަމަށް ބުނެ ހާމިދު އަބްދުލް ޤަފޫރާއި އަތޮޅުތަކުގެ ބައެއް ކްލަބްތަކުން ލިޔުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިއްބެވެ. ނަމަވެސް އެތަނަށް އެއްވި މަދު އަދަދެއްގެ ބަޔަކު މާގިނައިރެއް ނުވެ އެ ސަރަހައްދުން ވަނީ ގޮސްފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv